26 އޮކްޓޯބަރ 2016 - 13:30

އޭވީސީ ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގައި ވާދަކުރާ ގައުމީ ފިރިހެން ވޮލީބޯޅަ ޓީމުގެ ޓްރޭނަރަކަށް ސްރީ ލަންކާ ގައުމީ ޓީމުގެ ކުރީގެ ކޯޗު ސިސިރާ ކުމާރަ ހަމަޖައްސައި ލަންކާގައި 23 ދުވަހު ޓީމު ކޭމްޕްކުރާ ގޮތަށް ނިންމައިފި އެވެ.
ވޮލީބޯޅަ އެސޯސިއޭޝަނުން ބުނީ ޓީމު ޓްރޭންކުރުމުގެ ޒިންމާ ސިސިރާއާ ހަވާލުކުރި ނަމަވެސް ޓީމުގެ ހެޑްކޯޗަކަށް ވަރަށް އަވަހަށް ދިވެއްސަކު ހަމަޖައްސާނެ ކަމަށެވެ.
ގައުމީ ވޮލީބޯޅަ ލީގުގެ ބައެއް މެޗުތައް ބެލުމަށް ސިސިރާ އަންނަ މަހުގެ 1 ވަނަ ދުވަހު ރާއްޖެ އަންނާނެ އެވެ. ގައުމީ ޓީމު ލަންކާގައި ކޭމްޕްކުރުމަށް ހަމަޖެހިފައިވަނީ ލީގު ނިމުމުން، ނޮވެމްބަރު 25 އިން ޑިސެމްބަރު 17 އަށެވެ. މި ކޭމްޕުގައި ލަންކާގެ ޓީމުތަކާ އެކު ގައުމީ އެކުވެރިކަމުގެ ހަތް މެޗު ކުޅުމަށް ވަނީ ހަމަޖެހިފަ އެވެ.
ކޭމްޕަށް ފަހު އޭވީސީ ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގައި ވާދަކުރުމަށް ޑިސެމްބަރު 19 ވަނަ ދުވަހު ގައުމީ ޓީމު ބަންގްލަދޭޝް އަށް ފުުރުމަށް ވަނީ ހަމަޖެހިފަ އެވެ.
އޭވީސީ ސެންޓްރަލް ޒޯން މުބާރާތުގައި ވާދަކުރަނީ އިންޑިއާ އާއި ސްރީ ލަންކާ އާއި ޕާކިސްތާނާއި ކަޒަކިސްތާން އަދި އީރާން ފިޔަވައި ސެންޓްރަލް ޒޯނަށް ނިސްބަތްވާ ނުވަ ގައުމެވެ. ރާއްޖޭން ވަނީ މި މުބާރާތުގެ ދެ ވަނަ މަގާމް 2014 ވަނަ އަހަރު ހޯދައިފަ އެވެ.
ގައުމީ ފިރިހެން ވޮލީބޯޅަ ޓީމަށް އެންމެ ފަހުން ކޯޗުކޮށްދިނީ ގައުމީ ޓީމުގެ ކުރީގެ ކުޅުންތެރިޔާ މުހައްމަދު ސާޖިދު (ކާއްޓޭ) އެވެ. އޭގެ ކުރިން ތައިލެންޑުގެ ސުންޓޮން ފޮސީޓާ ހުރިއިރު މުހައްމަދު ޝަރަފް ވެސް ގިނަ ދުވަސްތަކެއް ވަންދެއް ގައުމީ ކޯޗުގެ މަގާމް އަދާކުރި އެވެ.