ޓިކްޓޮކް ހޯދުމުގެ ރޭހަށް ޓްރިލާ އާއި ސެންޓްރިކަސް
ޓިކްޓޮކް ހޯދުމުގެ ރޭހަށް ޓްރިލާ އާއި ސެންޓްރިކަސް

ޗައިނާގެ ބައިޓްޑާންސުން ހިންގާ ޓިކްޓޮކް ގަންނަން މަސައްކަތްކުރާ ކުންފުނިތަކުގެ ލިސްޓުގައި އިތުރު ކުންފުނިތަކެއް ހިމެނިއްޖެ އެވެ.

މައިކްރޮސޮފްޓާއި އޮރޭކަލް ކޯޕަރޭޝަނާއި ވޮލްމާޓްގެ ފަހަތުން މިހާރު ޓިކްޓޮކް ގަތުމުގެ ބިޑަށް ވާދަކުރަނީ ޓިކްޓޮކާ ދާދި އެއްކަހަލަ ގޮތަކަށް ތައްޔާރުކޮށްފައިވާ އެމެރިކާގެ ޓްރިލާ އާއި ލަންޑަނުގައި ހިންގާ ގްލޯބަލް އިންވެސްޓްމަންޓް ކުންފުންޏެއް ކަމަށްވާ ސެންޓްރިކަސްއިންނެވެ.

ބްލޫމުމްބާގުން ބުނި ގޮތުގައި ޓްރިލާ އާއި ސެންޓްރިކަސް އިން ޓިކްޓޮކަށް ބިޑްކުރަނީ 20 މިލިއަން ޑޮލަރަށެވެ. ޓިކްޓޮކް ގަންނަން މަސައްކަތްކުރާކަން ކަށަވަރުކޮށް ދެމުން ޓްރިލާގެ އެކްޒެކެޓިވް ޗެއާމަން ބޮބީ ސަރްވަނޭޝްތު ވިދާޅުވީ ޓިކްޓޮކް ގަންނަން އެ ކުންފުނި ނުކުތުމަކީ ބައެއް ކުންފުނިތަކުން ހިތްހަނުޖެހޭ ކަމަކަށް ވެސް ވެދާނެ ކަމަށެވެ. އެކަމަކު ޓްރިލާ އޮތީ ޓިކްޓޮކް ގަންނަން ވާދަކުރަން ތައްޔާރަށް ކަމަށް ވިދާޅުވި އެވެ.

ޓްރިލާ އާއި ސެންޓްރިކަސް އިން ޓިކްޓޮކް ގަންނަން ހުށަހެޅި ކަމަށް މީޑިއާތަކުން ބުނި ނަމަވެސް ބައިޓްޑާންސާއި ޓިކްޓޮކުން ވަނީ އެފަދަ ހުށަހެޅުމެއް ރަސްމީކޮށް އަދި ލިބިފައިނުވާ ކަމަށް ބުނެފަ އެވެ. އަދި ޓްރިލާ އަކީ ކޯޗެއްތޯއާ މެދު ވެސް ބައިޓްޑާންސުން ސުވާލު އުފައްދާފައިވެ އެވެ. މީޑިއާތަކުން ބުނެފައިވާ ގޮތުގައި ސެންޓްރިކަސް އިން ޓިކްޓޮކް ގަންނަން ބޭނުން ވަނީ އެމެރިކާގެ އިތުރުން އިންޑިއާގެ އޮޕަރޭޝަންސްއާ އެކީގަ އެވެ. ޖޫން މަހު އިންޑިއާގައި ވަނީ ޓިކްޓޮކް މަނާކޮށްފަ އެވެ.

ރިޕޯޓްތައް ބުނާގޮތުން ޓިކްޓޮކް އެމެރިކާ އަށް ވިއްކައިލާ ނަމަ 20-50 ބިލިއަން ޑޮލަރަށް ވުރެ ކުޑަ އަގަކަށް ވިއްކައެއް ނުލާނެ އެވެ. ޓިކްޓޮކަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ކުންފުނިތަކުގެ ތެރޭގައި ޓްވިޓާ އާއި އިންޑިއާގެ މަހުޖަނު މުކޭޝް އަމްބާނީގެ ރިލަޔަންސް ގްރޫޕް ހިމެނެ އެވެ.

ޓީކްޓޮކަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް ބުނެ، އެ އެޕް އެމެރިކާ އަށް ވިއްކާ ނުލާ ނަމަ މަނާކުރާނެކަމުގެ ބިރު ދައްކައި ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ވަނީ މުއާމަލާތް ކޮޅެއްގައި ޖައްސަން 90 ދުވަހުގެ މުހުލަތެއް ވެސް ދީފަ އެވެ. އެ މުއްދަތު ހަމަވާނީ އަންނަ ނޮވެމްބަރު މަހުގެ 12 ގަ އެވެ.

މި މައްސަލާގައި މިދިޔަ ހަފުތާގައި ޓިކްޓޮކުން ވަނި އެމެރިކާ ސަރުކާރަށް ދައުވާ ވެސް ކޮށްފަ އެވެ.