20 އަހަރު ވަންދެން "ބަންދުގައި" ބެހެއްޓި މީހަކު ސަލާމަތްކޮށްފި
20 އަހަރު ވަންދެން "ބަންދުގައި" ބެހެއްޓި މީހަކު ސަލާމަތްކޮށްފި

ބްރެސީލިއާ (އޮކްޓޯބަރު 26) - އާއިލާގެ ފަރާތުން 20 އަހަރު ވަންދެން "ބަންދުގައި" ބެހެއްޓި މީހަކު ބްރެޒިލް ފުލުހުން ސަލާމަތް ކޮށްފި އެވެ.

ބަންދުގައި ހުރި 36 އަހަރުގެ މީހާ ފުލުހުންނަށް ފެނުނީ އިއްތިފާގަކުންނެވެ. އެއީ ގުއާރޮލޮސް ނަމަކަށް ކިޔާ ފަގީރު ސިޓީއެއްގައި މަސްތުވާ ތަކެތި ބޭނުންކުރާ މީހުން ހޯދަން ފުލުހުން ހިންގި އޮޕަރޭޝަނެއްގެ ތެރޭގަ އެވެ. ފުލުހުން ބުނީ އެ މީހާގެ ހަށިގަނޑު ވަރަށް ނިކަމެތި ކަމަށާއި އޭނާގެ ސިކުނޑީގެ މައްސަލައެއް ހުރި ކަމަށް ވެސް ގަބޫލް ކުރެވޭ ކަމަށެވެ. އޭނާއަކަށް ވާހަކައެއް ވެސް ނުދެއްކެ އެވެ. ފުލުހުން ވަނީ އޭނާ ހޮސްޕިޓަލަށް ގެންގޮސްފަ އެވެ.

ފުލުހުން އެ ގެއަށް ވަން އިރު އެއްވެސް މީހަކު ނެތެވެ. ފޮޓޯތަކުން ފެންނަ ގޮތުގައި އެ މީހާ އޮތް ކޮޓަރީގައި ހުރީ އެނދެއް އެކަންޏެވެ. އަދި ފާޚާނާ ވެސް ވަރަށް ހަޑި އެވެ.

އަވަށްޓެރިން ބުނީ އެ މީހާ އަށް އޭނާގެ ދޮން މަންމަ ވަރަށް ގިނައިން އަނިޔާކުރާ ކަމަށާއި އޭނާގެ އުމުރުން 16 އަހަރަށް ފަހު "ގެއްލިފައިވާ" ކަމަށެވެ.

ފުލުހުން ސަލާމަތް ކުރި މީހާގެ ބައްޕަ ފަހުން، ފުލުސް ސްޓޭޝަނަށް ގޮސް ބުނީ އުމުރުން 16 އަހަރުގައި އޭނާގެ ދަރި ގެއްލިފައިވާ ކަމަށެވެ. އަދި އޭނާ ގެއަށް ދިޔައީ މިދިޔަ ހަފުތާގައި ކަމަށާއި އޭނާ ވަނީ މަސްތުވާ ތަކެއްޗަށް ދެވި ހިފާފައި ކަމަށެވެ. އަދި ކޮޓަރީގައި ބަންދުކޮށްފައި ބެހެއްޓީ އެހެންވެ ކަމަށް ވެސް އޭނާ ބުންޏެވެ.

ފުލުހުން ބުނީ އޭނާ މަސްތުވާތެއްޗަށް ޓެސްޓް ކުރާނެ ކަމަށެވެ. އަދި އޭނާ ބަންދު ކުރި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ވެސް ވަނީ ބުނެފަ އެވެ.