އިސްތިއުނާފް ޝަރީއަތުގައި އަދީބަށް ވަކީލަކު ހަމަޖައްސަން 10 ދުވަހުގެ މުއްދަތެއް
އިސްތިއުނާފް ޝަރީއަތުގައި އަދީބަށް ވަކީލަކު ހަމަޖައްސަން 10 ދުވަހުގެ މުއްދަތެއް

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް ކުރި ދައުވާތައް ބޭރުކޮށްލި މައްސަލާގެ އިސްތިއުނާފް ޝަރީއަތާ ގުޅިގެން ޖަލުގައި ވަކީލަކާ ބައްދަލު ކުރުމަށް ފަހު ވަކީލަކު ހަމަޖެއްސުމުގެ ފުރުސަތު އަދީބަށް ހައި ކޯޓުން މިއަދު ދީފި އެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ޚިޔާނާތާ ގުޅިގެން އަދީބުގެ މައްޗަށް އުފުލި ހަތް ދައުވާއެއް ކުރިއަށް ނުގެންދެވޭނެ ކަމަށް ނިންމައި، އެ މައްސަލަތަައް ކްރިމިނަލް ކޯޓުން މިދިޔަ މަހު ވަނީ ބޭރުކޮށްލައިފަ އެވެ. އެ މައްސަލަ ދައުލަތުން އިސްތިއުނާފްކޮށް، އިސްތިއުނާފް ނިމެންދެން އަދީބު ބަންދުގައި ބަހައްޓަން ހައި ކޯޓުން އަމުރު ކޮށްފައިވާތީ އޭނާ ހުންނެވީ މާފުށީ ޖަލުގަ އެވެ.

ހައި ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި އަދީބު ވިދާޅުވީ ކުރިން އޭނާގެ ވަކީލަކަށް ހުންނެވި މަހްފޫޒް ސައީދު ހައި ކޯޓުގައި އޭނާ ތަމްސީލު ކުރެއްވީ ބަންދާ މެދު ގޮތެއް ނިންމުމުގެ މަޖިލީހަށް އެކަނި ކަމަށާއި އެހެންވެ، މައްސަލައިން އޭނާ ވަކިވެފައިވާ ކަމަށެވެ. އަދި އެ މައްސަލަ އަށް ވަކީލަކު ހަމަޖައްސަން ބޭނުންވަނީ ވަކީލަކާ ޖަލުގައި ބައްދަލުވެ، ވާހަކަ ދެއްކުމަށް ފަހު ކަމަށް ވިޔަސް، މިހާރު ޖަލުގައި ވަކީލުންނާ ބައްދަލު ކުރެވެނީ ކޯޓުން އަންގާ ހާލަތްތަކުގައި އެކަނި ކަމަށް އަދީބު ވިދާޅުވި އެވެ. އެހެންވެ ޖަލުގައި ވަކީލަކާ ބައްދަލު ކުރުމަށް ފަހު، ވަކީލަކު ހަމަޖައްސަން 10 ވަރަކަށް ދުވަހުގެ މުއްދަތެއް ދޭން އޭނާ އެދިވަޑައިގަތެވެ.

"ފޯނުން ނުވަތަ ވީޑިއޯއަކު ޕްރައިވެސީއެއް ނޯންނާނެ ދެއްތޯ. އެހެން މީހުންނަށް ފެންނާނެ، އަޑު ވެސް އިވޭނެ. ވަކީލެއްގެ ހައްގު ލިބުމަކީ އަޅުގަނޑު ދެކޭ ގޮތުގައި އެއްވެސް ހުރަހަކާ ނުލައި ވަކީލަކާ ބައްދަލުވެ، ވާހަކަ ދެކެވުން. އެހެންވީމަ އެކަން ހަމަޖައްސައި ދެއްވަން ކޯޓުން ދަންނަވައި ދެއްވުން އެދެން." އަދީބު ވިދާޅުވި އެވެ.

ދައުލަތުން ބުނީ ކޮވިޑް-19 އާ ގުޅިގެން ވަކީލުންނާ ޖަލުގައި ބައްދަލު ކުރެވޭ ގޮތް ހަމަޖެހިފައި ނުވިޔަސް، ބައެއް މައްސަލަތަކުގައި ކޯޓުން އަންގައިގެން އެފަދަ އިންތިޒާމްތަކެއް ހަމަޖައްސާފައިވާ ކަމަށެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އިސްތިއުނާފް ޝަރީއަތުގައި ހައި ކޯޓުން އެގޮތަށް އެންގުމުން އެ ފުރުސަތު ވަކީލުންނަށް ދީފައިވާ ކަން ދައުލަތުން ފާހަގަކުރި އެވެ. އަދި އަދީބަށް ވެސް އެ ފުރުސަތު ދޭން ކަރެކްޝަނަލް ސާވިސްއާ މަޝްވަރާ ކުރާނެ ކަމަށް ދައުލަތުން ބުންޏެވެ.

އެ މައްސަލަ ބައްލަވާ ބެންޗުގެ ރިޔާސަތު މިއަދު ބެލެހެއްޓެވި ފަނޑިޔާރު މުހައްމަދު ނިޔާޒް ވިދާޅުވީ ސޯޝަލް ޑިސްޓެންސިންގެ މިންގަނޑު ހިފެހެއްޓޭނެ ގޮތަށް ޖަލުގައި ވަކީލުންނާ ސީދާ ބައްދަލު ކުރެވޭނެ އިންތިޒާމެއް ހަމަޖެއްސިދާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. އަދި އަސާސީ ހައްގުތައް ހިމާޔަތް ކުރުމުގައި ވަކި މައްސަލައަކަށް ނުބަލައި ހުރިހާ މައްސަލަތަކެއްގައި ވެސް އެގޮތަށް ބާރު އަޅައިދޭން ފަނޑިޔާރު އިލްތިމާސް ކުރެއްވި އެވެ.

"ގާނޫނު އަސާސީގައި ބަޔާންކުރާ ހައްގުތައް ބައެއް މައްސަލަތަކުގައި ތި ބޭފުޅުން ވަރަށް ބޮޑަށް ދިފާއު ކުރަން މަސައްކަތް ކުރައްވާ. ހަމަ އެގޮތަށް ހުރިހާ މައްސަލަތަކެއްގައި ވެސް އެގޮތަށް ކުރިއަށް ގެންދަވާނެ ކަމަށް އަޅުގަނޑުމެން އުއްމީދު ކުރަނީ." ފަނޑިޔާރު ނިޔާޒް ވިދާޅުވި އެވެ.

އަދީބުގެ ސިއްހީ ހާލަތާ މެދު އޭނާ އެ އަޑުއެހުމުގައި ކަންބޮޑުވުން ފާޅު ކުރެއްވި އެވެ. ފަނޑިޔާރު ނިޔާޒް ވިދާޅުވީ އެކަންކަން ދައުލަތުން ބަލާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

އަދީބާއިި ދައުލަތުގެ ވަކީލުންނާއި ފަނޑިޔާރުން ކޯޓު ރޫމްގައި ތިއްބަވައިގެން މިއަދުގެ އަޑުއެހުން ކުރިއަށް ގެންދިޔައިރު ޔޫޓިއުބް މެދުވެރިކޮށް އެ އަޑުއެހުން ލައިވްކޮށް ދެއްކި އެވެ. މިއީ އަދީބުގެ ޝަރީއަތެއް ކޯޓަކުން ލައިވްކޮށް ދެއްކި ފުރަތަމަ ފަހަރެވެ.

ފަނޑިޔާރު ނިިޔާޒްގެ އިތުރުން އެ މައްސަލަ ބައްލަވާ ބެންޗުގައި ދެން ތިއްބަވަނީ ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ އަދި ފަނޑިޔާރު ހުސައިން މަޒީދެވެ.

ތަފާތު ތިން މައްސަލައެއްގައި އަދީބުގެ މައްޗަށް 33 އަހަރުގެ ޖަލު ހުކުމް ކުރިން އިއްވި އެވެ. އެކަމަކު ފަހުން މަތީ ކޯޓުތަކުން އެ ހުކުމްތައް ވަނީ ބާތިލްކޮށްފަ އެވެ،