26 އޯގަސްޓް 2020 - 14:01

ރާއްޖޭގައި ޗާޓަޑް އެކައުންޓެންޓުންގެ އިންސްޓިޓިއުޓެއް ގާއިމްކުރުމަށް ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅި ބިލް މިއަދު ފާސްކޮށްފި އެވެ.
ސަރުކާރުގެ ފަރާތުން މި ބިލް މަޖިލީހަށް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބު އަބްދުﷲ އެވެ. މި ބިލް ފާސްވެފައިވަނީ މަޖިލީހަށް ހާޒިރުވެ ތިބި 69 މެމްބަރުންގެ ތެރެއިން 67 މެމްބަރުންގެ ވޯޓުންނެވެ. ބިލް މަޖިލީޙަށް ހުށަހެޅީ މިދިޔަ މެއި މަހުގެ 10ގަ އެވެ.
ޗާޓަޑް އެކައުންޓެންޓުންގެ ބިލު ފާސްކޮށްފައިވަނީ ރާއްޖޭގެ އެކައުންޓެންޓުންނާ ގުޅޭ ބައިނަލްއަގުވާމީ އުސޫލުތަކާއި ހަމަތަކާ އެއްގޮތްވާ ގޮތުގެ މަތިން، ރާއްޖޭގައި ޗާޓަޑް އެކައުންޓެންސީގެ ފަންނެއް ގާއިމުކޮށް އެ ފަންނު ކުރިއެރުވުމަށް މަގުފަހިކުރުމަށެވެ. މިގޮތުން "އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް"ގެ ނަމުގައި ގާނޫނީ ޝަހްސެއް އުފައްދައި، އެ އިންސްޓިޓިއުޓްގެ މެމްބަރުންގެ ޝަރުތުތަކާއި، އެ މެމްބަރުން އަމަލުކުރަންޖެހޭ ސުލޫކީ މިންގަނޑުތަކާއި ހަމަތަކާއި، އެނޫންވެސް ކަންކަމާ ގުޅޭ އުސޫލުތައް ބިލުގައި ބަޔާންކޮށްފައިވެ އެވެ.
މި ބިލް ތަސްދީގު ކުރުމާއެކު ރާއްޖޭގެ ޗާޓަޑް އެކައުންޓުންގެ އިންސްޓިޓިއުޓެއް ގާއިމްކުރާނެ އެވެ. އެ އިންސްޓިޓިއުޓަކީ އަމިއްލަ ނަމުގައި ދައުވާ ކުރުމާއި ދައުވާ ލިބިގަތުމުގެ ބާރު ލިބިފައިވާ ވަކި ސިއްކައެއް އޮންނަ ގާނޫނީ ގޮތުން އަމިއްލަ، މިނިވަން، މުސްތަގިއްލު ޝަހްސެކެވެ.
އިންސްޓިޓިއުޓް އެކުލަވައިލަނީ ނުވަ މެމްބަރުންގެ މައްޗަށެވެ. އެއީ އިންސްޓިއުޓްގެ މެމްބަރުންގެ ތެރެއިން އިންތިޚާބު ކުރެވޭ ރައީސްއަކާއި ނައިބު ރައީސްއަކާއި ކައުންސިލް މެމްބަރުންގެ ގޮތުގައި އިންތިޚާބު ކުރާ ހަތަރު މެމްބަރުންގެ އިތުރުން އޮޑިޓާ ޖެނެރަލް އާއި ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން އަދި ދައުލަތުގެ ފައިނޭންޝިއަލް ކޮންޓްރޯލާ އެވެ.
މި އިންސްޓިއުޓް އެކުލަވާލުމާ ހަމައަށް، މި ދާއިރާ ރެގިއުލޭޓްކުރަމުން އައީ އޮޑިޓާ ޖެނެރަލްގެ އޮފީހުގެ މެންޑޭޓްގެ ތެރެއިންނެވެ. މި ޕްރޮފެޝަލް ބޮޑީ އުފެއްދުމުގެ މަސައްކަތަކީ އެ އޮފީހުން ވަރަށް ކުރިން ފެށިގެން ކުރަމުން އައި މަސައްކަތުގެ ނަތީޖާ އެވެ.
ދިވެހިންނަށް ފުރުސަތު ހޯދައިދީ ދިވެހިން ކުރިއަށް ނެރުމަށް އޮޑިޓާ ޖެނެރަލްގެ އޮފީހުން ވަރަށް ގިނަ ފިޔަވަޅުތެއް ވަނީ އަޅައިފަ އެވެ. މިގޮތުން ދިވެހިންނަށް އޮޑިޓްލައިސަން ދޫކުރަން ފެށުމާއި، އެ އޮފީހުގެ އިންސްޓިޓިއުޓް އޮފް އޮޑިޓް އެންޑް އެޝުއަރަންސް މެދުވެރިކޮށް ފަންނީ ތަމްރީނުތައް ފޯރުކޮށްދިނުމާއި، އެކައުންޓެންޓުން ޕްރޮމޯޓްކުރުމުގެ ގޮތުން ކޮންމެ އަހަރަކު އެއްފަހަރު އެކައުންޓިން ފޯރަމެއް ބޭއްވުމާއި، ލޯކަލް ކައުންސިލްތަކުގެ އޮޑިޓްތަށް ކުރުމުގެ ފުރުސަތު ހުޅުވާލުން ފަދަ މުހިންމު ފިޔަވަޅުތަކެއް ވަނީ އަޅައިފައެވެ.