ފްލެޓް ލިބޭ ދާއިމީ ލިސްޓް ފުރިހަމަކުރަން ޝަކުވާ ހުށަހަޅަން އެދެފި
ފްލެޓް ލިބޭ ދާއިމީ ލިސްޓް ފުރިހަމަކުރަން ޝަކުވާ ހުށަހަޅަން އެދެފި

ހިޔާ މަޝްރޫއުގެ ހަތަރު ކެޓަގަރީއަކުން ފްލެޓަށް ޝަރުތު ހަމަވާ މީހުންގެ ވަގުތީ ލިސްޓު އާންމުކޮށްފައި ވާއިރު ދާއިމީ ލިސްޓަކީ ފުރިހަމަ ލިސްޓަކަށް ހެދުމަކަށްޓަކައި، މިހާރު އިއުލާނުކޮށްފައިވާ ލިސްޓާ ބެހޭ ގޮތުން އެއްވެސް ޝަކުވާއެއް އޮތް ނަމަ ހުށަހަޅަން ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމިޓީން މިއަދު އެދެފި އެވެ.

ކުރީގެ ސަރުކާރުން ފްލެޓްތައް ދީފައިވަނީ ބޭއިންސާފުން ކަމަށް ނިންމައި، އެ މައްސަލަ ބަލައި ފްލެޓް ލިބޭ މީހުން ކަނޑައެޅުމަށް އެކުލަވާލާފައިވާ ކޮމިޓީން ނެރުނު އިއުލާނުގައި ބުނީ މިދިޔަ ހަފުތާގައި އިއުލާނުކުރި ޑޮކްޓަރުންނާއި ނަރުހުންގެ ކެޓަގަރީ އާއި ޓީޗަރުންގެ ކެޓަގަރީ އާއި މާލޭ ރަށްވެހިންގެ ކެޓަގަރީ އާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އާއިލާތަކަށް ހާއްސަ ކެޓަގަރީން، ފޯމު ހުށަހެޅުމަށް ޝަރުތުހަމަވާ ފަރާތްތަކާއި ޝަރުތުހަމަނުވާ ފަރާތްތަކުގެ ލިސްޓަށް ކޮންމެ މީހަކަށް ވެސް ޝަކުވާ ހުށަހެޅޭނެ ކަމަށެވެ.

"...ދާއިމީ ލިސްޓްތައް އެކުލަވާލުމުގައި މި ޕޯޓަލް މެދުވެރިކޮށް ހުށަހެޅޭ ޝަކުވާތަކަށް ރިޢާޔަތްކުރެވޭނެއެވެ. އެހެންކަމުން، މި ކޮމިޓީއިން ނެރޭ ދާއިމީ ލިސްޓްތަކަކީ ފުރިހަމަ ލިސްޓްތަކަކަށް ހެދުމަށްޓަކައި، 24 އޮގަސްޓް 2020 ގައި މި ކޮމިޓީއިން ނެރެފައިވާ ވަގުތީ ލިސްޓްތަކުގައި އެއްވެސް މައްސަލައެއް ފާހަގަކުރެވިފައިވާނަމަ އެކަން ހުށަހެޅުއްވުމަށް ދަންނަވަމެވެ." އިއުލާނުގައިވެ އެވެ.

އެ މީހަކަށް ޕޮއިންޓް ދީފައިވާ ގޮތާ މެދު އަދި އެހެން މީހަކަށް ޕޮއިންޓް ދީފައިވާ ގޮތާ މެދު މައްސަލައެއް ފާހަގަ ކުރެވޭ ނަމަ، ޝަކުވާ ހުށަހެޅުމަށް ކަނޑައަޅާފައިވާ ޕޯޓަލް (https://hcp.presidency.gov.mv/) މެދުވެރިކޮށް ހުށަހެޅުމުން ދާއިމީ ލިސްޓު އެކުލަވައިލުމުގައި އެ ކަންކަމަށް ރިއާޔަތްކުރާނެ ކަމަށް ކޮމިޓީން ބުންޏެވެ.

ކުރީ ސަރުކާރުގެ ލިސްޓުގައި ހިމެނިފައިވާ ބައެއް މީހުންނަށް، ވެރިކަމުގެ އެންމެ ފަހު ދުވަސްކޮޅު، ފްލެޓް ލިބުނު ކަމުގެ ލިޔުން ދީފައި ވާއިރު އެ ލިޔުމަށް ފްލެޓް ލިބެން ޖެހޭނެ ކަމަށް އޭރު ސަރުކާރުގައި ތިއްބެވި ބޭފުޅުން އަންނަނީ ވިދާޅުވަމުންނެވެ. އޭރު ވެރިކަންކުރި ޕީޕީއެމް އިން މިހާރު ތުހުމަތުކުރަނީ ނުހައްގުން ފްލެޓް ދެނީ މި ސަރުކާރުން ކަމަށާއި އެހެންވެ ކުރީގެ ލިސްޓުގައި ހިމެނި މިފަހަރު ލިސްޓުގައި ނެތް މީހުންގެ މައްސަލަތައް ކޯޓަށް ހުށަހަޅައިގެން ވެސް ފްލެޓް ހޯދައިދޭނެ ކަމަށެވެ. އަދި އެގޮތުން ކާމިޔާބު ނުވެއްޖެ ނަމަ ޕީޕީއެމްގެ ވެރިކަމެއްގައި އެ މީހުންނަށް ފްލެޓް ދޭނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ.