28 އޯގަސްޓް 2020 - 11:55

ބެއިޖިން (އޮގަސްޓް 28) - ޗައިނާގެ ބައެއް ކުންފުނިތަކުގެ ސްޓާފުންނަށް ކޮވިޑް-19 ގެ ވެކްސިން ޖުލައި މަހުން ފެށިގެން ދޭން ފަށާފައިވާ ކަމަށް އޮފިޝަލުން ބުނެފި އެވެ.
މިދިޔަ މަހުން ފެށިގެން ސަރުކާރުގެ ބައެއް މުވައްޒަފުންނަށް ވެސް ވެކްސިން ދޭން ފަށާފައިވާ ކަމަށް ޗައިނާގެ ސީނިއާ އޮފިޝަލަކު ޔަގީންކޮށްދިން ނަމަވެސް އޭނާ ވިދާޅުވީ އެއީ ސިއްރުން ހިންގާ ޕްރޮގްރާމެއް ކަމަށެވެ.
ނޭޝަނަލް ހެލްތު ކޮމިޝަންގެ ޗެއާމަން ޒެންގް ޒޮންގްވެއި ވިދާޅުވީ ރަސްމީކޮށް ހުއްދަ ދީފައި ނުވާ ވެކްސިން ބޭނުން ކުރަން ދިނީ އިމަޖެންސީ ހުއްދައެއް ކަމަށެވެ.
ޗައިނާގެ ބައެއް ކުންފުނިތަކުން ބުނެފައިވާ ގޮތުގައި ނޮވެމްބަރު މަހު ވެކްސިން ލިބޭނެ އެވެ. ސިނޯފާމުން ބުނެފައި ވަނީ އެ ކުންފުނީގެ ވެކްސިން ޑިސެމްބަރު މަހު މާކެޓަށް ނެރެވޭނެ ކަމަށެވެ. ސިނޯފާމުން ޑޯޒެއްގެ އަގު ކަނޑައަޅާފައި ވަނީ 140 ޑޮލަރަށެވެ.
ފަހުގެ މަރުހަލާތަކުގައި މިހާރު އުޅޭ ހަ ވެކްސިންގެ ތެރޭން ދެބައިކުޅަ އެއްބަޔަކީ ޗައިނާގެ ކުންފުނިތަކުން އުފައްދާ ވެކްސިނެވެ. ޗައިނާ އިން އެކަށީގެންވާ އަދަދަކަށް ބަލި މީހުން ލިބެން ނެތުމުން ޗައިނާ ކުންފުނިތަކުގެ ވެކްސިންގެ ތިން ވަނަ ފޭސް ކުރިއަށް ގެންދަނީ އެހެން ގައުމުތަކުގަ އެވެ. ޔޫއޭއީ، އާޖެންޓީނާ، ޕެރޫ އަދި މޮރޮކޯގައި ވަނީ ޗައިނާގެ ކުންފުނިތަކުގެ ވެކްސިން ޓެސްޓްކޮށްފަ އެވެ.
ޗައިނާ އިން ބުނެފައި ވަނީ އެ ގައުމުގައި އުފައްދާ ވެކްސިން އެންމެ ފުރަތަމަ ދޭނީ އެފްރިކާގެ ގައުމުތަކާއި ސައުތު އީސްޓް އޭޝިއާގެ އަވަށްޓެރި ގައުމުތަކަށް ކަމަށެވެ.