30 އޯގަސްޓް 2020 - 11:00

ހައިދަރުއާބާދު (އޮގަސްޓް 30) - އިންޑިއާ ސުޕަ ލީގުގެ ހައިދަރުއާބާދު އެފްސީން ކޮންޓްރެކްޓް އުވާލުމަށް ފަހު އަލްބާޓް ރޮކާ ބާސެލޯނާގެ ކޯޗިން ޓީމާ ގުޅިއްޖެ އެވެ.
ކުރިން ބެންގަލޫރަށް ކޯޗުކޮށްދިން ރޮކާ ހައިދަރުއާބާދާ ހަވާލުވީ މި އަހަރު ޖެނުއަރީ މަހު ދެ އަހަރުގެ އެއްބަސްވުމެއްގެ ދަށުންނެވެ. ރަނގަޅު ޕްރޮޖެކްޓަކާ އެކު ރޮކާ ހައިދަރުއާބާދާ ހަވާލުވި ނަމަވެސް ދާދި ފަހުން ބާސެލޯނާ ކޯޗަކަށް ހަމަޖެއްސި ރޮނާލްޑް ކޫމަން ބޭނުންވާތީ ރޮކާ ގެންނަން ބާސެލޯނާ އިން މަސައްކަތް ފެށި އެވެ. ހައިދަރުއާބާދުން ބުނީ ރޮކާ ދޫކޮށްލަން ނިންމީ އޭނާ ކުރީގެ ޓީމާ ގުޅެން ވަރަށް ބޮޑަށް ބޭނުންވެފައި ހުރުމުން ކަމަށެވެ.
"ވަރަށް ގިނަ ގޮތްގޮތުން މަޝްވަރާ ކުރުމަށް ފަހު އަހަރެމެން ނިންމީ ރޮކާގެ ހުށަހެޅުން ގަބޫލުކޮށް އޭނާގެ އެއްބަސްވުން އުވާލަން. ކޮންމެ ގޮތެއް ވިޔަސް ރޮކާއަކީ ކެޓަލޫނިއާ އަށް އުފަން މީހެއް. އޭނަގެ އުފަން ސަރަހައްދުން އެ ފަދަ ހުށަހެޅުމެއް ލިބިފައި އޮއްވައި އޭގެ ހުރަހަކަށް މި ކްލަބަކުން ނުވާނެ. ހައިދަރުއާބާދު އެފްސީގެ ފަރާތުން ރޮކާ އަށް ކާމިޔާބަށް އެދެން،" ހައިދަރުއާބާދުގެ އޮފިޝަލަކު އިންޑިއާ ޓީވީ އަށް ދިން އިންޓަވިއުއެއްގައި ބުނެފައިވެ އެވެ.
ބާސެލޯނާ އިން ވަނީ ރޮކާ އެ ޓީމާ ގުޅެން ފުރުސަތު ދޭން ހައިދަރުއާބާދުން ނިންމުމާ ގުޅިގެން އެކަމަށް ޝުކުރުއަދާކޮށްފަ އެވެ. ކޫމަންގެ ކޯޗިން ޓީމާ ރޮކާ ގުޅުނީ ފިޓްނަސް ކޯޗެއްގެ ގޮތުގަ އެވެ. ބާސެލޯނާ އިން އެސިސްޓަންޓް ކޯޗަކަށް ގެނައީ ކުރީގެ ފޯވާޑް ހެންރިކް ލާސަން އެވެ. ކުރިއަށް އޮތް ސީޒަނަށް ބާސެލޯނާ ޕްރެކްޓިސް ފަށަން ހަމަޖެހިފައިވަނީ މިއަދު އެވެ.
އުމުރުން 57 އަހަރުގެ ރޮކާ އަކީ މީގެ ކުރިން ބާސެލޯނާގައި އެސިސްޓަންޓް ކޯޗެއްގެ ގޮތުގައި މަސައްކަތްކޮށްފައިވާ މީހެކެވެ. ލެޖެންޑް ޔޯހަން ކްރައިފުގެ ޒަމާނަށް ފަހު ބާސެލޯނާގެ މަޝްހޫރު ޕާސިން ގޭމް އަލުން އެ ޓީމަށް ގެނެސްދިން ފްރޭންކް ރައިކާޑުގެ އެސިސްޓަންޓް ކޯޗުގެ ގޮތުގައި ރޮކާ ވަނީ 2003 އިން 2008 އަށް މަސައްކަތްކޮށްފަ އެވެ. އެ ދުވަސްވަރު އޭނާ ހިމެނިގެން ބާސެލޯނާ އިން ވަނީ ސްޕެނިޝް ލީގު ދެ ފަހަރު އަދި ޗެމްޕިއަންސް ލީގު އެއް ފަހަރު އުފުލާލައިފަ އެވެ.
ބާސެލޯނާގެ ޔޫތު ޓީމުގެ ކޯޗަކަށް ޕެޕް ގާޑިއޯލާ އަދި ފަހުން ލުއިސް އެންރިކޭ މަސައްކަތްކުރި އިރު ވެސް ރޮކާ ވަނީ އެހީތެރިވެދީފަ އެވެ. އެ ދުވަސްވަރު ބާސެލޯނާގެ ޔޫތު ޓީމުން ނުކުތް ކުޅުންތެރިންގެ ތެރޭގައި ސާޖިއޯ ބުސްކެޓްސް އާއި ތިއާގޯ އަލްކަންޓްރާ އާއި ބޮޔާން ކާކިޗް އަދި ޕެޑްރޯ ރޮޑްރިގޭޒް ހިމެނެ އެވެ.
ބާސެލޯނާގެ ކޯޗުކަމުން 2008 ގައި ރައިކާޑް ވަކިވުމަށް ފަހު އޭނާ ތުރުކީގެ ގަދަބާރު ގަލަތަސަރާއީ އަށް އަދި ފަހުން ސައުދީ އަރަބިއާގެ ގައުމީ ޓީމަށް ކޯޗުކޮށްދިން އިރު ވެސް ރޮކާ ވަނީ އޭނާގެ އެސިސްޓަންޓަކަށް މަސައްކަތްކޮށްފަ އެވެ. ރައިކާޑުގެ އެސިސްޓަންޓްކަމުން ވަކިވެ ރޮކާ ރަސްމީކޮށް ކޯޗިން ކެރިއަރު ފެށީ 2014 ވަނަ އަހަރު އެލް ސަލްވާޑޯ ގައުމީ ޓީމާ ހަވާލުވުމަށް ފަހު އެވެ. އެ ޓީމުގައި އެއް އަހަރު ހޭދަކުރުމަށް ފަހު 2016 ވަނަ އަހަރު ބެންގަލޫރަށް ސޮއިކުރި އެވެ. އެ ޓީމުގައި ހޭދަކުރި ދެ އަހަރު ބޮޑެތި ކާމިޔާބީތަކެއް ހޯދައި 2018 ވަަނަ އަހަރު އެ ޓީމުން ވަކިވިއިރު ބެންގަލޫރު ވަނީ އޭއެފްސީ ކަޕްގެ ފައިނަލުގައި ކުޅެފަ އެވެ.