26 އޮކްޓޯބަރ 2016 - 14:45

އުރީދޫން ރާއްޖޭގައި ހިންގާ ކުންފުނީގެ އާމްދަނީ ވަރަށް ބޮޑަށް މައްޗަށް ގޮސް އެއް ބިލިއަން ރުފިޔާ އަށް ވުރެ އިތުރުވެ، މި އަހަރުގެ މިހާތަނަށް މުޅި އުރީދޫ ގްރޫޕަށް ލިބުނު ފައިދާ އިތުރުވެއްޖެ އެވެ.

ގަތަރުގެ އުރީދޫ ގްރޫޕުން އާއްމުކޮށްފައިވާ މި އަހަރުގެ ފުރަތަމަ ނުވަ މަސްދުވަހުގެ މާލީ ހިސާބުތަކަށް ބަލާއިރު، މުޅި އުރީދޫ ގްރޫޕަށް އެ މުއްދަތުގައި ލިބުނީ 533 މިލިއަން ކުވޭތު ދިނާރު (1.8 ބިލިއަން ޑޮލަރު، 27.7 ބިލިއަން ރުފިޔާ)ގެ އާމްދަނީ އެކެވެ. އެއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނު މިންވަރަށް ވުރެ ތިން ޕަސެންޓް ދަށް އަދަދެކެވެ.
އާމްދަނީ ދަށް ވިޔަސް، މި އަހަރުގެ މިހާތަނަށް ލިބުނު ސާފު ފައިދާ ވަނީ 15 ޕަސެންޓް އިތުރުވެފަ އެވެ. އެ ގޮތުން، މިދިޔަ އަހަރުގެ ފުރަތަމަ ނުވަ މަސްދުވަހުގެ ތެރޭގައި ސާފު ފައިދާގެ ގޮތުގައި ލިބުނު 28.1 މިލިއަން ކުވޭތު ދީނާރު (92 މިލިއަން ޑޮލަރު، 1.4 ބިލިއަން ރުފިޔާ)ގެ ބަދަލުގައި މި އަހަރުގެ އެ މުއްދަތުގައި 32 މިލިއަން ކުވޭތު ދީނާރު (105 މިލިއަން ޑޮލަރު، 1.6 ބިލިއަން ރުފިޔާ) ސާފު ފައިދާގެ ގޮތުގައި ވަނީ ލިބިފަ އެވެ.
މެދު އިރުމައްޗާއި އެފްރިކާގެ ގައުމުތައް އަދި ރާއްޖެ ހިމެނޭ ގޮތަށް ޖުމްލަ 12 ގައުމެއްގައި މުވާސަލާތީ ހިދުމަތް ދޭ އުރީދޫން ހިންގާ ކުންފުނިތަކުގެ ތެރެއިން އެންމެ ބޮޑު ކުރިއެރުމެއް ހޯދަމުން އަންނަނީ، ހިސާބުތަކުން ދައްކާ ގޮތުން، ރާއްޖޭގެ ކުންފުނިންނެވެ. އެ ގޮތުން، ރާއްޖޭގެ ކުންފުނީގެ ކަސްޓަމަރުންގެ އަދަދު މި އަހަރުގެ ފުރަތަމަ ނުވަ މަސްދުވަހުގެ ތެރޭގައި ވަނީ 400،000 އަށް އަރާފަ އެވެ. އެއީ، ގާތްގަނޑަކަށް 350،000 މީހުންގެ އާބާދީއެއް އޮންނަ ރާއްޖޭގެ ކުންފުނީގައި މިދިޔަ އަހަރުގެ އެ މުއްދަތުގައި ތިބި ކަސްޓަމަރުންގެ އަދަދަށް ވުރެ 14 ޕަސެންޓް އިތުރު މިންވަރެކެވެ.
އުރީދޫގެ ރާއްޖޭގެ ކުންފުނީގެ އާމްދަނީ ވެސް މި އަހަރުގެ މިހާތަނަށް ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. އެ ގޮތުން، މިދިޔަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް އެ ކުންފުންޏަށް 23.8 މިލިއަން ކުވޭތު ދީނާރު (78 މިލިއަން ޑޮލަރު، 1.2 ބިލިއަން ރުފިޔާ) އާމްދަނީގެ ގޮތުގައި ލިބިފައި ވާއިރު، އެއީ މިދިޔަ އަހަރުގެ ފުރަތަމަ ނުވަ މަސްދުވަހު ލިބުނު 17.3 މިލިއަން ކުވޭތު ދީނާރު (57 މިލިއަން ޑޮލަރު، 883 މިލިއަން ރުފިޔާ) އަށް ވުރެ 38 ޕަސެންޓް އިތުރު އަދަދެކެވެ.
ކުވޭތުގެ ކިއުޓެލްގެ ބްރޭންޑެއް ކަމަށްވާ ވަތަނިއްޔާ އިން ފެބްރުއަރީ 2005 ގައި ރާއްޖޭގައި ހިދުމަތް ދޭން ފެށީ ސަރުކާރުގެ ބޮޑު ހިއްސާއެއް އޮތް ދިރާގުން އެކަނި ދެމުން ގެންދިޔަ މުވާސަލާތީ ހިދުމަތް ފުޅާކޮށް، އެއީ ވާދަވެރި ދާއިރާއަކަށް ހަދަން ސަރުކާރުން ނިންމުމުންނެވެ. ގަތަރު ސަރުކާރުގެ ބޮޑު ހިއްސާއެއް ވެސް އޮންނަ އުރީދޫން ކިއުޓެލް ގަތުމާ އެކު، ވަތަނިއްޔާ ބްރޭންޑުގެ ދަށުން އެކި ގައުމުތަކުގައި ހިންގަމުން ގެންދިޔަ ކުންފުނިތައް ރީބްރޭންޑް ކުރުމުގެ ތެރެއިން، ރާއްޖޭގެ ކުންފުނި ވެސް އުރީދޫގެ ނަމަށް ޑިސެމްބަރު 2013 ގައި ބަދަލުކުރި އެވެ.
އުރީދޫގެ ރާއްޖޭގެ ކުންފުނި ވަނީ ހިއްސާގެ ބާޒާރުގައި ވެސް ލިސްޓުކޮށްފަ އެވެ. ރާއްޖޭގައި ހިއްސާ ވިއްކާ ފުރަތަަމަ ބައިނަލްއަގުވާމީ ކުންފުންޏަށް އުރީދޫ ވެފައި ވާއިރު، އެ ކުންފުނިން އަންނަ އަަހަރުގެ ދެވަނަ ކުއާޓަރުގައި އާއްމުންނަށް ހިއްސާ ވިއްކަން ފަށާނެ އެވެ.