އެވަޓަންގެ ލޯ އެލަން އާއި ރޮޑްރިގޭޒަށް
އެވަޓަންގެ ލޯ އެލަން އާއި ރޮޑްރިގޭޒަށް

ލިވަޕޫލް (އޮގަސްޓް 30) – ނަޕޯލީގެ ބްރެޒިލް މިޑްފީލްޑަރު އެލަން 25 މިލިއަން ޕައުންޑަށް ގަންނަން އެވަޓަން އިން އެއްބަސްވެއްޖެ ކަމަށާއި އަދި ރެއާލް މެޑްރިޑުގެ ހަމެސް ރޮޑްރިގޭޒް ގެނައުމަށް ވެސް އެ ކްލަބުން މަސައްކަތްކުރަމުން އަންނަ ކަމަށް ބީބީސީން ބުނެފި އެވެ.

އެވަޓަން ވަރުގަދަކުރުމުގެ ފަހަތުގައި ހުރީ މިދިޔަ ސީޒަނަކުގެ މެދަކާ ހަމައިން އެ ޓީމާ ހަވާލުވި ތަޖުރިބާކާރު ކޯޗު ކާލޯ އަންޗެލޮޓީ އެވެ. އޭނާ މިދިޔަ ސީޒަނުގައި ރަނގަޅު ނަތީޖާތަކެއް ނަމަވެސް، އެކަށީގެންވާ ކާމިޔާބެއް ހޯދެން އޮތީ ކުޅުންތެރިން ގެނެސްގެންނެވެ. އޭނާގެ އެންމެ ބޮޑު ޓާގެޓަކީ މެދުތެރެ ވަރުގަދަކުރުމެވެ.

އުމުރުން 29 އަހަރުގެ އެލަން ވަނީ އަންޗެލޮޓީގެ ކޯޗުކަމުގެ ދަށުން ނަޕޯލީ އަށް ކުޅެފަ އެވެ. ބްރެޒިލްގެ ވަސްކޮ ޑަ ގާމާ އިން ކެރިއަރު ފަށައި އިޓަލީގެ އުދިނޭޒީ އަށް ވެސް ކުޅެފައިވާ އެލަން އަކީ މެދުތެރޭގެ ކޮންމެ މަގާމަކަށް ވެސް، އެޓޭކިން އަދި ޑިފެންސިވް ފޭސްގައި ކުޅެވޭ ކުޅުންތެރިއެކެވެ. އަދި އަރިމަތިން އެޓޭކިން ރޯލާއި ފުލްބެކް ރޯލް ވެސް އަދާކޮށްފައިވެ އެވެ. އެހެންވެ އެލަން އަކީ އަންޗެލޮޓީގެ އެއް ވަނަ ޓާގެޓެވެ.

ކޮލަމްބިއާ މިޑްފީލްޑަރު ރޮޑްރިގޭޒް ވަނީ އަންޗެލޮޓީއާ އެކު ރެއާލާއި ބަޔާން މިއުނިކުގައި މަސައްކަތްކޮށްފަ އެވެ. ރިޕޯޓްތައް ބުނާ ގޮތުގައި ރެއާލުގެ ކޯޗު ޒައިނުއްދީން ޒިދާނުގެ ޕްލޭނުގައި ރޮޑްރިގޭޒް ނުހިމެނެ އެވެ. އެހެންވެ އޭނާއާ ގާތް ގުޅުމެއް އޮންނަ އަންޗެލޮޓީއާ އެކު އަލުން، ޕްރިމިއާ ލީގުގައި މަސައްކަތްކުރަން ދިއުމުގެ ފުރުސަތު ބޮޑެވެ.

ބީބީސީން ބުނާ ގޮތުގައި އެވަޓަން އިން ރޮޑްރިގޭޒް ގެންނަނީ ލޯން އުސޫލުން ކަމެއް ނުވަތަ ދާއިމީ ކޮންޓްރެކްޓެއްގެ ދަށުންކަން އަދި ނޭގޭ ކަމަށެވެ. އޭނާ ކުރިން ބަޔާނަށް ކުޅުނީ ރެއާލުގެ ލޯނެއްގެ ދަށުންނެވެ.

އެވަޓަން އިން އަންނަނީ ވަޓްފޯޑުގެ މިޑްފީލްޑަރު އަބްދުލަޔޭ ޑޮކޫރޭ ހޯދަން ވެސް މަސައްކަތްކުރަމުންނެވެ. އަދި ސައުތުހެމްޓަންގެ ޑެންމާކުގެ މިޑްފީލްޑަރު ޕިއެރޭ-އެމީލް ހޮޖްބާގް ހޯދަން ވެސް މަސައްކަތްކުރި އެވެ. އެކަމަކު އޭނާ ބޭނުންވީ ޓޮޓެންހަމް ހޮޓްސްޕާސްއާ ގުޅޭށެވެ.