ވެހިކަލް ދުއްވުން މަނާކުރުމުން ކުދި ވިޔަފާރިތައް އެއްކޮށް ހުއްޓިގެންދޭ: ނާޒިމް
ވެހިކަލް ދުއްވުން މަނާކުރުމުން ކުދި ވިޔަފާރިތައް އެއްކޮށް ހުއްޓިގެންދޭ: ނާޒިމް

ކުދި އަދި މެދުފަންތީގެ ވިޔަފާރިއަކީ އިގްތިސާދުގެ މައިބަދަ ކަމަށާއި ރޭގަނޑު 8ގެ ފަހުން މާލޭ ސަރަހައްދުގައި ދުއްވުން މަނާ ކުރުމުން ވިޔަފާރިތައް އެއްކޮށް ހުއްޓިގެން ދާ ކަމަށް ވިޔަފާރިވެރިޔާ އަދި ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ރޭ ވިދާޅުވެއްޖެ އެވެ.

އިމާރާތްކުރުމުގެ ދާއިރާގައި އެންމެ ފާހަގަކޮށްލެވޭ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރުސީސީ) ގެ ޗެެއާމަން ނާޒިމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކުދި ވިޔަފާރިތަކަކީ ރާއްޖޭގެ އިގުތިސޯދުގެ މައިބަދަ ކަމަށެވެ. އެކަމަކު ދެ ގަޑިއިރަށް ވެހިކަލް ދުއްވުން މަނާކުރުމުން އެ ވިޔަފާރިތައް ހުއްޓިގެންދާ ކަމަށާއި އޭގެ ބަދަލުގައި ގައިދުރުކަން ބެހެއްޓުމާއި ވިޔަފާރިކުރާ ތަންތަން އިންސްޕެކްޓްކުރުން ވަރަށް މުހިއްމު ކަމަށް ވިދާޅުވި އެވެ.

"ވިޔަފާރިތައް ހުއްޓާލަން މަޖުބޫރުވުމުގެ އަސަރު ހުރިހާ ރައްޔިތުންނަށް ވެސް ކުރާނެ،" އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލާއި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ޓެގްކުރައްވައި ކުރެއްވި ޓްވީޓުގައި ނާޒިމް ވިދާޅުވި އެވެ.

ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވަމުންދާތީ އެޗްޕީއޭއިން ވަނީ މިދިޔަ އާދިއްތަ ދުވަހުގެ ރެއިން ފެށިގެން 8:00-10:00 އަށް ވެހިކަލް ދުއްވުން މަނާކޮށްފަ އެވެ. އެކަމަކު މީހުން ބޭރުގައި އުޅުން މަނާވާނީ ރޭގަނޑު 10:00 އިން ފަތިހު 5:00 އަށެވެ.

ރޭގަނޑު 10:00 އިން ފެށިގެން ކާފިއު ހިންގާތީ ފިހާރަތައް ވެސް 9:30 ގައި ބަންދުކުރަން ޖެހެ އެވެ.

ވެހިކަލް ދުއްވުން މަނާކުރުމާ ގުޅިގެން ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކޮށްފައި އެވެ. އެއް ބަޔަކު ބުނާގޮތުގައި ރޭގަނޑު 8 ގެ ފަހުން އެއްގަމު އުޅަނދުތައް ދުއްވުން މަނާކުރުމުން ކުދި ވިޔަފާރިތައް އިތުރަށް އިނދަޖެހިގެންދާނެ އެވެ.

އެ ޝަކުވާތަކާ ގުޅިގެން އެޗްޕީއޭއިން ބުނީ ވެހިކަލް ދުއްވުން މަނާކުރީ އެ ބަލި އެންމެ ބޮޑަށް ފެތުރޭކަމަށް ރިކޯޑުކުރެވިފައިވާ ޒުވާނުންގެ އިޖުތިމާއީގެ އެއްވުންތަކާއި ދަތުރުކުރުންތައް ވީހާ ވެސް ބޮޑަކަށް ހުއްޓުވަން ކަމަށެވެ.

އެޗްޕީއޭ އިން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު އެންމެ ގިނައިން ބަލި ޖެހިފައިވަނީ 21-30 އަހަރާ ދެމެދުގެ މީހުންނަށެވެ. އެ އުމުރުގެ 1،865 މީހަކަށް ކޮވިޑް ޖެހިފައިވާއިރު އޭގެ ތެރޭގައި އެންމެ ގިނައީ ފިރިހެނުންނެވެ.

ރާއްޖެއިން މިހާތަނަށް 7،329 މީހުންނަށް ކޮވިޑް ޖެހިފައިވާއިރު އޭގެ ތެރެއިން 28 މީހަކު މަރުވެފައި ވެ އެވެ. ބަލިން 4،691 މީހުން ރަނގަޅުވެފައި ވެ އެވެ. އެހެންވެ މިވަގުތު ފަރުވާ ދެމުން އަންނަނީ 2،610 މީހުންނަށެވެ. ހޮސްޕިޓަލުގައި އެޑްމިޓުކޮށްގެން 180 މީހަކަށް ފަރުވާ ދެ އެވެ.