ރަންދީޕް ހޫޑާ ބޮޑު އޮޕަރޭޝަނަކަށް އެޑްމިޓްކޮށްފި
ރަންދީޕް ހޫޑާ ބޮޑު އޮޕަރޭޝަނަކަށް އެޑްމިޓްކޮށްފި

މިދިޔަ އެޕްރީލް މަހު ނެޓްފްލިކްސް އިން ސްޓްރީމްކުރި، ހޮލީވުޑްގެ އެކްޓަރު ކްރިސް ހެމްސްވޯތުގެ ފިލްމު "އެކްސްޓްރެކްޝަން" ގެ ރޯލެއް ކުޅުނު ބޮލީވުޑްގެ އެކްޓަރު ރަންދީޕް ހޫޑާ މުމްބާއީގެ ހޮސްޕިޓަލެއްގައި މިއަދު އެޑްމިޓްކޮށްފި އެވެ.

އިންޑިއާގެ ނޫސްތަކުން ބުނީ މި މަހުގެ 20 ގައި 44 އަހަރު ފުރުނު އެކްޓަރު މިއަދުގެ ހެނދުނުގެ ވަގުތެއްގައި އެޑްމިޓްކުރީ ބޮޑު އޮޕަރޭޝަނަކަށް ކަމަށެވެ. އެކަމަކު އޭގެ އެއްވެސް ތަފުސީލެއް ހާމައެއްނުކުރެ އެވެ. ނަމަވެސް ސަލްމާން ޚާންގެ ފިލްމު "ރާދޭ: އިންޑިއާސް މޯސްޓް ވޯންޓެޑް ބާއީ" ގެ ޝޫޓިންގެ ތެރޭގައި މިދިޔަ ޑިސެމްބަރު މަހު ރަންދީޕް ކަކުލަށް ބޮޑު އަނިޔާއެއް ލިބިފައިވެ އެވެ.

އޮޕަރޭޝަނަށް ރަންދީޕް މިއަދު އެޑްމިޓްކޮށް، ކޮވިޑް-19 އަށް ވެސް ޓެސްޓް ވެސްކޮށްފައިވެ އެވެ. ނަތީޖާ ނެގަޓިވް އެވެ.

އޭނާ ބޮޑު އޮޕަރޭޝަނަކަށް އެޑްމިޓްކުރި ވާހަކަ މީޑިއާތަކުން ރިޕޯޓްކުރުމުގެ ދެ ދުވަސްކުރިން އެކި ފަހަރު މަތިން ހޮސްޕިޓަލަކަށް ޒިޔާރަތްކުރަނިކޮށް ނަގާފައިވާ ފޮޓޯތަކެއް ވެސް ބައެއް މީޑިއާތަކުން އާންމުކޮށްފައި އެވެ. އެ ފޮޓޯތަކުން ފެންނަނީ ރަންދީޕް މާސްކެއް އަޅައިގެން ހުރެ ހިނގާފައި ގޮސް ހޮސްޕިޓަލަށް ވަންނަ ތަނެވެ.

މި އަހަރުގެ ފެބްރުއަރީގައި ރިލީޒްކުރި "ލަވް އާޖް ކަލް" ގެ ރޯލެއް ކުޅުނު ރަންދީޕް ދާދި ފަހުން ވަނީ ހޮލީވުޑްގެ ޕްރޮޖެކްޓްތަކެއް ހޯދަން، އެމެރިކާގެ އެޖެންސީއަކާ އެކު ސޮއި ވެސް ކޮށްފަ އެވެ. ހުސްހަށިބަޔަށް އަދި ހުރި އެކްޓަރު ކުޅުނު ފާހަގަކޮށްލެވޭ ބައެއް ފިލްމުތަކުގެ ތެރޭގައި "މާޑާ 3" އާއި "ސަރަބްޖީތު" އާއި "ކިކް" އާއި "ހައިވޭ" އަދި "ޖިސްމް 2" ހިމެނެ އެވެ.

އޭނާގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ރާދޭ" އާއި "މަރުދު" ހިމެނެ އެވެ.