27 އޯގަސްޓް 2020 - 14:42

މާލެ ސަރަހައްދުގައި ފިޔަވައި ރާއްޖޭގެ 33 ރަށެއްގައި ކޮވިޑް-19 ގެ ބަލި މީހުން އެބަތިބި ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.
އެ އެޖެންސީން ރޭ އާއްމުކުރި މައުލޫމާތުތަކަށް ބަލާއިރު ށ. އަތޮޅުން ފެށިގެން އައްޑުއާ ހަމައަށް، އެކި ރަށްރަށުން 58 މީހަކު މިވަގުތު ކޮވިޑަށް ޕޮޒިޓިވްވެފައި އެބަ ތިއްބެވެ. އޭގެ ތެރޭގައި ބޭރު ގައުމުތަކަށް ނިސްބަތްވާ ހަތް މީހަކު ހިމެނެ އެވެ.
ސ. ފޭދޫން ޕޮޒިޓިވްވި އެކަކު ފިޔަވައި ދެން މުޅިން ވެސް ތިބީ، ހޯމް ކަރަންޓީން ނިންމުމަށް ފަހު ކޮވިޑަށް ޓެސްޓުކުރިއިރު ޕޮޒިޓިވްވި މީހުންނެވެ. ފޭދޫން ތިން ދިވެއްސަކު ޕޮޒިޓިވްވެފައިވާއިރު ދެން ހުރީ އެތަނުން މީހަކާ ކޮންޓެކްޓްވެގެން ޕޮޒިޓިވްވި މީހެކެވެ.
އެއް ރަށަކުން، އެންމެ ގިނަ މީހުން ޕޮޒިޓިވްވެފައިވަނީ ސ. ހިތަދު އާއި ދ. ރިނބުދޫންނެވެ. އެ ދެ ރަށުން ވެސް ފަސް މީހަކު ޕޮޒިޓިވްވެފައި ވެ އެވެ. އެތަނުން ހިތަދޫން ޕޮޒިޓިވްވި އެކަކަކީ ބިދޭސީއެކެވެ. އެ އެންމެން ތިބީ ހޯމް އައިސޮލޭޝަންގަ އެވެ.
ދެ ވަނަ އަށް މިވަގުތު އެންމެ ގިނަ ކޭސް ފެނިފައިވަނީ ރ. ދުވާފަރާއި ތ. އޮމަދޫންނެވެ. އެ ދެ ރަށުން ހަތަރު ދިވެއްސަކު ޕޮޒިޓިވްވެފައި ވެ އެވެ. ތިން ރަށެއްގައި ކޮވިޑްގެ ބަލި ތިން މީހުން ތިބިއިރު ބާކީ ރަށްރަށުގައި ހުރީ އެ ބަލީގެ އެންމެ މީހެކެވެ.
ދުވާފަރުން ކޮވިޑަށް ޕޮޒިޓިވްވި، އުމުރުން 81 އަހަރުގެ މީހަކަށް އަންނަނީ ބ. އޭދަފުށީގައި ހުންނަ އަތޮޅު ކޮވިޑް ފެސިލިޓީގައި ފަރުވާ ދެމުންނެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގައި މިދިޔަ އަންގާރަ ދުވަހު ބޭއްވި ނިއުސް ކޮންފަރެންސްގައި ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް) ގެ މެމްބަރު ޑރ. އަހުމަދު ޝަހީދު ވިދާޅުވީ މި ވަގުތު ކޮވިޑް ފެތުރެމުންދަނީ މާލެ ސަރަހައްދުގަ އެވެ. އެކަމަކު ކުރިއަށް އޮތްތަނުގައި ރަށްރަށުގައި ވެސް ބަލި ފެތުރުމުގެ ފުރުސަތު އެބަ އޮތް ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މާލެ ސަރަހައްދުގައި ސިއްހީ ހިދުމަތްތެރިން މަދުވުމުގެ މައްސަލައަށް ހައްލު ހޯދަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ރަށްރަށުން ނަރުހުން ގެނެސް ކޮވިޑްގެ ބަލި މީހުން ތިބޭ ފެސިލިޓީތަކުގައި މަސައްކަތް ކުރަން ގެންނަ ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް ގްރޭޓާ މާލެ އިން އެހާ ހިއުމަން ރިސޯސް ނުލިބިއްޖެއްޔާ އަޅުގަނޑުމެން މި ޖެހެނީ އަތޮޅު ތެރެއިން ވެސް ހިއުމަން ރިސޯސަސް ވެސް، އޭގެ މާނަ އަކީ ޑޮކްޓަރުންނާއި ނަރުހުން ގެނެސްގެން މި ފެސިލިޓީތައް މެނޭޖް ކުރަން،" ޝަހީދު ވިދާޅުވި އެވެ.
ރާއްޖެއިން ބޭރުން ވެސް ޑޮކްޓަރުންނާއި ނަރުހުން ގެންނަން މަސައްކަތްކުރާ ކަމަށާއި އޭގެ ތެރެއިން މިހާރު ވެސް ކޮންމެ ވެސް ވަރަކަށް މީހުން ގެނެސްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެ ރަށްތަކުގެ އިތުރުން 15 ރިސޯޓަކުން 15 ސްޓާފަކާއި 11 ޓޫރިސްޓަކު ކޮވިޑަށް ޕޮޒިޓިވްވެފައި ވެ އެވެ.
ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ އަދަދު 7،225 އަށް އެރިއިރު އެ ބަލީގައި 28 މީހަކު މަރުވެފައި ވެ އެވެ. ބަލިން 4،527 މީހުން ރަނގަޅުވެފައިވާތީ މިވަގުތު އެ ބައްޔަށް ފަރުވާ ހޯދަމުން އަންނަނީ 2،670 މީހުންނެވެ. ހޮސްޕިޓަލުގައި އެޑްމިޓުކޮށްގެން 162 މީހަކަށް ފަރުވާ ދެ އެވެ.