02 ނޮވެމްބަރ 2016 - 06:28

މަޝްހޫރު އެކްޓަރު ޖޮނީ ޑެޕް އަދި ފްރާންސްގެ މަގުބޫލު ލަވަކިޔުންތެރިޔާ ވެނެސާ ޕަރަޑީގެ އަންހެން ދަރިފުޅު ލިލީ ރޯޒް ޑެޕަކީ އެންމެ ފަހުގެ ފެޝަން ތަރި އެވެ. އޭނާ އަކީ މަޝްހޫރު ބްރޭންޑް ޝެނާލްގެ އެމްބެސަޑާއެއް އަދި އެކްޓްރަސް އެކެވެ.
އުމުރުން 17 އަހަރުގެ ލިލީ އަކީ "ފެޝަންސް ޑްރީމް ގާލް" ކަމަށް އިނގިރޭސިވިލާތުގެ ވޯގް އިޝޫގައި ބުނެފައިވެ އެވެ. ޓީލް ކުލައިގެ ވެލްވެޓް ސޯފާއެއްގެ މަތީ، އޮފް ޝޯލްޑާ ހެދުމެއް ލައިގެން އޮތް ލިލީއެއް ވޯގްގެ ކަވާ ޕޭޖުން ފެނެ އެވެ. ވަރަށް ރީތި އަދި ނެޗުރަލް މޭކަޕެއް ކޮށް، އިސްތަށިގަނޑު ދޫ ކޮށްލައިފައި ހުއްޓެވެ. އިހުގެ ސްޓައިލެއްގެ ތޮތްޕެއް އަޅައިގެން ޝިފޯން ހެދުމެއް ލައިގެން ސޯފާ މަތީ އޮންނަ ފޮޓޯއެއް ވެސް އާންމުކޮށްފައިވެ އެވެ.
ޑިސެމްބަރު މަހު ނެރޭ އަދަދުގެ ތަރި، ލިލީގެ ފޮޓޯތައް ނަގާފައި ވަނީ މަޝްހޫރު ފެޝަން ފޮޓޯގްރާފަރު ބްރޫސް ވެބާ އެވެ.
ވޯގްގެ ކަވަ ޕޭޖުގައި މޮޑެލްކުރި އެންމެ ހަގު މޮޑެލުންގެ ތެރޭގައި ލިލީ ހިމެނެ އެވެ. ޖޮނީ ޑެޕްގެ ކުރީގެ ލޯބިވެރިޔާ އަދި ސުޕަ މޮޑެލް ކޭޓް މޮސް ވޯގްގެ ކަވަ ޕޭޖަށް މޮޑެލްކޮށްފައި ވަނީ 1993 ގައި އުމުރުން 19 އަހަރުގަ އެވެ. އެކްޓްރެސް ބްރޫކް ޝީލްޑްސް އެމެރިކާގެ ވޯގް ކަވަރުގައި މޮޑެލް ކުރީ އުމުރުން 14 އަހަރުގަ އެވެ.