25 އޯގަސްޓް 2020 - 12:34

ޔޫރޯ ސްޓޯރުގެ ތިޖޫރީ ފަޅާލައި، ބައި މިލިއަނެއްހާ ރުފިޔާ ވަގަށް ނަގާފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ޗާންދަނީ މަގުން އަސްރަފީ ބުކްޝޮޕް ކުރިމަތީގައި ހުންނަ މއ. ޖަވާހިރިއްޔާގެ ފުރަތަމަ ބުރީގައި ހިންގާ ޔޫރޯ ސްޓޯރުގެ އޮފީހަށް މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ވަގުން ވަދެ ތިޖޫރި ފަޅާލައި 4.8 ލައްކަ އަށް ވުރެ ގިނަ ރުފިޔާ ވަގަށް ނަގާފައިވާ ކަމަށެވެ.
އެ މައްސަލައިގައި ތުހުމަތުކުރެވޭ މީހަކު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވެ އެވެ. ފުލުހުން ބުނީ އެއީ 35 އަހަރުގެ ފިރިހެނެއް ކަމަށާއި އޭނާ ތަހުގީގަށް ބަންދުގައި ބަހައްޓަން ކޯޓުން 10 ދުވަސް ދީފައިވާ ކަމަށެވެ.
ލަވާޒާ ކޮފީ އާއި އައިސް ކްރީމް ވިއްކުމަށް މަޝްހޫރު ޔޫރޯގެ އޮފީހުން ވައްކަންކުރީ އެތަނުގެ ދޮރު ހަލާކުކޮށްލައިގެން ވަނުމަށްފަހުގަ އެވެ.
ކޮވިޑް-19 އިން ރައްކާތެރިވުމަށްޓަކައި ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން، މާލެ ސަރަހައްދުގައި ކޮންމެ ރެއެއްގެ 10 އިން ފަތިހު 5 އަށް މިހާރު އޮންނަނީ ކާފިއު ހިންގައިފަ އެވެ. ވައްކަން ކޮށްފައިވަނީ ކާފިއުގެ ވަގުތުގައި ކަމަށް ބެލެވެ އެވެ.
މިދިޔަ އޭޕްރީލް މަހުގެ ތެރޭގައި އެޕޯލޯ ހޯލްޑިންސްގެ އޮފީސް ވެސް ފަޅާލައި 1.7 މިލިއަން ރުފިޔާގެ ބޮޑު ވައްކަމެއް ކުރި އެވެ. އެކަމަކު އެ މައްސަލައިގެ މައުލޫމާތެއް އަދިވެސް ނުލިބެ އެވެ. ބަޔަކު ހައްޔަރުކުރި ކަމެއް، ތަހުގީގު ގޮސްފައިވާ ހިސާބެއް ފުލުހުން ހާމައެއް ނުކުރެ އެވެ.