ޓައިގާގެ "ރާމްބޯ" ގެ ޑައިރެކްޝަން ރޯހިތަށް؟
ޓައިގާގެ "ރާމްބޯ" ގެ ޑައިރެކްޝަން ރޯހިތަށް؟

މީގެ ތިން އަހަރު ކުރިން އިއުލާންކުރި ޓައިގާ ޝްރޮފް "ރާމްބޯ" ޑައިރެކްޓްކުރާނީ ސިދާތު އާނަންދުގެ ބަދަލުގައި ރޯހިތު ދަވަން ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ޓައިގާގެ "ރާމްބޯ" ގެ ޑައިރެކްޝަން ރޯހިތަށް؟
ޓައިގާގެ "ރާމްބޯ" ގެ ޑައިރެކްޝަން ރޯހިތަށް؟

ސިދާތަކީ ޓައިގާ މުހިއްމު ރޯލެއް ކުޅުނު މިދިޔަ އަހަރުގެ ފިލްމު "ވޯ" ގެ ޑައިރެކްޓަރެވެ. އޭނާ ޑައިރެކްޓްކުރާ ގޮތަށް "ރާމްބޯ" އިއުލާންކުރީ 2017 ގަ އެވެ. އޭރު ފިލްމު އިއުލާންކުރީ 2018 ގައި ރިލީޒްކުރާ ގޮތަށެވެ. ނަމަވެސް ޓައިގާ އެހެން ޕްރޮޖެކްޓްތަކެއްގައި ބިޒީވެގެން ކެރެކްޓާ އަށް ތައްޔާރުވާން އިތުރު ވަގުތު ބޭނުންވާތީ ފަހުން މި އަހަރު ގެނެސްދޭން ފިލްމު ފަސްކުރީ އެވެ.

އެކަމަކު އަދިވެސް "ރާމްބޯ" ގެ މަސައްކަތް އޮތީ ނުފެށި އެވެ. އަނެއްކޮޅުން ސިދާތު މިހާރު އަންނަނީ ޝާހްރުކް ޚާނާއި ޖޯން އަބްރަހަމާއި ދީޕިކާ ޕަދްކޯނާ އެކު "ޕަތާން" ކިޔާ ފިލްމެއް ހަދަން ތައްޔާރުވަމުން ކަމަށް މީޑިއާތަކުން ބުނެ އެވެ.

"ރާމްބޯ" އަކީ ހޮލީވުޑްގެ އެކްޓަރު ސިލްވެސްޓަ ސްޓެލޯން 1982 ގައި ކުޅުނު "ރާމްބޯ" ގެ ރިމެކެކެވެ. ރިޕޯޓްތައް ބުނާގޮތުން މި ފިލްމުގެ ޑައިރެކްޝަން މިހާރު ވަނީ ރަސްމީކޮށް ރޯހިތާ ހަވާލުކޮށްފަ އެވެ. "ޑިޝޫމް" އާއި "ދޭސީ ބޯއިސް" ގެނެސްދިން ރޯހިތަކީ އެކްޓަރު ވަރުން ދަވަންގެ ބޭބެ އެވެ.

ބޮލީވުޑް ހަންގާމާ އިން ބުނިގޮތުގައި ރޯހިތު "ރާމްބޯ" ގެ މަސައްކަތް ފަށާނީ އޭނާ ކާތިކް އާރިޔަނާ އެކު ހަދަން ނިންމާފައިވާ ފިލްމުގެ މަސައްކަތް ނިންމާފައި ކަމަށްވާތީ އޭގެ މަސައްކަތް ފެށޭނެ ކަމަށް ބެލެވެނީ އަންނަ އަހަރުގެ ފަހުކޮޅު އެވެ. ކާތިކާ އެކު ރޯހިތު ހަދަން ނިންމާފައިވާ ފިލްމަކީ މި އަހަރުގެ ކުރީކޮޅު ރިލީޒްކުރި ތެލެގޫ ފިލްމު "އާލާ ވައިކުންތަޕުއްރަމުލޫ" ގެ ރިމެކެވެ.

ޓައިގާ މިހާރު ތައްޔާރުވަމުން އަންނަނީ އޭނާ 2014 ގައި ބޮލީވުޑަށް ނުކުތް ފިލްމު "ހީރޯޕަންތީ" ގެ ސީކްއެލްއަށެވެ. އެ ފިލްމު ޑައިރެކްޓްކުރަނީ މާޗްގައި ގެނެސްދިން ޓައިގާގެ "ބާގީ 3" ގެ ޑައިރެކްޓަރު އެހުމަދު ޚާނެވެ.