29 އޯގަސްޓް 2020 - 08:01

އަމީތާބް ބައްޗަންގެ ކާފަދަރިއެއް ކަމަށްވާ އަގަސްޓިއާ ނަންދާ ބޮލީވުޑަށް ނުކުންނަން އުޅޭ ވާހަކަ ބައްޗަން އާއިލާ އިން ދޮގުކޮށްފި އެވެ.
އެ އާއިލާގެ ގާތް މީހަކާ ހަވާލާދީ ބޮލީވުޑް ހަންގާމާ އިން ބުނީ 19 އަހަރުގެ ޒުވާނާ ފިލްމު ކުޅެން ނުކުންނަން އުޅޭ ކަމަށް ބުނާ ވާހަތަކުގައި އެއްވެސް ހަގީގަތެއް ނެތް ކަމަށެވެ. އަދި އަގަސްޓިއާގެ ހުރިހާ ފޯކަސްއެއް އޮތީ ކިޔެވުމަށް ކަމަށާއި އޭނާ އަދި ކިރިޔާ ޔުނިވަސިޓީ ތައުލީމަށް ނުކުތީ ކަމަށް ބުންޏެވެ. އެހެންވެ ކެރިއަރަކާ ދޭތެރޭ ވިސްނާނީ ވެސް މާ ފަހުން ކަމަށް ބުންޏެވެ.
މިދިޔަ މަހުގެ ތެރޭގައި ބައެއް މީޑިއާތަކުން ބުނި ގޮތުގައި އަމީތާބްގެ އަންހެން ދަރިފުޅު ޝްވޭތާ ބައްޗަންގެ ހަގު ދަރިފުޅު ބޮލީވުޑަށް ނެރެން އުޅެނީ ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނުން ހަދާ ފިލްމަކުންނެވެ. ނަމަވެސް މިކަމާ ބެހޭ ގޮތުން ކަރަން މިހާތަނަށް އެއްވެސް ވާހަކައެއް ނުދައްކަ އެވެ. އޭނާ އަކީ ބައްޗަން އާއިލާއާ ވަރަށް ގާތް ގުޅުމެއް އޮންނަ މީހެކެވެ.
އަގަސްޓިއާގެ އިތުރުން ޝްވޭތާގެ ދެން ހުންނަނީ ނަވިއާ ނަވޭލީ ނަންދާ ކިޔާ 23 އަހަރުގެ އަންހެން ދަރިއެކެވެ. އެ މީހުންގެ ބައްޕަ އަކީ މަޝްހޫރު ކަޕޫރްގެ ޚާންދާނުގެ މައި އެއް ތަނބު ކަމަށްވާ ކުރީގެ މަޝްހޫރު އެކްޓަރު ރާޖް ކަޕޫރްގެ ދަރިއެއް ކަމަށްވާ ރީތޫ ނަންދާގެ ދަރިފުޅު ނިކިލް ނަންދާ އެވެ. ރީތޫ ވަނީ ޖެނުއަރީ މަހު މަރުވެފަ އެވެ.