28 އޯގަސްޓް 2020 - 10:23

ޖެނީވާ (އޮގަސްޓް 28) - ބަލީގެ އަލާމާތެއް ނުފެނުނު ނަމަވެސް، ކޮރޯނާވައިރަހަށް ޕޮޒިޓިވްވެފައިވާ މީހަކާ ކޮންޓެކްޓްްވެފައިވާ މީހެއް ނަމަ ޓެސްޓް ކުރަން ޖެހޭނެ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ އިން ބުރާސްފަތި ދުވަހު ބުނެފި އެވެ.
ނަމަވެސް އެމެރިކާގެ ސެންޓަ ފޯ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ) އިން މި ހަފުތާގައި ބުނެފައި ވަނީ އެއީ ކޮންމެހެން ކުރަން ޖެހޭނެ ކަމެއް ނޫން ކަމަށެވެ. ސީޑީސީގެ ވެބްސައިޓުގައި ބުނެފައި ވަނީ ކޮންމެހެން ޓެސްޓް ކުރަން ޖެހޭނީ ވަރަށް ގާތުން ކޮންޓެކްޓްވި މީހުން ކަމަށާއި އަލާމާތެއް ނުފެންނަ މީހުން ޓެސްޓް ކުރުމަކީ ކޮންމެހެން ކުރަން ބޭނުންތެރި ކަމެއް ނޫން ކަމަށެވެ.
ސީޑީސީގެ އެ ނިންމުމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ޑަބްލިއުއެޗްއޯގެ ކޮވިޑް-19 ޓެކްނިކަލް ގްރޫޕުގެ އިސް މެންބަރު މާރިއާ ވެން ކާކޯވް، ވަކި ގައުމަކަށް އިޝާރާތް ނުކުރައްވައި، ވިދާޅުވީ ޑަބްލިއުއެޗްއޯގެ ރެކޮމެންޑޭޝަނަކީ ކޮންޓެކްޓްވެފައިވާ މީހެއް ނަމަ، އަލާމާތެއް ފެނުނަސް ނުވަތަ ނުފެނުނަސް، ޓެސްޓް ކުރެވެންޏާ ޓެސްޓް ކުރުން ކަމަށެވެ.
"އަޅުގަނޑުމެންނަށް އެނގޭ ބަލި ފެތުރެނީ އަލާމާތްތައް ހުންނަ މީހުންގެ ފަރާތުންކަން. އަދި އަލާމާތެއް ނެތް މީހެއް ނަމަ އެ މީހެއްގެ ފަރާތުން ވެސް އެހެން މީހުންނަށް ވައިރަސް ފެތުރޭކަން ވެސް އެނގޭ،" ކާކާވް ވިދާޅުވި އެވެ.
ޑަބްލިއުއެޗްއޯ ވަނީ ބަލީގެ އެކި ސްޓޭޖްތަކުގައި ގައުމުތަކަށް ގައިޑްލައިންތައް ހަދައިފަ އެވެ. އެ ގޮތުން ކާކޯވް ވިދާޅުވީ ޓެސްޓް ކުރުމުގެ ސްޓްރެޓެޖީ ގައުމުތަކުން ހަދަން ޖެހޭނީ ބަލިފެތުރޭ ނިސްބަތަށް ބަލައި އެ ގައުމެއްގައި ޓެސްޓް ކުރަންޖެހޭ ހާލަތު އޮތް މިންވަރަކަށް ބެލުމަށް ފަހު ކަމަށެވެ.
ޗައިނާގެ ވޫހާން ސިޓީން މިދިޔަ ޑިސެމްބަރު މަހު ފެނުނު ރޯގާ އަށް މިހާތަނަށް 24 މިލިއަނަށް ވުރެ ގިނަ މީހުން ޕޮޒިޓިވްވެ 826،000 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.
ޓެސްޓް ކުރުމުގައި އެންމެ ބޮޑު ސަމާލުކަމެއް ދެނީ ބަލީގެ އަލާމާތްތައް ހުންނަ މީހުންނަށް ކަމަށް ވިޔަސް، ކާކޯވް ވިދާޅުވީ ކްލަސްޓާތައް ދެނެގަތުމުގައި މުހިންމު ކަމަކީ ވީހާ ވެސް ގިނަ މީހުން ޓެސްޓް ކުރުން ކަމަށެވެ.
"ގިނައިން ޓެސްޓް ކުރުމަކީ އެކްޓިވް ކޭސްތައް ހޯދޭނެ ކަމެއް. އަދި އެ މީހުން އައިސޮލޭޓްކޮށް ކޮންޓެކްޓް ޓްރޭސިން ހެދޭނެ،" އޭނާ ވިދާޅުވި އެވެ. "މިއީ ބަލި ފެތުރުމުގެ ޗެއިން ބުރިކޮށްލެވޭނެ ގޮތަކީ."
ސީޑީސީން ކުރިން ބުނެފައި ވަނީ ކޮވިޑް-19 ޖެހިފައިވާ މީހުންގެ 40-50 ޕަސެންޓަކީ ބަލީގެ އަލާމާތްތައް ނުފެންނަ މީހުން ކަމަށެވެ. އެހެންވެ ވައިރަސް ފެތުރުން ހުއްޓުވަން އެންމެ މުހިންމު ކަމަކީ ޓެސްޓް ކުރުން ކަމަށް ބުނެފައިވެ އެވެ.