އެރިކް ބާއީ ދެ މަހަށް ކުޅުމާ ދުރަށް
އެރިކް ބާއީ ދެ މަހަށް ކުޅުމާ ދުރަށް

މެންޗެސްޓާ (އޮކްޓޯބަރު 26) - ކަކުލަށް ލިބިފައިވާ އަނިޔާގެ ސަބަބުން ދެ މަސް ދުވަހު ކުޅުމާ ދުރުގައި ހުންނަން ޖެހޭނެ ކަމަށް މެންޗެސްޓާ ޔުނައިޓެޑުގެ ޑިފެންޑަރު އައިވަރީ ކޯސްޓް ޑިފެންޑަރު އެރިކް ބާއީ ބުނެފި އެވެ.

ވިޔަރެއާލުން ޔުނައިޓެޑާ ގުޅުނު އުމުރުން 22 އަހަރުގެ ބާއީ އަކީ މި ސީޒަނުގައި އެ ޓީމުގައި އެންމެ މޮޅު ކުޅުމެއް ދައްކަމުން އަންނަ އެއް ކުޅުންތެރިޔާ އެވެ. އޭނާ އަށް އަނިޔާވީ އާދީއްތަ ދުވަހު ޗެލްސީ އަތުން 4-0 އިން ޔުުނައިޓެޑް ބަލިވި މެޗުގަ އެވެ.

ބާއީގެ ކަކުލުގެ ލިގަމެންޓަށް ލިބިފައިވާ އަނިޔާ އިން ޑިސެމްބަރު ފަހުކޮޅު ސަލާމަތްވި ނަމަވެސް އޭނާ ފުރަތަމަ ގުޅޭނީ ޖެނުއަރީ މަހު އޮންނަ އެފްރިކަން ކަޕް އޮފް ނޭޝަންސް ކުޅުމަށް އައިވަރީ ކޯސްޓް ގައުމީ ޓީމާ އެވެ. އެހެންކަމުން އޭނާ އަށް އެންމެ އަވަހަށް ވެސް ޔުނައިޓެޑަށް ކުޅެވޭނީ ފެބްރުއަރީ މަހު އެވެ.

ސާދަ ޕޮއިންޓާ އެކު ޕްރިމިއާ ލީގުގެ ހަތް ވަނައިގައި ޔުނައިޓެޑް އޮތްއިރު، ނަތީޖާ ރަނގަޅުކުރަން މުހިއްމު މަސައްކަތެއް ކުރަން ޖެހިފައިވާ ދަނޑިވަޅެއްގައި ބާއީ އަށް އަނިޔާވުމަކީ ކޯޗު ހޯސޭ މޮރީނިއޯ އަށް ކުރިމަތިވެފައިވާ ބޮލުގެ ރިހުމެކެވެ.