ވޫހާންގައި ކޮރޯނާވައިރަހެއް ނެތް، ސްކޫލްތައް ހުޅުވަނީ
ވޫހާންގައި ކޮރޯނާވައިރަހެއް ނެތް، ސްކޫލްތައް ހުޅުވަނީ

ވޫހާން ސިޓީ (އޮގަސްޓް 30) - ކޮރޯނާވައިރަސް އެންމެ ފުރަތަމަ ފެނުނު ޗައިނާގެ ވޫހާން ސިޓީން މިހާރު އެއްގޮތަކަށް ވެސް ބަލި މީހަކު ނުފެންނަ ކަމަށާއި ހުރިހާ ސްކޫލެއް ވެސް އަންގާރަ ދުވަހުން ފެށިގެން ހުޅުވަން ނިންމައިފި އެވެ.

ވޫހާން ސިޓީގައި ތައުލީމް ދޭ 2،842 މުއައްސަސާ އޯޓަމް ސެމިސްޓާގައި ހުޅުވުމުން 1.4 މިލިއަން ދަރިވަރުން އަލުން ކިޔަވަން ދާނެ އެވެ. ވޫހާން ޔުނިވާސިޓީގެ ކިޔެވުން ފަށާނީ ހޯމަ ދުވަހު އެވެ.

ހާލަތު ބަދަލުވެއްޖެ ނަމަ އޮންލައިންކޮށް ކިޔެވޭނެ ގޮތަށް ވޫހާން ސިޓީ ކައުންސިލުން ވަނީ އިމަޖެންސީ ޕްލޭނެއް އެކުލަވާލައިފަ އެވެ. ދަރިވަރުން ސްކޫލުގައި އުޅޭ އިރު އަދި ބަހުގައި ދަތުރުކުރާ އިރު މާސްކް އަޅައިގެން ތިބުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.

ވައިރަސް ކޮންޓްރޯލް ކުރުމަށް ބޭނުންވާ ހުރިހާ ސާމާނެއް ސްކޫލްތަކުގައި ހަމަކޮށް، އާ ކްލަސްޓާއެއް ފެނިއްޖެ ނަމަ ކަންކުރާނެ ގޮތުގެ ތަމްރީނު ސެޝަންތައް ބޭއްވުމަށް ވަނީ އަންގައިފަ އެވެ. ސްކޫލްތަކުގައި އެއްވުންތައް ނުބޭއްވުމަށާއި ކޮންމެ ދުވަހަކު ވެސް ސިއްހީ ރިޕޯޓެއް ހުށަހެޅުމަށް ވެސް ވަނީ ލަފާދީފަ އެވެ. އެކަމަކު ވޫހާންގައި ކިޔަވައި ބިދޭސީ ކުދިން އެނބުރި ދިއުމުގެ ހުއްދަ ދީފައެއް ނުވެ އެވެ.

ޑިސެމްބަރު މަހު ފަހުކޮޅު ވޫހާން އިން ވައިރަސް ފެނުމާ ގުޅިގެން ޖެނުއަރީ މަހު ފަހުކޮޅުން ފެށިގެން އެ ސިޓީ ވަނީ ދެ މަސް ދުވަހަށް ލޮކްޑައުންކޮށްފަ އެވެ. ވޫހާން އިން ވަނީ ކޮވިޑް-19 ޖެހިގެން 3،869 މީހުން މަރުވެފަ އެވެ. އެ ބަލީގައި ޗައިނާ އިން މަރުވި 80 ޕަސެންޓް މީހުން މަރުވެފައި ވަނީ ވޫހާން އިންނެވެ.

މިދިޔަ އެޕްރީލް މަހުނެ ފެށިގެން ވޫހާން ސިޓީ ވަނީ އާއްމު ހާލަތަކަށް ބަދަލުވާން ފަށައިފަ އެވެ. މެއި 18 ވަނަ ދުވަހުން ފެށިގެން ވޫހާން އިން ލޯކަލް ޓްރާންސްމިޝަނެއް ރިޕޯޓެއް ނުކުރެ އެވެ.