27 އޯގަސްޓް 2020 - 11:46

ސޯލް (އޮގަސްޓް 27) - ވެރިކަންކުރާ ޕާޓީގެ އިވެންޓްތައް ކަވަރުކުރާ ފޮޓޯގްރާފަރަކު ކޮރޯނާވައިރަހަށް ޕޮޒިޓިވްވުމާ ގުޅިގެން ސައުތު ކޮރެއާގެ ޕާލަމެންޓް ބަންދުކޮށް، މެންބަރުން އަމިއްލަ އަށް ކަރަންޓީނަށް ހިނގައްޖެ އެވެ.
ޕާލަމެންޓުން ބުނީ 50 މެންބަރުން، އޭގެ ތެރޭގައި ޑިމޮކްރެޓިކް ޕާޓީގެ ސީނިއާ 14 މެންބަރަކު، ވަނީ ފޮޓޯގްރާފަރާ ކޮންޓެކްޓްވެފައި ކަމަށެވެ. ކޮންޓެކްޓްވި ހުރިހާ މެންބަރުން ޓެސްޓްކުރާނެ ކަމަށް ޕާލަމެންޓުން ބުނެފައިވެ އެވެ.
ސައުތު ކޮރެއާގައި ކޭސްތައް އިތުރުވާން ފެށުމުން މިހާރު ވަނީ ސަރުކާރުގެ ގިނަ އޮފީސްތައް ވެސް ބަންދުކޮށްފަ އެވެ. ސައުތު ކޮރެއާ ސަރުކާރުން މިހާރު ވަނީ ގެއިން މަސައްކަތް ކުރެވޭ ގޮތަށް ތިބި މީހުން އޮފީހަށް ދިއުމުގެ ބަދަލުގައި ގޭގައި މަސައްކަތް ކުރުމަށް އިލްތިމާސްކޮށްފަ އެވެ.
ސައުތު ކޮރެއާގައި ކޮރޯނާވައިރަހުގެ ކޭސްތައް އިތުރުވާން ފަށާފައި ވަނީ ފައްޅިއަކަށް ދިޔަ ބައެއްގެ ފަރާތުންނާއި ސަރުކާރާ ދެކޮޅަށް މި މަހު ކުރީކޮޅު ބޭއްވި މުޒާހަރާތަކުގެ ސަބަބުންނެވެ.
ކޮރެއަން ސެންޓަ ފޯ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން އިން ބުނެފައި ވަނީ ވޭތުވެދިޔަ 24 ގަޑިއިރުތެރޭ 441 މީހުން ޕޮޒިޓިވްވެފައިވާ ކަމަށެވެ. މިއީ މާޗް މަހުން ފެށިގެން އެއް ދުވަސްތެރޭ އެންމެ ގިނަ މީހުން ކޮރޯނާވައިރަހަށް ޕޮޒިޓިވްވި ދުވަހެވެ. އަދި މިއީ މާޗް 7 ގެ ފަހުން 400 އިން މައްޗަށް އެރި ފުރަތަމަ ފަހަރު ވެސް މެ އެވެ. އޮގަސްޓް 14 އިން ފެށިގެން ކޮންމެ ދުވަހަކު ވެސް ކޭސްތަކުގެ އަދަދު އުޅެނީ ތިން އަކުރުން މަތީގަ އެވެ.
ވައިރަސް ފެތުރުން ކޮންޓްރޯލް ކުރުމަށް އެ ގައުމުގައި މިހާރު ދަނީ ހަރުކަށި ފިޔަވަޅުތައް އަޅަމުންނެވެ. އޭގެ ތެރޭގައި 10 މީހުންނަށް ވުރެ ގިނައިން އެއްވެ އުޅުން މަނާކުރުމާއި ސިނަމާ އާއި ކެފޭތައް ބަންދުކޮށް އަދި ކައިވެނި ޕާޓީތައް ބޭއްވުން ވަނީ މަނާކޮށްފަ އެވެ.
ސައުތު ކޮރެއާ އިން ވަނީ 18,706 މީހުން ކޮރޯނާވައިރަހަށް ޕޮޒިޓިވްވެ 313 މީހުން މަރުވެފަ އެވެ.