26 އޮކްޓޯބަރ 2016 - 16:36

އިދިކޮޅު ފަރާތްތަކާ ގުޅިގެން މަސައްކަތް ކުރަން ޕީޕީއެމްގެ ތެރެއިން ބަޔަކު އުޅުނަސް އެކަމުގައި އެއްވެސް ކުރިއެރުމެއް ނުލިބޭނެ ކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.

ހދ. މަކުނުދޫ ބަނދަރާއި މިސްކިތް ހުޅުވަން އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އުމްރާނީ ގޮތުން ރާއްޖެ އަށް ގެންނަން ޖެހޭ އެތައް ތަރައްގީއެއް ހުއްޓުނީ އެމްޑީޕީ ސަރުކާރުގެ ސަބަބުން ކަމަށާއި އެ ތިން އަހަރަކީ ރައްޔިތުން ތަހައްމަލު ކުރި ހިތި މާޒީއެއް ކަމަށެވެ.

ނަމަވެސް ސިޔާސީ ފެނުމުގެ ފުސްކަން އިތުރުވެގެން ގޮސް، އެ މީހުންނާ އެކު މަސައްކަތް ކުރަން ބަޔަކު ތައްޔާރަށް ތިއްބެވި ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި އެއީ ސަރުކާރާ އެކު މަސައްކަތް ކުރަން ތިބި ބަޔަކު ކުރާނެ ކަމެއް ނޫނެވެ. އެކަމަކު ރައީސްގެ ވާހަކަފުޅުގައި އެއީ ކޮން ބައެއް ކަމެއް ވިދާޅެއް ނުވެ އެވެ.
"އަޅުގަނޑުމެންނަށް މިއަދު ފެންނަނީ ސިޔާސީ ފެނުމުގެ ފުސްކަން އިތުރުވެގެން ދިޔަ ދިޔައީނުން އެ މީހުންނާ އެކު މަސައްކަތް ކުރަން އަޅުގަނޑުމެންގެ ތެރެއިން ބަޔަކު އެ ތިބީ ތައްޔާރަށް. އެއީ އަޅުގަނޑާ އެކީގައި މަސައްކަތް ކުރާނެ ބަޔަކު ކުރާނެ ކަމެއް ނޫން،" ރައީސް ވިދާޅުވި އެވެ.
ރައީސް މިހެން ވިދާޅުވިއިރު، ޕީޕީއެމް ތެރޭގައި ކޯޅުންގަނޑެއް އުފެދި ރައީސް ޔާމީނަށް ތާއީދުކުރައްވާ ބަޔަކާއި ޕާޓީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ތާއީދުކުރައްވާ ބޭފުޅުންނާ ދެމެދު ވަނީ ދެ ފެކްޝަނެއް އުފެދިފަ އެވެ. އަދި ދެ ފެކްޝަން ވަކިން ކައުންސިލް އިންތިހާބަށް ތައްޔާރުވާން ވަނީ ފަށައިފަ އެވެ.
ރައީސް ވިދާޅުވި ގޮތުގައި އިދިކޮޅު ފަރާތްތަކާ އެކު ސިޔާސީ މަސްރަހުގައި އުފެދުނު ހިޔާލު ތަފާތުވުންތަކާއި މައްސަލަތައް ހައްލުކުރަން އުޅުމުން އެކަން ކުރެވޭނެ މަގެއް ނުފެނުނެވެ. އަދި ބައިނަލްއަގުވާމީ ފިއްތުންތަކުގެ ނަތީޖާއަކީ އިދިކޮޅު ފަރާތްތަކުން ދެއްކި ހަގީގަތާ ހިލާފު ވާހަކަ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
މީގެ ދެ އަހަރު ފަހުން، 2018 ގައި އޮންނަ ރިޔާސީ އިންތިހާބާ ކުރިމަތިލާއިރު އެމްޑީޕީ ސަރުކާރުގެ ތިން އަހަރުގެ ހިތި ތަޖުރިބާ ބޭނުންނުވާ ކަން ރައްޔިތުން ގަބޫލުކުރަން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަދި އެކަހަލަ ބަޔަކާ އެކީގައި އެއްވެސް ކުރިއެރުމެއް ލިބޭނެ ކަމަށް ގަބޫލުނުކުރުމަށް ވެސް ރައީސް އެދިވަޑައިގަތެވެ.
"އަޅުގަނޑުމެންގެ ޕާޓީ ތެރޭގައި ކޮންމެވެސް ކަހަލަ ވިސްނުމެއް އެބަ ގެންގުޅޭ އެކަހަލަ ކަންކަން ކުރަން. މިއީ އަޅުގަނޑުމެންނަށް ގަބޫލު ކުރެވޭނެ ކަމެއް ނޫން،" ރައީސް ތަކުރާރުކޮށް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި ރާއްޖޭގެ ހުރިހާ ރަށްތަކަށް އުމްރާނީ ގޮތުން ބޮޑެތި ތަރައްގީތަކެއް އަންނައިރު، އެއީ ކޮންމެ ރަށެއްގައި ދިރިއުޅޭ މީހެއްގެ ހައްގެކެވެ. ސަރުކާރުން މަސައްކަތް ކުރަމުން މިދަނީ ރާއްޖޭގެ ހުރި މައްސަލަތަކަށް ހައްލު ހޯދައިދޭން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
އޭގެ ބަދަލުގައި އެމްޑީޕީގެ ތިން އަހަރު ދުވަހުގެ ސަރުކާރުގެ ސަބަބުން އިހްތިރާމާއި، ލޯތްބާއި އުމްރާނީ ހުރިހާ ތަރައްގީއެއް ބީވެގެން ދިޔަ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަދި އެމްޑީޕީއާ ވާހަކަ ދައްކައިގެން އިހްލާސްތެރި އެއްވެސް މަސައްކަތެއް ކުރެވިދާނެ ކަމަށް ގަބޫލުނުކުރާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.