26 އޯގަސްޓް 2020 - 16:48

އިންޑިއާއިން ރާއްޖެއަށް ލޯނު ދެނީ ނުރައްކާތެރި ކަންތައްތަކެއް އެކުލެވޭ ގޮތަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަހިނބަދޫ ދާއިރާގެ މެމްބަަރު އަހުމަދު ތޯރިގު މިއަދު ތުހުމަތުކުރައްވައިފި އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ހުށަހެޅުއްވި ގަރާރެއްގެ ބަހުސްގައި ތޯރިގު ވިދާޅުވީ އިންޑިއާއިން ނަގާފައިވާ ލޯނަކަށް ފައިސާ ދައްކަން އެހެން ގައުމަކުން ލޯނެއް ނަގާ ނަމަ އެކަމަށް ވެސް ހުއްދަ ހޯދަން ޖެހޭ ކަމަށް މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށެވެ. އެ ވާހަކައިގެ ސައްހަކަން ކަށަަވަރު ކުރަން ޖެހޭ ކަމަށާއި ނަމަވެސް އެއީ ނުރައްކާތެރި ވާހަކައެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"އަދި އަޅުގަނޑުމެންނަށް އެބަ މައުލޫމާތު އެބަ ލިބޭ، [މިއީ] މީގެ ސައްހަކަން ކަށަވަރުކުރަން ޖެހިފައިވާ މައުލޫމާތެއް. ދިވެހިރާއްޖޭން މިހާރު އިންޑިއާއިން ނަގާ ލޯނުތަކާ އެކު، އެ ލޯނު ނެގުމަށް ފަހު އެ ދެއްކުމަށް ޓަކައި އެހެން ގައުމަކުން ނުވަތަ އެހެން ބޭންކަކުން ފައިސާ ނެގުމުގެ ހުއްދަ އިންޑިއާއިން ނުނަގައި އެފައިސާ ނުދެއްކޭނެ ކަމަށް،" ތޯރިގު ވިދާޅުވި އެވެ.
ހިލޭ އެހީގެ ގޮތުގައި ރާއްޖެއަށް 300 މިލިޔަން ޑޮލަރު ލިބޭނެ ކަމަށް ބަޖެޓް ފާސްކުރި އިރު ސަރުކާރުން ބުނި ކަމަށާއި އެހެން ބުނެފައި މިހާރު ލޯނެއް ނަގަން ޖެހުނު ސަބަބާ މެދު އޭނާ ސުވާލު އުފެއްދެވި އެވެ.
"އަދި އެއީ ސަރުކާރުގެ ކަމާ ބެހޭ މިނިސްޓަރުން މި މަޖިލީހަށް، އަޅުގަނޑުމެންނަށް ސާފު ވެސް ކޮށްދޭން ޖެހޭ ކަމެއް،" ތޯރިގު ވިދާޅުވި އެވެ.
ދައުލަތުން ޒިންމާވާ ގޮތަށް އަމިއްލަ ފަރާތްތަކުން ނަގާފައިވާ ލޯނުތަކުގެ މައުލޫމާތު މަޖިލީހަށް ދިނުމަށް އޭނާ ގޮވައިލެއްވި އެވެ.
ލޯނާއި އެހެނިހެން އެހީފޯރުކޮށްދީގެން އިންޑިއާއިން ރާއްޖެއަށް ނުފޫޒު ފޯރުވަންް ނޫޅޭ ކަމަށް ވިދާޅުވެ، އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ދައްކަވާފައިވާ ވާހަކަތަކަށް ވެސް ތޯރިގް ފާޑު ވިދާޅުވި އެވެ. ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި މީގެ ކުޑު ދުވަސްކޮޅެއް ކުރިން ފައްޔާޒް ވިދާޅުވެފައި ވަނީ އިންޑިއާއިން ރާއްޖެ ހިފަން އުޅުނު ނަމަ މީގެ އެތައް ޒަމާނެއްގެ ކުރިން އޮންނާނީ ހިފާފައި ކަމަށެވެ.
އިންޝުއަރެންސާ ބެހޭ ގާނޫނެއްގެ ދެލިކޮޕީ މަޖިލީހަށް ފޮނުވަން ގޮވާލައި ޖާބިރު ހުށަހެޅުއްވި ގަރާރުގެ ބަހުސްގައި އެ ގަރާރާ ބެހޭ ގޮތުން ވާހަކަ ނުދައްކަވައި އިންޑިއާ އާއި ރާއްޖޭގެ ގުޅުމާ ބެހޭ ގޮތުން ތޯރިގު ވާހަކަ ދެއްކެވުމުން ރިޔާސަަތުން ދެ ފަހަރެއްގެ މަތިން އެކަން އޭނާ އަށް ހަނދާންކޮށްދިނެވެ.