އޭޖީގެ އެހީ އަށް މައުމޫން އެދިވަޑައިގެންފި
އޭޖީގެ އެހީ އަށް މައުމޫން އެދިވަޑައިގެންފި

ރައީސް އަބްދުﷲ ޔާމީން މަސައްކަތްޕުޅު ކުރައްވަމުން ގެންދަވަނީ ޕީޕީއެމްގެ ބާރުތައް އަތުލައްވައި "އަޅުގަނޑު އެކަހެރި ކުރަން" ކަމަށް ވިދާޅުވެ، އެ މައްސަލާގައި އެޓާނީ ޖެނެރަލްގެ އެހީ އަކަށް ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އެދިވަޑައިގެންފި އެވެ.

އެޓާނީ ޖެނެރަލް މުހައްމަދު އަނިލް އަށް މިދިޔަ ހޯމަ ދުވަހު ފޮނުއްވި ސިޓީގައި މައުމޫން ވަނީ ޕާޓީގެ ރައީސްގެ ހައިސިއްޔަތުން މައުމޫނަށް ލިބިވަޑައިގެންފައިވާ ބާރުތައް އަނބުރާ ދިނުމަށް ޕާޓީގެ މުސްތަޝާރަށް އަންގަވައި ދެއްވުމަށް އެދިވަޑައިގެންފަ އެވެ. އަދި ޕީޕީއެމް ކައުންސިލްގެ ދެ މެމްބަރަކު ސިވިލް ކޯޓުގައި ދައުވާކުރެއްވީ ޕާޓީގެ މައްޗަށް ކަމަށް ވިއަސް ހުކުމް ކޮށްފައިވަނީ އެ މައްސަލައިގެ ހަސްމަކަށް ނުހިމެނޭ ފަރާތެއްގެ މައްޗަށް ކަމަށް ސިޓީގައި ވެ އެވެ. އެފަދަ މައްސަލަތަކުގައި އޭޖީން މީގެ ކުރިން ވެސް މަސައްކަތް ކުރައްވާފައިވާ ކަމަށް ވިދާޅުވެ، އޭގެ އެއް މިސާލެއްގެ ގޮތުން "ހަވީރު" ނޫހުގައި ކުރިން މަސައްކަތް ކުރެއްވި މުވައްޒަފުންގެ މައްޗަށް ސިވިލް ކޯޓުން ކުރި ހުކުމް ނެންގެވި އެވެ.

"ދުވަހު ނޫސް ހަވީރުގެ ކުރީގެ މުވައްޒަފުންނާ ބެހޭގޮތުން މީގެ ކުރިން ސިވިލް ކޯޓުން ނިންމާފައިވާ ގަޟިއްޔާއާ ގުޅިގެން، އެ މައްސަލަ އެޓާނީ ޖެނެރަލްގެ އޮފީހުން ދިވެހިރާއްޖޭގެ ހައިކޯޓަށް އިސްތިއުނާފުކުރުމަށް ހުށަހަޅުއްވާފައި ވެ އެވެ،" އެ ސިޓީގައި މައުމޫން ވިދާޅުވި އެވެ.

މައުމޫން ވިދާޅުވީ ސިވިލް ކޯޓުގެ ހުކުމުން ބާރު ލިބިގެން ކަމަށް ވިދާޅުވެ ރައީސް ޔާމީން ޕީޕީއެމް ހިންގަވަމުން ގެންދަވަނީ ޕާޓީގެ އަސާސީ ގަވާއިދާ ހިލާފަށް ކަމަށެވެ. ޕާޓީގެ މުސްތަޝާރަކީ ޕާޓީ ހިންގުމުގައި އަމަލީ އަދި ޕާޓީގެ ސިޔާސަތުތައް ކަނޑައެޅުމުގައި ވެސް އަމަލީ އެއްވެސް ދައުރެއް އޮންނަ ފަރާތެއް ނޫން ކަމަށް އަސާސީ ގަވައިދުގައި ބަޔާންކޮށްފައިވާ ކަމަށް މައުމޫން ވިދާޅުވި އެވެ.

އެހެންކަމުން ޕީޕީއެމްގެ ތެރޭގައި މިހާރު އުފެދިފައިވާ މައްސަލަތައް ހައްލުކޮށްދެއްވުމަށް ގާނޫނުގެ ތެރެއިން އޭޖީ އަށް ލިބިވަޑައިގެންފައިވާ ބާރުގެ ބޭނުން ކުރެއްވުމަށް އެ ސިޓީގައި މައުމޫން ވަނީ އެދިވަޑައިގެންފަ އެވެ.

ޕީޕީއެމްގެ މައްސަލަ ހައްލުކޮށްދެއްވުމަށް މައުމޫން ވަނީ އޭޖީގެ އިތުރުން ހިއުމަން ރައިޓްސް ކޮމިޝަނަށާއި އިލެކްޝަންސް ކޮމިޝަނުގައި ވެސް ސިޓީއަކުން އެދިވަޑައިގެންފަ އެވެ.

.