27 އޯގަސްޓް 2020 - 12:10

ވޮޝިންޓަން (އޮގަސްޓް 27) - އަންނަ މަހު ބާއްވާ ރިޔާސީ ބަހުސްގެ ކުރިން ވާދަވެރި ކެންޑިޑޭޓް ޖޯ ބައިޑަންގެ ޑްރަގު ޓެސްޓުގެ ނަތީޖާ ހުށަހެޅުމަށް ރައީސް ޑޮނަލްޑް ޓްރަމްޕް އެދިވަޑައިގެންފި އެވެ.
ވޮޝިންޓަން އެގްޒަމިނާ އަށް ދެއްވި އިންޓަވިއުއެއްގައި ޓްރަމްޕް ވިދާޅުވީ ފަހަކަށް އައިސް ބޭއްވި ޓީވީ ބަހުސްތަކުގައި ބައިޑަންގެ ޕާފޯމެންސް ވަރަށް ބޮޑަށް ރަނގަޅުކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. ޓްރަމްޕް ވިދާޅުވީ ބަހުސްގެ ކުރިން އެމަނިކުފާނުގެ ޑްރަގު ޓެސްޓް ވެސް ހުށަހަޅާނެ ކަމަށެވެ.
ނޮވެމްބަރު 3 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގެ ކުރިން ޓްރަމްޕާއި ބައިޑަންގެ ތިން ބަހުސެއް ބާއްވާނެ އެވެ. ފުރަތަމަ ބަހުސް އޮންނާނީ ސެޕްޓެމްބަރު 29 ގައި އޮހާޔޯގަ އެވެ. ދެ ވަނަ ބަހުސް އޮކްޓޯބަރު 15 ގައި މިއާމީގައި އަދި ފަހު ބަހުސް އޮކްޓޯބަރު 22 ގައި ޓެނެންސީގަ އެވެ.
ޓްރަމްޕް ވިދާޅުވީ 2016 ވަނަ އަހަރުގެ އިންތިޚާބުގެ ކުރިން ވެސް އޭރުގެ ވާދަވެރި ކެންޑިޑޭޓް ހިލަރީ ކްލިންޓަން ވެސް ބަހުސްތަކުގެ ކުރިން ކުއްލިއަކަށް ޕާފޯމެންސް ރަނގަޅުކުރި ކަމަށެވެ. އަދި އެންމެ ފަހު ބަހުސްގެ ކުރިން ޓްރަމްޕް ވަނީ ހިލަރީގެ ޑްރަގު ޓެސްޓެއް ހެދުމަށް ގޮވާލައްވައިފަ އެވެ.
ރިޕަބްލިކަން ޕާޓީގެ ކޮންވެންޝަނުގައި މިއަދު ތަގްރީރު ކުރެއްވުމަށް ހަމަޖެހިފައިވާ ޓްރަމްޕް ވިދާޅުވީ ދާދި ފަހުން ވަނީ ބައިޑަންގެ ބަހުސް ކުރުމުގެ ގާބިލްކަން ވަރަށް ބޮޑުތަން ރަނގަޅުކޮށްފައި ކަމަށެވެ. ޓްރަމްޕް އިޝާރާތް ކުރައްވާފައި ވަނީ ޑިމޮކްރެޓިކް ޕާޓީގެ ޕްރައިމަރީގައި ބޭއްވި ބަހުސްތަކަށެވެ.