ލަންކާ އަށް ޕްލާސްޓިކް އެތެރެކުރުން މަނާކުރަނީ
ލަންކާ އަށް ޕްލާސްޓިކް އެތެރެކުރުން މަނާކުރަނީ

ކޮލަމްބޯ (އޮގަސްޓް 30) - ޕްލާސްޓިކުގެ ގިނަ ބާވަތައްތައް ސްރީ ލަންކާ އަށް އެތެރެ ކުރުން މަނާކުރަން ނިންމައިފި އެވެ.

ތިމާވެއްޓާ ބެހޭ މިނިސްޓަރު މަހިންދާ އަމަރަވީރާ ވިދާޅުވީ ޕްލާސްޓިކް މަނާކުރަނީ އެތާއި ފުއްލާ ފަދަ ޖަނަވާރުތައް ޕްލާސްޓިކް ކައިގެން އެތަކަށްޗަށް ލިބޭ ގެއްލުން ހުއްޓުވަން ކަމަށެވެ. ކުނި ގޮނޑުތަކުން ޕްލާސްޓިކް ކައިގެން ލަންކާ އިން ވަރަށް ގިނައިން އެތް މަރުވެ އެވެ. މަރުވާ އެތްތަކުގެ އޮޓޮޕްސީ ހަދާ އިރު އެ ތަކެތީގެ ބަނޑުން އެތައް ކިލޯއެއްގެ ޕްލާސްޓިކް ނަގަ އެވެ.

ޕާލަމެންޓުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އަމަރަވީރާ ވިދާޅުވީ ޕްލާސްޓިކް އެތެރެ ކުރުން ހުއްޓުވަން ގާނޫނުތައް ޑްރާފްޓް ކުރަމުން އަންނަ ކަމަށެވެ. އޭގެ ތެރޭގައި ޕޮލިތީންގެ ބާވަތްތައް ވެސް ހިމެނެ އެވެ.

"ޕްލާސްޓިކުން ދަނީ އެތާއި ފުއްލާ އަދި އެހެން ޖަނަވާރުތަކަށް ބޮޑެތި ގެއްލުންތައް ލިބެމުން. އެކަން ހުއްޓުވަން އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހޭ،" އަމަރަވީރާ ވިދާޅުވި އެވެ.

ކާބޯތަކެތި ބަންދުކުރަން ބޭނުންކުރާ ނަން-ބަޔޯޑިގްރޭޑެބަލް ޕްލާސްޓިކް އެތެރެކޮށް އަދި އުފެއްދުން ލަންކާ އިން ވަނީ މަނާކޮށްފަ އެވެ. މީގެ އިތުރުން ބާޒާރު ކޮތަޅު ވަނީ 2017 ވަނަ އަހަރުން ފެށިގެން އެތެރެކުރުން މަނާކޮށްފަ އެވެ.

އެތަކީ ލަންކާގައި ގާނޫނަކުން ހިމާޔަތްކޮށްފައިވާ ޖަނަވާރެކެވެ. މިދިޔަ އަހަރުން ފެށިގެން މިހާތަނަށް ލަންކާގައި ވަނީ 607 އެތް މަރުވެފަ އެވެ.