28 އޯގަސްޓް 2020 - 15:26

މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޝިފާ މުހައްމަދުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި މިއަދު މެންދުރުފަހު 3:00 ގައި ވޯޓުނަގަން އެޖެންޑާކޮށްފައިވަނިކޮށް، އެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން މިއަދު އަންގައިފި އެވެ.
މާލޭގެ ރައްޔިތުންނަށް ޚިދުމަތް ނުދެވޭތީ އާއި ލާމަރުކަޒީ ގާނޫނާ އެއްގޮތަށް ކައުންސިލް ނުހިންގަވާ ކަމުގެ ތުހުމަތާ އެކު އެ މައްސަލަ ހުށަހެޅުއްވީ މާފަންނު އުތުރު ދާއިރާގެ ކައުންސިލަރު މުހައްމަދު ފަޒީނެވެ. އެ މައްސަލައިގައި ޖަވާބުދާރީވާން 10 ދުވަސް ދިނަސް އެ މުއްދަތު ހަމަވިއިރު ޖަވާބުދާރީވެވަޑައިގެންފައެއްނުވެ އެވެ.
އެމްޑީޕީގެ ސާފު އަޣުލަބިއްޔަތު އޮންނަ ކައުންސިލްގެ އަށް ކައުންސިލަރަކު ވަނީ ޝިފާގެ އިތުބާރު ނެތް ކަމުގެ ވޯޓު ނަގަން ހުށަހެޅި މައްސަލައިގައި ތާއީދުކުރައްވައިފަ އެވެ. ވޯޓު ނަގަން ތާއީދު ނުކުރައްވަނީ ދެ ކައުންސިލަރެކެވެ.
ޝިފާއާ ދެކޮޅަށް ނުކުތް ކައުންސިލަރުންގެ ތެރޭގައި، އެމްޑީޕީގެ ޕްރައިމަރީ ކާމިޔާބުކޮށް، ދެން އޮންނަ ކައުންސިލް އިންތިޚާބުގައި އެކި ދާއިރާތަކަށް ވާދަކުރައްވާ ކެންޑިޑޭޓުން ވެސް ހިމެނެ އެވެ.
އެލްޖީއޭގެ ސީއީއޯ އަފްޝަން ލަތީފު ފޮނުއްވި ސިޓީގައި ވިދާޅުވީ، އެ އޮތޯރިޓީން އިންކުއަރީއެއް ކުރިއަށްގެންދާ ދަނޑިވަޅުގައި މޭޔަރުގެ އިތުބާރު ނެތްކަމުގެ ވޯޓު ނުގެންދެވޭނެ ކަމަށް މިއަދު ބޭއްވި ކުއްލި ބައްދަލުވުމުން ނިންމާފައިވާ ކަމަށެވެ.
"...ސިޓީގައި ބަޔާންކޮށްފައިވާ އިންކުއަރީ ހެދުމުގެ މަސައްކަތް އޮތޯރިޓީން ކުރަމުންގެންދާ މި ދަނޑިވަޅުގައި، މައްސަލަ ރައްދުވާ ކައުންސިލަރަކު ހުށަހަޅުއްވާފައިވާ، ތިޔަ ކައުންސިލްގެ މޭޔަރު ޝިފާ މުހައްމަދާއި ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފްގެ އިތުބާރު ނެތްކަމުގެ ވޯޓު މިވަގުތު ކުރިއަށް ނުގެންދެވުމަށް ދެންނެވީމެވެ،" ހުކުރު ދުވަހު ބޭއްވި ކުއްލި ބައްދަލުވުމަށްފަހު ފޮނުވި ސިޓީގައި އަފްޝަން ވިދާޅުވި އެވެ.
އެ އިންކުއަރީ ހަދަނީ ފަޒީން އާއި ހެންވޭރު ދެކުނު ދާއިރާގެ ކައުންސިލަރު އިބްރާހިމް މަނިކާ ގުޅޭގޮތުން އެލްޖީއޭ އަށް ޝިފާ ހުށަހެޅުއްވި މައްސަލައާ ގުޅިގެންނެވެ. މުވައްޒަފުންނަށް ބިރުދެއްކުން ފަދަ ކަންކަންކުރާ ކަމުގެ ތުހުމަތުކޮށް އެ މައްސަލަ އެލްޖީއޭ އަށް ހުށަހެޅުއްވީ ވެސް، ޝިފާގެ އިތުބާރުނެތްކަމުގެ މައްސަލަ ހުށަހެޅުއްވި ފަހުންނެވެ.
އެކަމާ ގުޅިގެން ފަޒީން "މިހާރު" އަށް ވިދާޅުވީ ބައިގަޑިއިރަށް ވެފައިވަނިކޮށް ބައްދަލުވުން ނުބޭއްވޭނެ ކަމަށް އެންގުމަކީ އެލްޖީއޭއޭގެ ސީއީއޯގެ ހައިސިއްޔަތުން ގާނޫނުގެ ބާރުކަނޑުވާލުމަށް އަފްޝަން ކުރައްވާފައިވާ ކަމެއް ކަމަށެވެ. އެ މައްސަލަ ހައި ކޯޓަށް ވެސް ހުށަހަޅުއްވާނެ ކަމަށް ވިދާޅުވި އެވެ.
އެހެން ކައުންސިލަރުންގެ ތާއީދާއެކު އިތުބާރު ނެތް ކަމުގެ މައްސަލަ ފަޒީން ހުށަހެޅުއްވީ 39 މައްސަލައެއް ފާހަގަކޮށެވެ. އޭނާގެ ތުހުމަތަކީ ލާމަރުކަޒީ ގާނޫނާ ޚިލާފަށް، މޭޔަރު ބޭނުންވާ ގޮތަށް ކައުންސިލް ހިންގުމެވެ.
ވޯޓަށް އެޖެންޑާކޮށްފައިވަނިކޮށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އިއްޔެ ކައުންސިލް މެމްބަރުންނާ ބައްދަލުކުރައްވައި ވޯޓާ ގުޅޭގޮތުން ވާހަކަދެއްކެވި ކަމަށް ބައެއް މީޑިއާތަކުގައި ރިޕޯޓުކޮށްފައި ވެ އެވެ. ނަމަވެސް އެކަމާ ގުޅިގެން، އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި، މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަހުމަދު ޒަމީރު ވިދާޅުވީ މޭޔަރުގެ އިތުބާރުނެތްކަމުގެ ވޯޓާ ގުޅޭގޮތުން ނަޝީދު އެއްވެސް ވާހަކަފުޅެއް ނުދައްކަވާ ކަމަށެވެ.
"މަޝްވަރާކުރެއްވީ ގޯތިގެދޮރާއި ބޯހިޔާވަހިކަމުގެ މައްސަލައާ ގުޅިގެން. މޭޔަރުގެ ވޯޓާ ގުޅޭ އެއްވެސް ވާހަކަފުޅެއް ނުދައްކަވާ،" ޒަމިރު ވިދާޅުވި އެވެ.