31 އޯގަސްޓް 2020 - 09:15

އެކި ކަންކަމުގައި މާލީ އެހީތެރިކަން ފޯރުކޮށް ދެމުން އަންނަ ބޮލީވުޑްގެ އެކްޓަރު ސަލްމާން ޚާން ހިއްސާވާ ގޮތަށް އިންޑިއާގެ މަހާރަޝްތުރާ ސްޓޭޓްގެ ޚިދުރާޕޫރްގައި 70 ގެ އިމާރާތްކުރަން ފަށައިފި އެވެ.
މިއީ މިދިޔަ އަހަރު އެތަނަށް ކުރި ވިއްސާރައިގައި ފެންބޮޑުވެ، ގެދޮރު ގެއްލުނު މީހުންނަށް އިމާރާތްކޮށްދޭ ގެތަކެކެވެ. ޚިދުރަޕޫރަށް ސަލްމާން އެހީވަނީ ގުރުގްރަމްގެ ޖަމިއްޔާއެއް ކަމަށްވާ އީލާން ގްރޫޕާ ގުޅިގެންނެވެ. މިކަން މި އަހަރުގެ ފެބްރުއަރީގައި ސަލްމާންގެ އިންސްޓަގްރާމް ޕޯސްޓެއްގައި ވެސް ހިއްސާކޮށްފައިވެ އެވެ.
ގެދޮރު ގެއްލުނު މީހުންނަށް ގެތައް އިމާރާތްކުރަން ކުރިއަށް ގެންދާ މަޝްރޫއަށް މަހާރަޝްތުރާ ސްޓޭޓް ސަރުކާރުން ކޮންމެ ގެއަކަށް 95،000 ރުޕީސް ދޭން ނިންމާފައިވާ އިރު، އެކަމަށް ހިނގާ ބާކީ ހަރަދު ހަމަޖައްސާނީ ސަލްމާން ދޭ އެހީންނެވެ. މިކަން ކުރިއަށްދާނީ އީލާން ގްރޫޕްގެ ބެލުމުގެ ދަށުންނެވެ. އެތަނުން ބުނެފައިވާ ގޮތުގައި އިމާރާތްކުރާ 70 ގެ ވެގެންދާނީ ޒަމާނީ ފެންވަރަށް އިމާރާތްކުރާ ތަންތަނަށެވެ.
މި ގެތަކުގެ މަސައްކަތް މިހާރު ފަށާފައިވާ އިރު މަހާރަޝްތުރާ ސްޓޭޓްގެ މިނިސްޓަރެއް ކަމަށްވާ ރަޖެންދުރަ ޕަޓިލް ޔަދްރަވާކަރު ފޮޓޯތަކަކާ އެކު އެ ވާހަކަ ޓްވިޓާގައި ވެސް ހިއްސާކޮށްފައިވެ އެވެ. ހިންދީ ބަހުން ކޮށްފައިވާ ޓްވީޓްގައި ސަލްމާންގެ ނަން ފާހަގަކޮށް، އޭނާ އަށް ޝުކުރު ވެސް އަދާކޮށްފައިވެ އެވެ.
ސަލްމާނަކީ ބޮލީވުޑްގެ އެކްޓަރުންގެ ތެރެއިން އެންމެ ބޮޑު އާމްދަނީއެއް ލިބޭ އެކެކެވެ. އަދި އޭނާގެ އަމިއްލަ ފައުންޑޭޝަން "ބީން ހިއުމަން" ގެ ދަށުން އިންސާނިއްޔަތަށް އެކި ގޮތްގޮތުން އެހީވަމުން ދެ އެވެ.