ވެކްސިންއާ އެކު ކޮވިޑް ކަންތައް މި އަހަރު ނިމޭނެ: ޓްރަމްޕް
ވެކްސިންއާ އެކު ކޮވިޑް ކަންތައް މި އަހަރު ނިމޭނެ: ޓްރަމްޕް

ވޮޝިންޓަން (އޮގަސްޓް 29) - މި އަހަރު ފަހުކޮޅު ލިބޭ ކޮރޯނާވައިރަހުގެ ވެކްސިންއާ އެކު ކޮވިޑް-19 ގެ ކަންތައް ނިންމާލެވޭނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

ދެ ވަނަ ދައުރަކަށް ވެރިކަމަށް ވަޑައިގަތުމަށް މަސައްކަތް ކުރައްވާ ޓްރަމްޕް، ރިޕަބްލިކަން ޕާޓީގެ ރިޔާސީ ޓިކެޓާ ހަވާލުވެވަޑައިގަތުމަށް ފަހު ވިދާޅުވީ ކުރު މުއްދަތެއްގެ ތެރޭގައި އެމެރިކާ އިން ވަނީ ވެކްސިނެއް އުފައްދާފައި ކަމަށެވެ.

"މި އަހަރު ނިމުމުގެ ކުރިން ރައްކާތެރި، ކާމިޔާބު ވެކްސިނެއް ލިބޭނެ. އެ ވެކްސިންއާ އެކު ކޮވިޑް ވައިރަހުގެ ކަންތައް ނިންމާލެވޭނެ،" ޓްރަމްޕް ވިދާޅުވި އެވެ.

ޓްރަމްޕް އެހެން ވިދާޅުވި ނަމަވެސް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ އިން ބުނެފައި ވަނީ ކޮވިޑްގެ ކަންތައް ނިމެން ދެ އަހަރުވަރު ނަގާނެ ކަމަށެވެ.

ޓްރަމްޕް ގެންދަވަނީ ރިޔާސީ އިންތިޚާބު އޮންނަ ނޮވެމްބަރު 3 ވަނަ ދުވަހުގެ ކުރިން ވެކްސިނެއް ނެރުމަށް މަސައްކަތް ކުރައްވަމުންނެވެ. ޔޫއެސް ފުޑް އެންޑް ޑްރަގު އެޑްމިނިސްޓްރޭޝަން (އެފްޑީއޭ) އިން ވެކްސިން އަށް ހުއްދަ ނުދީގެން ޓްރަމްޕް ވަނީ އެފްޑީއޭގައި "އަޑީ ދައުލަތެއް" ހިންގާ ކަމަށް ވިދާޅުވެފަ އެވެ.

އެމެރިކާގެ ބައެއް ކުންފުނިތަކުން އުފައްދާ ވެކްސިން މިހާރު ވަނީ ތިން ވަނަ ސްޓޭޖުގަ އެވެ.

އެމެރިކާގެ ނޭޝަނަލް އިންސްޓްޓިއުޓް އޮފް އެލާޖީ އެންޑް އިންފެކްޝަސް ޑިޒީޒްގެ ޑިރެކްޓަރު ޑރ. އެންތަނީ ފައުޗީ ވިދާޅުވީ އެކި މަރުހަލާތަކުގައި ޓެސްޓް ކުރަން ޖެހޭ އަދަދަށް މީހުން ބޭނުންކޮށްގެން ޓެސްޓް ނުކޮށް ވެކްސިން އަށް ހުއްދަ ދީގެން ނުވާނެ ކަމަށެވެ.

އެމެރިކާ އިން މިހާތަނަށް ވަނީ ހަ މިލިއަން މީހުން ކޮރޯނާވައިރަހަށް ޕޮޒިޓިވްވެ 185,965 މީހުން މަރުވެފަ އެވެ.