26 އޮކްޓޯބަރ 2016 - 12:28

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ވޮލީބޯޅަ މުބާރާތް ކަމަށްވާ ގައުމީ ލީގު ހުޅުވުމުގެ ގޮތުން އެކުވެރިކަމުގެ ހާއްސަ ދެ މެޗު ކުޅެން ވޮލީބޯޅަ އެސޯސިއޭޝަނުން ނިންމައިފި އެވެ.
އަންނަ މަހުގެ 2 ވަނަ ދުވަހުގެރޭ ކުޅުމަށް ހަމަޖެހިފައިވާ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ގައުމީ ފިރިހެން ވޮލީބޯޅަ ޓީމާއި ރާއްޖޭގެ ކްލަބްތަކަށް ގެނެސްފައިވާ ބިދޭސީ ފިރިހެން ކުޅުންތެރިންގެ ޓީމެކެވެ. އެރޭ ކުޅޭ އަނެއް މެޗުގައި ބައްދަލުކުރާނީ އަންހެން ގައުމީ ޓީމާއި ބިދޭސީ އަންހެން ކުޅުންތެރިންގެ ޓީމެކެވެ. ދެ މެޗު ވެސް ކުޅޭނީ ތިން ސެޓަށެވެ.
ވޮލީބޯޅަ އެސޯސިއޭޝަނުގެ ރައީސް މުހައްމަދު ލަތީފް ވިދާޅުވީ މިއީ ވޮލީބޯޅައިގެ ފޯރި ގަދަކުރުމުގެ މަސައްކަތުގެ ބަޔެއް ކަމަށާއި މިފަދަ ބައިވަރު ކަންކަން ރޭވިފައިވާ ކަމަށެވެ.
"އަޅުގަނޑުމެން ރާވާފައިވަނީ މި މެޗުތައް ވަރަށް ކުލަަގަދަކޮށް ފޯރިގަދަކޮށް ބާއްވަން. ބޭނުންވަނީ ގައުމީ ލީގު ފެށުމުގެ ކުރިން ވޮލީބޯޅައިގެ ފޯރި އިތުރަށް އާލާކުރުން،" ލަތީފް ވިދާޅުވި އެވެ.
ގައުމީ ފިރިހެން ވޮލީބޯޅަ ލީގު އަންނަ މަހުގެ 4 ވަނަ ދުވަހުގެރޭ ފަށާއިރު އަންހެން ލީގު ވެސް ކުރިއަށް ގެންދާނީ އެކުއެކީގަ އެވެ. ލީގު ނިމުމާ އެކު ގައުމީ މުބާރާތުގެ ފިރިހެން އަދި އަންހެން ޑިިވިޝަން ފަށާނެ އެވެ. ގައުމީ މުބާރާތުގެ ފައިނަލް ނޮވެމްބަރު 24 ގައި ކުޅުމަށް ފަހު ގައުމީ ޓީމުގެ ޕްރެކްޓިހަށް މުބާރާތްތައް މެދުކަނޑާލާނެ އެވެ.
ގައުމީ އަންހެން ވޮލީބޯޅަ ލީގުގައި ފަސް ޓީމު ވާދަކުރާއިރު ގައުމީ މުބާރާތަށް ހޮވޭނީ ހަތަރު ޓީމެވެ. ގައުމީ މުބާރާތް ކުޅޭނީ ތިން ސެމީގެ އުސޫލުންނެވެ. ގައުމީ ފިރިހެން ލީގުގައި ހަ ޓީމު ވާދަކުރާ އިރު ގައުމީ މުބާރާތަށް ހޮވޭނީ ހަތަރު ޓީމެވެ.