27 އޯގަސްޓް 2020 - 14:35

ބޭރުގެ އެކި ޕްލެޓްފޯމުތަކުން ފޮނުވާ ޑޮލަރު ޖަމާކޮށްދޭ އުސޫލަށް ބީއެމްއެލް އިން ގެނައި ބަދަލާއެކު ގިނަ ބަޔަކު ނުރުހުން ފާޅުކުރަން ފަށައިފި އެވެ.
ބީއެމްއެލް އިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ "ވިސާ ޑައިރެކްޓް" އާއި "މާސްޓާ ކާޑް ސެންޑް" ފަދަ ބޭރުގެ ޑިޖިޓަލް ވޮލެޓުތަކުން ފޮނުވާ ފައިސާ ޑޮލަރު އެކައުންޓަށް ޖަމާކޮށްދިނުން މިހާރު ހުއްޓާލައިފައިވާ ކަމަށެވެ. ނަމަވެސް ޑިޖިޓަލް ވޮލެޓް ޕްލެޓްފޯމުތައް ފިޔަވައި އެހެންގޮތް ގޮތަށް ޓްރާންސްފާކުރާ ފައިސާ ނުވަތަ ޓީޓީ މެދުވެރިކޮށް ލިބޭ ޓްރާންސްފާތައް ޑޮލަރު އެކައުންޓަށް ޖަމާކުރާނެ ކަމަށް ވެސް ބަޔާނުގައި ވަނީ ބުނެފަ އެވެ.
މި ނިންމުމާ ގުޅޭ ގޮތުން ސޯޝަލް މީޑިއާގައި ހިޔާލުފާޅު ކޮށްފައިވާ ބައެއް މީހުން ބުނެފައިވާ ގޮތުގައި ބީއެމްއެލުން ގެނައި ބަދަލާއެކު ބައިނަލްއަގުވާމީ ޕްލެޓްފޯމުތަކުގައި ވިޔަފާރިކުރާ މީހުންނަށް ވަރަށް ބޮޑު ގެއްލުމެއް ވާނެ އެވެ. އަދި މިއީ ބެންކިންގެ ދާއިރާ އިން ރާއްޖެ ފަހަތަށް އެޅި ފިޔަވަޅެއް ކަމަށާއި ކުރިން އޮތް ގޮތަށް ބަދަލުވާންޖެހޭ ކަމަށް ވެސް ބުނެފައިވެ އެވެ.
ބައެއް މީހުން ދެކޭ ގޮތުގައި ބޭންކަށް ޖަމާވާ ޑޮލަރުތައް ނަގައި އޭގެ ބަދަލުގައި ދިވެހި ރުފިޔާ ޖަމާކުރުމަކީ ކުރެވޭ ވައްކަމެކެވެ. އެގޮތުން، ޑޮލަރު، ދިވެހި ރުފިޔާ އަށް ބަދަލުކުރާއިރު އެކްސްޗޭންޖު ރޭޓު ދަށްކޮށް ޖަމާކުރުމުން ވިޔަފާރިކުރާ މީހުންނަށް ވަރަށް ބޮޑު ގެއްލުމެއް ވާނެ ކަމަށް ބުނެ އެވެ.
ބޭރުގެ ޑިޖިޓަލް ވޮލެޓް ޕްލެޓްފޯމުތަކުން ފޮނުވާ ޑޮލަރު ބީއެމްއެލުން ޖަމާކޮށްދޭނީ 15.21ރ. ގެ ރޭޓުންނެވެ.
ބޭންކުގެ މި ނިންމުމަކީ ކުދި ވިޔަފާރިތައް އިނދަޖެހެމުންދާ މި ދުވަސްވަރު އިތުރަށް ކުރި ދައްޗެއް ކަމަށް ވެސް ބައެއް މީހުން ވަނީ ބުނެފަ އެވެ. އަދި ބޭންކުން އަންނަނީ ގޭގައި ތިބެގެން އާމްދަނީ ހޯދެން ހުރި މަގުތައް ބަންދުކުރަމުން ކަމަށް ވެސް ބައެއް މީހުން ބުނެފައިވެ އެވެ.
ޑޮލަރު ޖަމާކުރުމުގެ އުސޫލަށް ބަދަލު ގެނެސް ބޭންކުން އާންމުކުރި އެނައުންސްމަންޓުގައި، އެއީ ކީއްވެ ގެނައި ބަދަލެއް ކަމެއް ބުނެފައެއް ނުވެ އެވެ.