ހިޔާ ފްލެޓު ލިސްޓުން އުނިކުރި މީހުންނަށް ޕީޕީއެމުން ހިލޭ ގާނޫނީ އެހީ ދެނީ
ހިޔާ ފްލެޓު ލިސްޓުން އުނިކުރި މީހުންނަށް ޕީޕީއެމުން ހިލޭ ގާނޫނީ އެހީ ދެނީ

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހިޔާ މަޝްރޫއުން ފްލެޓް ލިބުނު ކަމުގެ ލިއުން ދީފައިވާ މީހުންގެ ތެރެއިން، މި ސަރުކާރުން އިއުލާންކުރި ލިސްޓުގައި ނަން އުނިކޮށްފައިވާ މީހުންނަށް ގާނޫނީ އެހީތެރިކަން ދޭން ޕީޕީއެމުން ނިންމައިފި އެވެ.

އެ ޕާޓީގެ އޮފީހުގައި މިއަދު ބޭއްވި ނިއުސް ކޮންފަރެންސްގައި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވިދާޅުވީ ޕީޕީއެމްގެ ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދިނީ ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ކަމަށެވެ. އޭގެ ތެރެއިން ފްލެޓު ލިބޭ 7،000 މީހުން ހޮވައި އެކަމުގެ ލިޔުން ވެސް ދީފައިވާ ކަމަށާއި އެކަމަކު މި ސަރުކާރުން އޭގެ ތެރެއިން ބައެއް މީހުންގެ ފްލެޓުތައް ނިގުޅައިގަނެ އެހެން ބަޔަކަށް ދިނުމަށް މަސައްކަތްކުރާ ކަމަށް ވިދާޅުވި އެވެ.

"ގެއްލިގެންދާ ހައްގުތައް ހޯދައިދިނުމަށްޓަކައި އަޅުގަނޑުމެން ގަބޫލުކުރާ ގޮތުން ކޮންމެ ވެސް ބަޔަކު މަސައްކަތްކުރަންޖެހޭ. އެގޮތުން ސަރުކާރު ޒިންމާދާރުކުރުމާއި އަދި ރައްޔިތުންގެ ހައްގުގައި އެ މަސައްކަތްތައް ކުރުމަށް އޮޕޮޒިޝަނުން ކަނޑައެޅުމަށްފަހުގައި އަޅުގަނޑުމެންނަށް ގަބޫލުކުރެވުނީ މި ލީގަލް އެފެއާޒް ޑިޕާޓްމަންޓުން މިކަން ކުރުމަކީ މުހިއްމު ކަމެއް ކަމަށް ވެގެންދާނެ ކަމަށް،" ޕާޓީގައި އަލަށް އުފެއްދި ޑިޕާޓްމަންޓާ ގުޅޭގޮތުން އާދަމް ޝަރީފް ވިދާޅުވި އެވެ.

ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި ވަޒީފާއާބެހޭ ގާނޫނަށް ހުށަހެޅި އިސްލާހާއި މިދިޔަ ހުކުރު ދުވަހު ހަވީރު ބޭއްވި އެއްވުމާ ގުޅިގެން އިދިިކޮޅު ކޯލިޝަންގެ ގިނަ ބަޔަކު ފުލުހަށް ހާޒިރުވާން އެންގުމުން އެ ޕާޓީގެ ލީގަލް އެފެއާޒްގެ މަސައްކަތްތައް ވަރަށް ބޮޑުވެގެންދާނެ ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޝަރުއީ ނިޒާމް ވަރަށް ބޮޑަށް ޕެރެލައިޒްވެފައިވާ ކަމަށެވެ. ސަރުކާރުގެ ނުފޫޒު އެ ދާއިރާ އަށް ވަރަށް ބޮޑަށް ފޯރާފައިވާކަމަށާއި ޖޭއެސްސީ ހައިޖެކްކޮށްފައިވާ ކަމަށް ވެސް، ކުރީގެ ޑިފެންސް މިނިސްޓަރު ވިދާޅުވި އެވެ.

ނޫސްވެރިއެއްގެ ސުވާލާ ގުޅިގެން އާދަމް ޝަރީފް ވިދާޅުވީ ފަނޑިޔާރުންނާއި ގާޒީން އަދި ޝަރުއީ ދާއިރާގައި މަސައްކަތްކުރައްވާ ހުރިހާ ބޭފުޅުންނަށް ވެސް ބިރުވެރިކަން އެބަ އޮތް ކަމަށާއި ޝަރުއީ ނިޒާމު ބިރުވެރިކަމެއްގެ ތެރޭގައި އޮތް ކަމުގައި ވިއަސް ފްލެޓު ފަދަ އާއްމުންގެ ގިނަ ބަޔަކާ ގުޅިފައިވާ މައްސަލައެއްގައި އިދިކޮޅު ފަރާތްތަކުން އުޅެންޖެހޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

"އަޅުގަނޑުމެން މި ހިސާބަކުން ހުއްޓައެއް ނުލާނެ. އަޅުގަނޑުމެން މި ފްލެޓުތައް ނުލިބުނު ފަރާތްތަކުގެ މައްސަލަ ޝަރީއަތަށް ހުށަހަޅައިގެން މިކަން ކުރިއަށްގެންދާއިރު އަޅުގަނޑުމެން އެ ބޭފުޅުންނަށް ޔަގީންކަން އަރުވަން، އަޅުގަނޑުމެންގެ ވެރިކަމެއްގައި އެންމެ ފުރަތަމަ ފްލެޓު ލިބޭ ބޭފުޅުންނަށް އެ ބޭފުޅުން ވެގެންދާނެ، މިހާރު އަޅުގަނޑުމެން މި ކުރާ މަސައްކަތުގައި އެ ބޭފުޅުން ބޭނުންވާ ގޮތަށް ހައްގު ނުލިބިއްޖެ ކަމުގައިވިއްޔާ އިރާދަކުރެއްވިއްޔާ ރައީސް ޔާމީންގެ ވެރިކަމެއްގައި އަޅުގަނޑުމެން އެންމެ އަވަހަށް ފްލެޓު ދޭ ފަރާތްތަކުގެ ލިސްޓުގައި އެ ބޭފުޅުން ހިމެނިގެންދާނެ ގޮތަށް އިރާދަކުރެއްވިއްޔާ ސިޔާސަތުތައް ބައްޓަންކުރައްވާނީ،" އާދަމް ޝަރީފް ވިދާޅުވި އެވެ.

ޕީޕީއެމްގެ ވަކީލު އަސްއަދު ޝަރީފް ވިދާޅުވީ އޭރު ގެޒެޓުކުރި ލިސްޓުގައި ހިމެނެނީ ފްލެޓު ހައްގުވާ މީހުން ކަމަށާއި އެކަމަކު އެ ހައްގުން މަހުރޫމްކޮށް އެތައް ބަޔަކު ބޯހިޔާވަހިކަމުން މަހުރޫމްވާނެ ގޮތަށް އާ ލިސްޓެއް ނެރެ އެތައް ބަޔަކު މަގުމަތިކޮށްފައިވާ ކަމަށެވެ.

"އެއީ ވަރަށް ބޮޑު ދުސްތޫރީ ޣައިރުގާނޫނީ ކަމެއް ކަމަށް އަޅުގަނޑުމެން ގާނޫނީ ޓީމުން ކުރި މަޝްވަރާތަކުގައި މި ދަންނަވަން ޖެހެނީ. ރައްޔިތުންނަށް ހުށަހެޅި ހުށަހެޅުން ބަލައިގަނެ، އޭގެ މައްޗަށް ދެ ފަރާތުން ކުރެވުނު މުއާމަލާތް މިވަނީ ބައިންޑުކުރެވިފައި ގާނޫނީ އެއްބަސްވުމެއް ގޮތަށް،" އަސްއަދު ވިދާޅުވި އެވެ.

ހިޔާ މަޝްރޫއުގައި ހުޅުމާލޭގައި އިމާރާތް ކޮށްފައިވާ ފްލެޓްތަކަށް 25،000 އަށް ވުރެން ގިނަ މީހުން ފޯމު ހުށަހެޅި އެވެ. އޭގެތެރެއިން ޝަރުތު ހަމަވެ ފްލެޓް ލިބޭނެ މީހުންގެ ލިސްޓު އޭރުގެ ހައުސިން މިނިސްޓްރީން ގެޒެޓްކޮށް، އެ ލިސްޓުގައިވާ ގިނަ ބަޔަކަށް ވަނީ ފްލެޓް ލިބިފައިވާ ކަމުގެ ލިއުން ދީފަ އެވެ. ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ސޮއިކުރައްވައި އެ މިނިސްޓްރީން ދޫކޮށްފައިވާ ލިއުމަކީ ގާނޫނީ ގޮތުން ސައްހަ ލިއުމެއް ކަމަށާއި ފްލެޓް އަތުލައިފި ނަމަ ކޯޓަށް ދެވޭނެ ކަމަށް އޭނާ އޮތީ ވިދާޅުވެފަ އެވެ.

މި ލިއުން ހަވާލުކޮށްފައި ވަނިކޮށް މި ސަރުކާރުން ވަނީ އެ ފްލެޓްތައް ދޫކުރީ ބޭއިންސާފުން ކަމަށް ތުހުމަތުކޮށް ޝަކުވާތައް ބަލަން ކޮމިޓީއެއް އެކުލަވާލައިފަ އެވެ. އެ ކޮމިޓީން އަންނަނީ ހިޔާ މަޝްރޫއުގެ 12 ކެޓަގަރީގެ ފޯމުތައް އަލުން އިވެލުއޭޓްކޮށް މުޅިން އާ ލިސްޓެއް އެކުލަވާލަމުންނެވެ. އެ ލިސްޓުތައް އެކުލަވާލަނީ ކުރީގެ ސަރުކާރުން އެ މަޝްރޫއުގައި ޕޮއިންޓްދޭން ކަނޑައަޅާފައިވާ ޝަރުތުތަކާ އެއްގޮތަށެވެ.

ކޮމިޓީން ބުނެފައިވާ ގޮތުގައި ކުރީގެ ސަރުކާރުން އިއުލާންކުރި ޝަރުތުތައް ހަމަނުވާ މީހުންނަށާއި ފްލެޓާއި ގޯތި ލިބިފައިވާ މީހުންނަށް ވެސް ފްލެޓް ދީފައިވެ އެވެ. އެ ކޮމިޓީން ވަނީ ފްލެޓް ދީފައިވާ މީހުންގެ ތެރެއިން ޝަރުތު ހަމަނުވާ މީހުންގެ ލިސްޓެއް ވެސް އިއުލާންކޮށްފަ އެވެ.

ލީގަލް އެފެއާޒް ޑިޕާޓްމަންޓުން ވާހަކަދެއްކެވި، މަގާމުން ވަކިކުރަން ޖޭއެސްސީން ނިންމުމަށް އިސްތިއުފާ ދެއްވި ކ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް މުހައްމަދު ރާގިބު އަހުމަދު ވިދާޅުވީ ޕާޓީ އޮފީހުގައި ގާނޫނީ އެހީތެރިކަން ދޭނީ ކޮންމެ ދުވަހެއްގެ މެންދުރުފަހު 2:00-6:00 އަށް ކަމަށެވެ. އެހީ ހޯދައި މައުލޫމާތު ސާފުކުރަން ދާއިރު ގެންދަން ޖެހޭނީ އައިޑީކާޑާއި ފްލެޓު ލިބުނުކަމުގެ ލިޔުމެއް އޮވެއްޖެ ނަމަ އެ ލިޔުމެއް ނުވަތަ ގެޒެޓު ކުރި ފްލެޓު ލިބޭ މީހުންގެ ލިސްޓުގައި އެމީހުންގެ ނަން އޮވެއްޖެ ނަމަ އެ ލިސްޓެވެ.

މިހާރު އެކަމަށް ދީފައިވަނީ އެއް ހަފުތާގެ މުއްދަތެވެ. އެކަމަކު އާއްމުންގެ ފަރާތުން ލިބޭ ތަރުހީބަށް ބެލުމަށްފަހު މުއްދަތު އިތުރުކުރާނެ ކަމަށް ވިދާޅުވި އެވެ.

ފްލެޓު ލިސްޓުން އުނިކުރާ މީހުންނަށް ގާނޫނީ އެހީ ދިނުމަށް، ކުރީގެ ރައީސް ޔާމީންގެ ވަކީލުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އަހްމަދު ޝިޔާޒްގެ އިކުއިޓީ ޗެމްބާސް އިން ވެސް ވަނީ ނިންމައިފި އެވެ.