އިތުރު 140 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ
އިތުރު 140 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ

ކޮވިޑް-19 އަށް އިތުރު 140 މީހަކު ޕޮޒިޓިވްވެ، 182 މީހަކު ރަނގަޅުވެއްޖެ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ އިން މިރޭ ބުނެފި އެވެ.

އިއްޔެ ހަވީރު 6:00 އިން ފެށިގެން މިއަދު 6:00 އާ ހަމައަށް ކޮވިޑަށް ޕޮޒިޓިވްވެފައިވާ މީހުންގެ ތެރޭގައި 114 ދިވެއްސަކު ހިމެނެ އެވެ. ދެން މި ބައްޔަށް ޕޮޒިޓިވްވެފައި ވަނީ ބަންގްލަދޭޝްގެ 17 މީހަކާއި އިންޑިއާގެ ތިން މީހަކާއި ނޭޕާލުގެ ދެ މީހަކާއި އެމިރޭޓްސްގެ ދެ މީހަކާއި އިޖިޕްޓް މީހަކާއި ފްރާންސް މީހަކު ކަމަށް އެޗްޕިއޭ އިން ބުންޏެވެ.

އެޗްޕީއޭ އިން ބުނިގޮތުގައި ބަލިން ރަނގަޅުވި މީހުންގެ އަދަދު އުޅެނީ 4،873ގަ އެވެ. ކޮވިޑަށް މިހާރު ފަރުވާ ހޯދަމުން ދަނީ 2،568 މީހުންނެވެ. މިހާތަނަށް ކޮވިޑަށް ޕޮޒިޓިވްވެފައި ވަނީ 7،469 މީހުންނެވެ.

މީގެ އިތުރުން 192 މީހަކަށް ފަރުވާ ދެމުން ދަނީ ހޮސްޕިޓަލުގައި ކަމަށް ވެސް އެޗްޕީއޭ އިން ބުންޏެވެ. އެތަނުން ބުނިގޮތުގައި މާލޭގެ އިތުރުން 32 ރަށެއްގައި ކޮވިޑް ޖެހިފައިވާ މީހުން އެބަތިއްބެވެ. އޭގެ ތެރޭގައި 15 ރިސޯޓެއް ހިމެނެ އެވެ.

ކޮވޑް-19 ޖެހޭ މީހުންގެ އަދަދު އިތުރުވަމުންދާތީ ސަރުކާރުން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަލުން ހަރުކަށިކޮށްފަ އެވެ. އެޗްޕީއޭގެ އުސޫލްތަކާ ހިލާފަށް މާސްކު ނާޅާ، އަދި މަނާ ވަގުތުތަކުގައި ވެހިކަލް ދުއްވާ މީހުން ޖޫރިމަނާ ކުރެ އެވެ. ކޮވިޑް ޖެހޭ ވަރު މަދުނުވެ، އިތުރުވާ ނަމަ މާލެ ސަރަހައްދު އަލުން ލޮކްޑައުން ކުރަން ޖެހިދާނެ ކަމަށް ހެލްތު އިމަޖަންސީ އޮޕަރޭޝަން ސެންޓަރުން ވަނީ އިންޒާރު ދީފަ އެވެ.