ދިއްލީގެ ދީނީ ހަމަނުޖެހުންތަކުގައި މުސްލިމުންނަށް ފުލުހުން ދިން އަނިޔާ ބޮޑު: އެމްނެސްޓީ
ދިއްލީގެ ދީނީ ހަމަނުޖެހުންތަކުގައި މުސްލިމުންނަށް ފުލުހުން ދިން އަނިޔާ ބޮޑު: އެމްނެސްޓީ

ނިއު ދިއްލީ (އޮގަސްޓް 29) - އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި މި އަހަރު ކުރީކޮޅު ހިންގި ދީނީ ހަމަނުޖެހުންތަކުގައި ފުލުހުން ވަނީ އިންސާނިއްޔަތާ ޚިލާފު ޖަރީމާތައް ހިންގާފައި ކަމަށް އެމްނެސްޓީ އިންޓަނޭޝަނަލް އިން ބުނެފި އެވެ.

އެމްނެސްޓީން ބުނީ ފުލުހުން ވަނީ މުޒާހަރާތަކަށް ނުކުތް މީހުންނާއި ހައްޔަރުކުރި މީހުންނަށް އަނިޔާކޮށް، ހިންދޫ ހަރުކަށި ގްރޫޕްތަކުގެ ހަމަނުޖެހުންތަކުގައި ފުލުހުން ވެސް ބައިވެރިވެފައިވާ ކަމަށެވެ. އިންޑިއާގެ ރަށްވެހިކަމުގެ ގާނޫނާ ދެކޮޅަށް މުސްލިމުންނާއި ހިންދޫންނާ ދެމެދު ހިންގި ހަމަނުޖެހުންތަކުގައި 40 އަށް ވުރެ ގިނަ މީހުން މަރުވި އެވެ. ފެބްރުއަރީ މަހު ހިންގި ހަމަނުޖެހުންތަކުގައި އެންމެ ބޮޑު ގެއްލުމެއް ލިބުނީ މުސްލިމުންނަށް ކަމަށް އެމްނެސްޓީން ބުނެފައިވެ އެވެ.

އެމްނެސްޓީގެ ތުހުމަތުތަކަށް ދިއްލީ ފުލުހުން ރައްދުދީފައެއް ނުވެ އެވެ.

އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުން ފާސްކުރި ސިޓިޒަންޝިޕް އެމެންޑްމެންޓް އެކްޓް (ސީއޭއޭ) އަމާޒުކޮށްފައި ވަނީ މުސްލިމުންނަށް ކަމަށް ފާޑުކިޔާ ފަރާތްތަކުން ބުނެފައިވެ އެވެ. އެ ގާނޫނާ ދެކޮޅަށް މުސްލިމުން ވަނީ މުޒާހަރާކޮށްފަ އެވެ. ތިން ދުވަހަށް ކުރިއަށް ދިޔަ މުޒާހަރާތަކުގައި މުސްލިމުންގެ ގެތަކާއި ފިހާރަތަކުގައި ހުޅުޖަހައިފައިވެ އެވެ.

އެމްނެސްޓީން ބުނެފައި ވަނީ ހަމަނުޖެހުންތަކުގެ ވީޑިއޯތަކުގެ ފޮރެންސިކް ތަހުލީލުތަކުން އެނގޭ ގޮތުގައި ފުލުހުން ވަނީ މުސްލިމުންނާ ދެކޮޅަށް ހަމަނުޖެހުން ހިންގުމަށް ހިންދޫންނަށް ފަރުސަތުދީފައި ކަމަށެވެ. ހިންދޫންގެ ހަރުކަށި ފަރާތްތަކުން ދިން ނަފުރަތު އުފެދޭ ތަގްރީރުތަކުގެ ސަބަބުން ވެސް ހަމަނުޖެހުމަށް މަގުފަހިވެފައިވާ ކަމަށް އެމްނެސްޓީގެ ރިޕޯޓުގައި ބުނެފައިވެ އެވެ. އަދި ނަފުރަތު އުފެއްދުމަށް ވާހަކަ ދެއްކި މީހުންނާ ދެކޮޅަށް އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާއިރު ހައްޔަރުކުރި ގިނަ މީހުންނަކީ މުސްލިމުން ކަމަށް އެމްނެސްޓީން ބުނެފައިވެ އެވެ.