ކޮވިޑަށް ޕޮޒިޓިވްވާ އަދަދު މަދެއް ނުވޭ، އަލަށް 178 މީހަކަށް ޖެހިއްޖެ
ކޮވިޑަށް ޕޮޒިޓިވްވާ އަދަދު މަދެއް ނުވޭ، އަލަށް 178 މީހަކަށް ޖެހިއްޖެ

އިއްޔެ ހަވީރު 6:00 އިން ފެށިގެން މިއަދު ހަވީރު 6:00 އާ ހަމަ އަށް 178 މީހަކު އަލަށް ކޮވިޑް-19 އަށް ޕޮޒިޓިވްވެ ރާއްޖޭގައި މިހާތަނަށް މި ބަލި ޖެހުނު މީހުންގެ އަދަދު 7,225 އަށް އަރައިފި އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު އާއްމު ކުރި ހިސާބުތަކުން އެނގޭ ގޮތުގައި ޕޮޒިޓިވްް ވި 178 މީހުންގެ ތެރެއިން 141 މީހުންނަކީ ދިވެހިންނެވެ. ދެން ހިމެނެނީ ބަންގްލަދޭޝްގެ 25 މީހަކާއި އިންޑިއާގެ 10 މީހެއް އަދި ސްޕެއިންގެ ދެ މީހެކެވެ. ޕޮޒިޓިވްވި މީހުންގެ ތެރެއިން ދެ މީހަކު ފިޔަވައި އެންމެން ވެސް ތިބީ މާލެ ސަރަހައްދުގަ އެވެ.

ރާއްޖެ އިން ކޮންމެ ދުވަހަކު ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު 100 އިން މަތީގައި އުޅޭއިރު، އެ އަދަދު ދަށް ނުކުރެވިއްޖެ ނަމަ މާލެ ސަރަހައްދު އަނެއްކާވެސް ލޮކްޑައުން ކުރަން ޖެހޭނެ ކަމަށް ކަމާ ގުޅޭ ސިއްހީ މާހިރުން ގެންދަވަނީ ވިދާޅުވަމުންނެވެ.

މި މަސް ފެށުނީންސުރެ މިހާ ހިސާބަށް، އަށް ދުވަހެއް ފިޔަވައި ކޮންމެ ދުވަހަކު ވެސް 100 އަށް ވުރެ ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވްވެ އެވެ. މިހާތަނަށް އެެއް ދުވަހަކަށް އެންމެ ގިނަ މީހުން ޕޮޒިޓިވް ވީ ވެސް މި މަހުގެ ތެރޭގަ އެވެ. އެއީ މި މަހުގެ 20 ވަނަ ދުވަހު އެވެ. އެ ދުވަހުގެ 278 މީހަކު ޕޮޒިޓިވް ވެފައިވެ އެވެ.

މިއަދުގެ ހިސާބުތައް ދައްކާ ގޮތުން އެޑްމިޓްކޮށްފައި ތިބި ބަލި މީހުންގެ ތެރެއިން 11 މީހަކު ވަނީ ދޫކޮށްލައިފަ އެވެ. އެހެންވެ މިހާރު އެޑްމިޓްކޮށްފައި ތިބީ 162 މީހެކެވެ. އަލަށް 123 މީހަކު ވަނީ ބަލިން ރަނގަޅުވެފަ އެވެ. އަދި 28 މީހަކު ބަލީގައި މަރުވެފައި ވާތީ މިހާރު ތިބި ބަލި މީހުންގެ އަދަދަކީ 2,636 އެވެ.