"މިހާރު" ގެ ގިނަ ކިއުންތެރިންގެ ދެކެނީ މެސީ ގުޅޭނީ ސިޓީއާ ކަމަށް
"މިހާރު" ގެ ގިނަ ކިއުންތެރިންގެ ދެކެނީ މެސީ ގުޅޭނީ ސިޓީއާ ކަމަށް

ބާސެލޯނާ ދޫކޮށްލުމަށް ފަހު ލިއޮނަލް މެސީ ގުޅޭނެ ކަމަށް "މިހާރު" ގެ ގިނަ ކިއުންތެރިން ގަބޫލުކުރަނީ ޕްރިމިއާ ލީގުގެ މެންޗެސްޓާ ސިޓީ އެވެ.

"މިހާރު" ގެ ގިނަ ކިއުންތެރިންގެ ދެކެނީ މެސީ ގުޅޭނީ ސިޓީއާ ކަމަށް
"މިހާރު" ގެ ގިނަ ކިއުންތެރިންގެ ދެކެނީ މެސީ ގުޅޭނީ ސިޓީއާ ކަމަށް

"މިހާރު" ގެ ވެބްސައިޓުގައި ދެ ދުވަހަށް ހުޅުވާލި "މިހާރު ޕޯލް" ގައި ވޯޓްދިން ކިއުންތެރިންގެ ތެރެއިން، އޭނާ ސިޓީއާ ގުޅޭނެ ކަމަށް 58 ޕަސެންޓް ވޯޓް ދީފައިވެ އެވެ. ދެން އެންމެ ގިނަ ކިއުންތެރިން ވޯޓް ދިނީ އޭނާ ޕްރިމިއާ ލީގުގެ މެންޗެސްޓާ ޔުނައިޓެޑާ ގުޅޭނެ ކަމަށެވެ. އެއީ 17 ޕަސެންޓް ވޯޓެވެ. ވޯޓް ދިން ކިއުންތެރިންގެ 13 ޕަސެންޓް ގަބޫލުކުރަނީ އޭނާ ގުޅޭނީ ޕްރިމިއާ ލީގުގެ ޗެލްސީއާ ކަމަށެވެ. އޭނާ އިޓާލިއަން ލީގުގެ އިންޓަ މިލާނާ ގުޅޭނެ ކަމަށް 11 ޕަސެންޓް ކިޔުންތެރިން ވޯޓް ދިނެވެ.

މެސީ ދެން ގުޅޭނެ ކްލަބެއްގެ ބަހުސް ފެށުނީ ބާސެލޯނާ ދޫކޮށްލަން ބޭނުންވާކަން އޭނާ މިދިޔަ ހަފުތާގައި ރަސްމީކޮށް އިއުލާންކުރުމުންނެވެ. އެކަމަކު ބާސެލޯނާ އިން އަންނަނީ އޭނާ ހިފަހައްޓަން މަސައްކަތްކުރަމުންނެވެ. އެކަމަކު ރިޕޯޓްތައް ބުނާ ގޮތުގައި ގާނޫނީ ފަރުވާއެއް ހޯދައިގެން ނަމަވެސް މެސީ ސްޕެއިން ދޫކޮށްލާނެ އެވެ.

އާ ސީޒަނަށް ބާސެލޯނާގެ ޕްރީ ސީޒަން ތަމްރީންތައް މާދަމާ ފެށުމުގެ ކުރިން މިއަދު ކޮވިޑް ޓެސްޓް ކުރާއިރު މެސީ ބައިވެރިވާނެ ކަމަށް ނުވަތަ ނޫން ކަމެއް ނޭގެ އެވެ. އޭނާ މިއަދު ނުގުޅިއްޖެ ނަމަ މާނައަކީ ކްލަބް ދޫކޮށްލުމާ މެދު އޭނާ ސީރިއަސް ކަމެވެ.

ތަޖުރިބާކާރުން ބުނާ ގޮތުގައި މެސީ ގުޅުމުގެ ފުރުސަތު އެންމެ ބޮޑީ ސިޓީއާ އެވެ. ދެން އެންމެ ބޮޑީ އިންޓައާ ގުޅުމުގެ ފުރުސަތެވެ. އަދި ތިން ވަނަ އަށް އެންމެ ފުރުސަތު ބޮޑީ ބާސެލޯނާގައި މަޑުކުރުމެވެ. އޭނާ ގަތުމުގެ ރޭހުން ޖަރުމަނުގެ ބަޔާން މިއުނިކާއި ފްރާންސްގެ ޕީއެސްޖީ ވަނީ ބޭރުވެފަ އެވެ. ޗެލްސީން އަދި ރަސްމީކޮށް ބިޑެއް ނުކުރެ އެވެ. މެސީއާ ވާދަވެރި ކްރިސްޓިއާނޯ ރޮނާލްޑޯ ކުޅެމުން އަންނަ އިޓަލީގެ ޔުވެންޓަސް އިން އިއްޔެ މެސީގެ އޭޖެންޓް އަދި އޭނާގެ ބައްޕަ ޖޯޖް މެސީއާ ވާހަކަދައްކާފައިވާ ކަމަށްވެ އެވެ. އެހެންވެ ރޮނާލްޑޯ އާއި މެސީ އެއް ޓީމަކުން ފެނުމުގެ ފުރުސަތު ވެސް އެބައޮތެވެ.

ބާސެލޯނާގައި މެސީގެ މުސާރަ އަކީ ހަފްތާ އަކު ގާތްގަނޑަކަށް އެއް މިލިއަން ޑޮލަރެވެ. ފޯބްސް އިން އެންމެ ފަހުން އާންމުކުރި ތަފާސް ހިސާބުތަކަށް ބަލާއިރު މެސީގެ މިދިޔަ އަހަރުގެ އާމްދަނީ އުޅެނީ 104 މިލިއަން ޑޮލަރުގަ އެވެ. އޭގެ ތެރެއިން ބާސެލޯނާ މެދުވެރިކޮށް މެސީ އަށް ލިބުނީ މުސާރަ އާއި ކެޓަލޫނިއާގެ ބައެއް އެކި އިޝްތިހާރު ކުންފުނިތައް މެދުވެރިކޮށް 72 މިލިއަން ޑޮލަރެވެ. އަދި އަމިއްލަ އިމޭޖް ރައިޓްސް ކޮމްޕެނީ މެދުވެރިކޮށް މަޝްހޫރު އެކި ކުންފުނިތަކުން އިސްތިހާރުގެ ގޮތުގައި ލިބިފައިވަނީ 32 މިލިއަން ޑޮލަރެވެ. މަދުވެގެން މި އަދަދަށް ފައިސާ ނުލިބޭ ކްލަބަކަށް މެސީ ދިއުމުގެ ފުރުސަތު ކުޑަ އެވެ. މެސީ އަށް މި އަށް ވުރެ ބޮޑު އާމްދަނީއެއް ހޯދައިދިނުމުގެ ގަސްދުގައި އޭނާ ހޯދުމުގެ ރޭސް ލީޑުކުރަނީ ޔޫއޭއީގެ ވިޔަފާރިތަކުގެ ތެރެއިން ހިންގާ ސިޓީ އާއި ޗައިނާ ވިޔަފާރީގެ ނުފޫޒު ބޮޑު އިންޓަ އެވެ. އެހެންވެ މިއީ ޔޫއޭއީ އާއި ޗައިނާގެ ވާދަވެރިކަމެއްގެ ގޮތުގައި ބެލުމުގެ ޖާގަ ވެސް އެބައޮތެވެ.

މީގެ ހަތަރު އަހަރު ކުރިން ސިޓީން ވަނީ މެސީ ހޯދަން މަސައްކަތް ކޮށްފަ އެވެ. އެކަމަކު އޭރު މެސީގެ ވިސްނުމުގައި ކްލަބް ބަދަލުކުރުމުގެ ހިޔާލެއް ނެތެވެ. އެހެން ނަމަވެސް މިހާރު މެސީ ކްލަބް ބަދަލުކުރަން ބޭނުންވާކަން އިއުލާނުކުރުމާ އެކު އެންމެ ފުރަތަމަ އޭނާ ހޯދަން ރޭހަށް ނުކުތް ޓީމަކީ ސިޓީ އެވެ.

މިހާރު ހާލަތު އޮތްގޮތުން ސިޓީން މެސީ ގަތުމުގެ ރޭހުގައި ކުރިހޯދާނެ ކަމަށް ބެލެވޭ އެންމެ ބޮޑު ސަބަބަކީ ދުނިޔޭގެ ފުޓްބޯޅައިގައި ސިޓީ ފުޓްބޯލް ގްރޫޕްގެ ނުފޫޒެވެ. އެކި ބައްރުތަކުގެ އަށް ގައުމެއްގައި މިހާރު ވެސް ސިޓީ ފުޓްބޯލް ގްރޫޕުން ހިންގާ ކްލަބްތައް އެބަހުއްޓެވެ. އަދި މެސީ ބޭނުންވާ އާމްދަނީ އާއި އެހެނިހެން ކަންތައްތައް މި ހުރިހާ ގައުމެއްގައި އެކި އިސްތިހާރު ޑީލުތަކުން ފުރިހަމަ ކުރެވިދާނެ އެވެ. އަދި ގަތަރު ޓޫރިޒަމުން ޕީއެސްޖީގެ ނޭމާ އިޝްތިހާރުކޮށް އަހަރަކު އޭނާ އަށް ދޭ ވަރުގެ ޑީލެއް ސިޓީގެ ފަރާތުން މެސީ އަށް ޔޫއޭއީ މެދުވެރިކޮށް ހޯދައިދެވޭނެ އެވެ.

ދެކުނު އެމެރިކާގެ ގައުމުތަކުގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން މެސީ ދެން އެންމެ ފެނުން ގާތީ އިންޓަ އިންނެވެ. އިންޓަ ހިންގަމުން އަންނަ ޗައިނާގެ އެންމެ ވަރުގަދަ އެއް ވިޔަފާރި ގްރޫޕް ސަނިން ހޯލްޑިންގްސް ގްރޫޕަކީ ދުނިޔޭގެ ވިޔަފާރި ބާޒާރުގައި ނުފޫޒުގަދަ ބައެކެވެ. މެސީ އިންޓަ އަށް ގަންނަން އެ މީހުން ބޭނުންވާ އެންމެ ބޮޑު ސަބަބަކީ އިންޓަ އިން ޔޫރަޕްގެ ފުޓްބޯޅަ ޑޮމިނޭޓްކުރުމުގެ އިތުރުން އެ މީހުންގެ ބޮޑު ހިއްސާއެއް އޮންނަ އެކި ވިޔަފާރިތައް ވެސް މެސީ ލައްވައި އިޝްތިހާރު ކުރުވުމެވެ. ރިޕޯޓްތައް ބުނާގޮތުން މެސީ އަށް ބާސެލޯނާ އިން މިހާރު ދޭ ވަރަށް ވުރެން ބޮޑު މުސާރައެއް އިންޓަ އިން ދޭނެކަން އޮތީ އޭނާ އަށް މާ ކުރިން ވެސް އަންގައިފަ އެވެ. ކެރިއަރުގެ ފަހު ކޮޅުގައި ގިނަ ފުޓްބޯޅަ ތަރިން ބޮޑު މުސާރަ ލިބޭ ގޮތަށް އިޓާލިއަން ލީގުގައި ކުޅެންދާއިރު، އެ ވިސްނުމުގައި މެސީ ވެސް ގެންދެވޭނެކަމަށް އިންޓަ އިން ގަބޫލުކުރެ އެވެ.