އެއް ދުވަސްތެރޭ އެންމެ ގިނަ މީހުން ޕޮޒިޓިވްވި ގައުމަކަށް އިންޑިއާ
އެއް ދުވަސްތެރޭ އެންމެ ގިނަ މީހުން ޕޮޒިޓިވްވި ގައުމަކަށް އިންޑިއާ

ނިއު ދިއްލީ (އޮގަސްޓް 30) - އެއް ދުވަސްތެރޭ މުޅި ދުނިޔޭން ވެސް އެންމެ ގިނަ މީހުން ޕޮޒިޓިވްވެގެން، ރިޕޯޓްކުރި ގައުމަކަށް އިންޑިއާ ވެއްޖެ އެވެ.

ވޭތުވެދިޔަ 24 ގަޑިއިރު ތެރޭ އިންޑިއާ އިން ވަނީ 78،761 މީހުން ޕޮޒިޓިވްވެފަ އެވެ. މިހާތަނަށް އެއް ދުވަސްތެރޭ އެންމެ ގިނަ މީހުން ޕޮޒިޓިވްވެފައި ވަނީ އެމެރިކާ އިންނެވެ. ޖުލައި 17 ވަނަ ދުވަހު އެމެރިކާ އިން ވަނީ 77،638 މީހުން ޕޮޒިޓިވްވެފަ އެވެ.

އާބާދީގައި 1.3 ބިލިއަން މީހުން ހިމެނޭ އިންޑިއާ އަކީ މިހާރު ތިން ވަނަ އަށް އެންމެ ގިނަ މީހުން ކޮރޯނާވައިރަހަށް ޕޮޒިޓިވްވެފައިވާ ގައުމެވެ. އިންޑިއާ އިން 3,542,733 މީހުން ޕޮޒިޓިވްވެފައިވާ އިރު 63،657 މީހުން ވަނީ މަރުވެފަ އެވެ.

އިންޑިއާގައި ކޭސްތައް އިތުރުވަމުން ދިޔަ ނަމަވެސް، ވައިރަހުން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ދަނީ ލުއި ދެމުންނެވެ. މާޗް މަހު އިންޑިއާ ލޮކްޑައުން ކުރި ނަމަވެސް ފިޔަވަޅުތަކަށް ލުއި ދޭން ފަށާފައި ވަނީ އިގްތިސާދު ކުރިއަށް ގެންދިއުމުގެ ބޭނުމުގަ އެވެ. ލޮކްޑައުން ކުރި ފަހުން އެތައް މިލިއަން ބައެއްގެ ވަޒީފާ ވަނީ ގެއްލިފަ އެވެ. އެންމެ ބޮޑަށް ގެއްލުން ލިބެމުން ދަނީ ފަގީރުންނަށެވެ.

އިންޑިއާގެ ހޯމް މިނިސްޓްރީން ބުނެފައި ވަނީ މާސްކް އަޅައިގެން އުޅޭ ނަމަ 100 މީހުންނަށް ވުރެ އިތުރު ނުވާ ގޮތަށް އަންނަ މަހުން ފެށިގެން، އެއްތަނަކަށް އެއްވެވިދާނެ ކަމަށެވެ. ބޮޑެތި ސިޓީތަކުގައި މެޓްރޯގެ ޚިދުމަތް ފަށަން ވެސް ވަނީ ނިންމައިފަ އެވެ. އާ ގައިޑްލައިންގައި ބުނެފައިވާ ގޮތުން ސްކޫލްތައް ބަންދުކޮށްފައިވީ ނަމަވެސް ޓީޗަރުންނާއި ދަރިވަރުން ބޭނުންވާ ގޮތެއްގެ މަތިން ސްކޫލް ތެރޭގައި ބައްދަލު ކުރެވޭނެ އެވެ.

އިންޑިއާގައި ވައިރަސް އެންމެ ބޮޑަށް ފެތުރެމުންދަނީ ބޮޑެތި ސިޓީތައް ކަމަށްވާ މުމްބާއީ، ވެރިރަށް ދިއްލީ ގަ އެވެ.