26 އޯގަސްޓް 2020 - 14:53

ބައިސްކަލެއްގެ ތަޅު ހަލާކުކޮށްލި ކަމަށް ބުނެ މީހެއްގެ މައްޗަށް ދައުލަތުން "ގޯސް ދައުވާއެއް" އުފުލުމުން އިއްވި ޖަލު ހުކުމެއް އިސްތިއުނާފް ނުކޮށް ތިބުމަށް ފަހު، ލުއި ދައުވާއެއްގެ އަދަބަކަށް ބަދަލު ކުރަން ދައުލަތުން އެދުމުން ހައި ކޯޓުން އެކަމަށް މިއަދު ދެކޮޅު ހަދައިފި އެވެ.
ޖުލައި، 2015 ގައި މާލޭގެ މަގުމަތީގައި ހުރި ބައިސްކަލެއްގެ ތަޅެއް ހަލާކުކޮށްލި ކަމަށް ބުނެ ދައުލަތުން ކްރިމިނަލް ކޯޓުގައި މީހަކަށް ދައުވާކުރީ ބިރު ދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ ދަށުން މީހެއްގެ މުދަލަށް ގެއްލުން ދިން ކަމުގެ ދައުވާ އެވެ. އެ ދައުވާ ސާބިތުވާ ކަމަށް ނިންމައި ކްރިމިނަލް ކޯޓުން ނޮވެމްބަރު، 2015 ގައި އޭނާ ތިން އަހަރަށް ޖަލަށްލާން ހުކުމްކުރި އެވެ.
އެ ހުކުމް އެއްވެސް ފަރާތަކުން އިސްތިއުނާފް ނުކޮށް އޮތުމަށް ފަހު ޑިސެމްބަރު، 2018 ގައި އެ ދައުވާ މުރާޖާ ކުރަން އެ މީހާގެ ފަރާތުން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގައި އެދުމުން، އެ އޮފީހުން ނިންމީ އެއީ އޭނާ ކުރި އަމަލަށް ބަލާއިރު އެކަށީގެންނުވާ ބޮޑު ދައުވާއެއް ކަމަށްވާތީ ހުކުމް ރިވިއު ކުރުމަށެވެ. އަދި މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އެ ހުކުމް ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފްކުރި އެވެ.
ދައުލަތުން ހައި ކޯޓުގައި ބުނެފައިވަނީ ބިރު ދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ ދަށުން އެ މީހާ އަށް ދައުވާކުރީ އޭރު އެ އޮފީހުން އަމަލުކުރި އުސޫލުތަކަށް އެކަށީގެންވާ މިންވަރަށް ރިއާޔަތް ނުކުރެވި ކަމަށާއި އެކަމުގެ ސަބަބުން އެ މީހާ އަށް ލިބުނީ މާ ބޮޑު އަދަބެއް ކަމަށެވެ. އެ ބާވަތުގެ މައްސަލަތަކުގައި އޭރު ދައުވާކުރަނީ ކުރީގެ ގާނޫނުލް އުގޫބާތުގެ 88 ވަނަ މާއްދާގެ ދަށުން އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާ ކަމަށް ދައުލަތުން ބުންޏެވެ. އެއީ އަދަބެއްގެ ގޮތުން ގިނަވެގެން 250ރ. އިން ޖޫރިމަނާ ނުވަތަ ގިނަވެގެން އެއް އަހަރަށް ޖަލަށްލުމުގެ އަދަބު އަންނަ ކުށެކެވެ.
ދައުލަތުން ހައި ކޯޓުގައި އެދުނީ އެ މީހާގެ މައްޗަށް ކުރި ހުކުމް ބާތިލްކޮށް އަދި ކުރީގެ ގާނޫނުލް އުގޫބާތުގެ ދަށުން، އަމުރަށް ނުކިޔަމަންތެރިވުމުގެ ކުށުގައި ލުއި އަދަބު ކަނޑައަޅައި ދިނުމަށެވެ. ދައުލަތުން އެގޮތަށް އެދުނީ ކުރި ދައުވާ ގޯސް ކަމަށް ބުނެ އެވެ. އެކަމަކު އެ ދައުވާގެ މައްޗަށް ބިނާކޮށް ދަށު ކޯޓުން ކުރި ހުކުމް ގޯސް ކަމަކަށް ހައި ކޯޓުގައި ދައުލަތުން ބުނެފައެއް ނުވެ އެވެ.
ހައި ކޯޓުން ކުރި ހުކުމުގައިވަނީ ދައުވާ ކުރުމުގެ އުސޫލުތަކަށް ރިއާޔަތް ނުކޮށް ދައުވާ ކުރުމުގެ ސަބަބުން އެކަށީގެންނުވާ ބޮޑު އަދަބެއް ދިނުމަކީ އިންސާފުވެރި ގޮތެެއް ނޫން ކަމަށެވެ. އެކަމަކު ދަށު ކޯޓުގެ ހުކުމެއް ނުވަތަ އަދަބަކަށް ހައި ކޯޓަށް ބަދަލު ގެނެވޭނީ އެ ހުކުމެއް ގާނޫނީ އުސޫލުތަކާ ޚިލާފްވާ ކަމަށް ބުނެ އިސްތިއުނާފް ކުރުމުން ކަމަށާއި އަދި އެ މައްސަލަ ދައުލަތުން އިސްތިއުނާފްކުރީ ދަށު ކޯޓުގެ ހުކުމް ގޯސް ކަމަށް ބުނެ ނޫން ކަމަށް ހުކުމުގައިވެ އެވެ.
"އިސްތިއުނާފް ކުރެވިފައި މި ވަނީ އެ ގަޒިއްޔާގައި ކޮށްފައިވާ ހުކުމް ގާނޫނު އަސާސީ އާއި ނުވަތަ ގާނޫނަކާ ނުވަތަ ޝަރުއީ އަދި ގާނޫނާ އުސޫލަކާ ޚިލާފްވާ ކަމަށް ބަޔާންކޮށެއް ނޫނެވެ. އަދި އެ ހުކުމަކީ ދައުވާލިބުނު ފަރާތުގެ މައްޗަށް ޕްރޮސެކިއުޓާ ޖެނެރަލްގެ ފަރާތުން ކުރި ދައުވާއެއް ސާބިތުވެ އަދަބު ކަނޑައަޅައި ނިމިފައިވާ މައްސަލައަކަށް ވާއިރު، ކުރި ދައުވާގެ މައްޗަށް އަދަބު ކަނޑައެޅުމުގެ އުސޫލާ ޚިލާފަށް ކޯޓުން އަދަބު ކަނޑައަޅާފައިވާ މައްސަލައެއް ކަމަށް ބުނެ އެ އަސާސްގެ މައްޗަށް ބިނާކޮޮށެއް ވެސް ނޫނެވެ. އެހެންކަމުން މިހާރު އަމަލު ކުރެވެމުންދާ ޖިނާއީ އިޖްރާއާތުގެ ގާނޫނަށް ބަލާއިރު މިފަދައިން މި މަރުހަލާގައި ދައުވާއަށް ބަދަލު ގެނައުމުގެ ފުރުސަތު އޮތް ކަމަކަށް ނުފެނެ އެވެ." އެ ހުކުމުގައިވެ އެވެ.
އެ ހުކުމުގައިވާ ގޮތުން ދައުލަތުން އެދުނު ގޮތަށް، ކުރީގެ ގާނޫނުލް އުގޫބާތުގެ ދަށުން ލިބޭ ލުއި އަދަބު އެ މީހާގެ މައްޗަށް މި މަރުހަލާގައި ހައި ކޯޓަކަށް ނުދެވޭނެ އެވެ. އެއީ ދަށު ކޯޓުގައި ނުކުރާ ދައުވާއެއްގެ މައްޗަށް ހައި ކޯޓަށް ހުކުމް ނުކުރެވޭނެތީ އާއި ޖިނާއީ އިޖްރައާތުގެ ގާނޫނު އޮތް ގޮތުން ދައުވާގެ ސިފަ ބަދަލުކުރެވޭނީ ދަށު ކޯޓުގައި މައްސަލާގެ އިބްތިދާއީ މަރުހަލާގައި ކަމަށްވާތީ ކަމަށް ހުކުމުގައިވެ އެވެ.
ހައި ކޯޓުގެ ހުކުމުގައިވަނީ އިސްތިއުނާފްގެ މަރުހަލާ ނިމޭ ފަހުން، އެ ދައުވާއެއް ގޯސް ކަމަށް ބުނެ ދައުލަތުން މައްސަލަ ހުށަހެޅުމުން ދަށު ކޯޓުގެ ހުކުމްތައް ހައި ކޯޓުން ބާތިލް ކުރުމަކީ އިންސާފުގެ ހަމަތަކުން ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި އެ މައްސަލާގައި އެ މީހާގެ މައްޗަށް ދައުވާކުރީ އޭރު އަމަލުކުރި އުސޫލުތަކުން ބޭރުން ކަމަށް ދައުލަތުން ބުނާ ބުނުމެއް ފިޔަވައި އެފަދަ އުސޫލެއް ކޯޓަށް ހުށަހަޅާފައި ނުވާއިރު، އެ ދައުވާކުރީ ދައުވާ ކުރެވެން ނެތް ގާނޫނެއްގެ ދަށުން ކަމަށް ދައުލަތުން ބުނެފައިނުވާ ކަމަށް ވެސް ހުކުމުގައިވެ އެވެ.
"އިސްތިއުނާފް ނުކޮށް އެތައް މަސްތަކެއް، އަހަރުތަކެއް ވެގެންދާ ފަހުން، އެ މައްސަލާގައި ދައުވާ ކުރެވިފައިވަނީ އެފަދަ މައްސަލަތަކުގައި ދައުވާކުރަން އޮންނަ އުސޫލާ އެއްގޮތަށް ނޫން ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ ފަރާތުން ހަމައެކަނި ބުނާ ބުނުމެއްގެ މައްޗަށް ބިނާކޮށް، ކޯޓުތަކުން ހުކުމްކޮށް އިސްތިއުނާފީ މުއްދަތު ހަމަވެ އިސްތިގްރާރުވެފައިވާ ހުކުމްތައް ހައި ކޯޓުން ބާތިލް ކުރުމަކީ އަދުލު އިންސާފުގެ ހަމަތަކަށް ބަލާއިރު ގަބޫލުކުރެވޭ ގޮތެއް ނޫނެވެ." ހުކުމުގައިވެ އެވެ.
ހުކުމުގައިވާ ގޮތުން މާ ބޮޑު އަދަބެއް ލިބޭ ފަދަ ދައުވާއެއް ކުރެވި، މީހަކަށް އަދަބެއް ލިބިފައިވާ ކަމަށް ދައުލަތުން ދެކޭ ނަމަ އެކަމަށް އޮތް ހައްލަކީ އެ މީހެއްގެ އަދަބު ލުއިކުރަން ދައުލަތުން މަސައްކަތް ކުރުމެވެ. އެކަމަކު އެ ދައުވާގެ މައްޗަށް ބިނާކޮޮށް، ދަށު ކޯޓުން ކުރި ހުކުމެއް ބާތިލް ކުރެވޭނީ އެފަދަ ގާނޫނީ ސަބަބެއް އޮވެގެން ކަމަށް އެ ހުކުމުގައިވެ އެވެ.
އެ މައްސަލާގައި ހުކުމް ގޯސް ކަމަށް ބަލަންޖެހޭ ގާނޫނީ ސަބަބެއް ނެތުމުން އެ ހުކުމަށް ހައި ކޯޓުގެ ތިން ފަނޑިޔާރުން ވަނީ ތާއީދު ކުރައްވައިފަ އެވެ.
އެ މައްސަލަ ބެއްލެވީ ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ އާއި ފަނޑިޔާރު އަލީ ސަމީރާއި ފަނޑިޔާރު ހުސައިން ޝަހީދެވެ. ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު ޝުއައިބެވެ.