25 އޯގަސްޓް 2020 - 12:24

ބީއެމްއެލްއިން 10 ހޮސްޕިޓަލަކަށް ފޭސް ޝީލްޑް ހަދިޔާކޮށްފި އެވެ.
ގައުމީ ބޭންކުން ބުނީ މިހާތަނަށް 500 އަށް ވުރެ ގިނަ ފޭސް ޝީލްޑް ހަދިޔާ ކޮށްފައިވާ ކަމަށެވެ. އަދި އޭގެ ސަބަބުން ހޮސްޕިޓަލްތަކުގެ މުވައްޒަފުންގެ ރައްކާތެރިކަން ކަށަވަރުކުރެވޭނެ ކަމަށް އުއްމީދު ކުރާ ކަމަށް ވެސް އެ ބޭންކުން ބުންޏެވެ.
"ސިއްހީ ދާއިރާގެ ބޭފުޅުންނަށް ސަލާމަތްތެރިކަން ހޯދުމަށް މިވަގުތު އެ ބޭފުޅުންނަށް ބޭނުންވާ އާލާތްތަކެއް ހަދިޔާކުރެވިގެންދާކަމީ އަޅުގަނޑުމެންނަށް ލިބޭ އުފަލެއް،" ބީއެމްއެލްއިން ބުންޏެވެ.
"މިފަދަ ދަނޑިވަޅެއްގައި ހާއްސަކޮށް އަތޮޅު ތެރޭގެ ބޮޑެތި ހުރިހާ ހޮސްޕިޓަލަކަށް މިފަދަ އާލާތްތަކެއް ފޯރުކޮށްދިނުމަކީ ވެސް ވަރަށް މުހިންމު، އެހާމެ ބޭނުންތެރިކަމެއް."
- އައިޖީއެމްއެޗް
- ހއ. އަތޮޅު ހޮސްޕިޓަލް (ހއ. ދިއްދޫ).
- ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް
- ނ. އަތޮޅު ހޮސްޕިޓަލް (ނ. މަނަދޫ).
- އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް.
- ވ. އަތޮޅު ހޮސްޕިޓަލް (ވ.ފެލިދޫ).
- ފ. އަތޮޅު ހޮސްޕިޓަލް (ފ. ނިލަންދޫ).
- ތ. އަތޮޅު ހޮސްޕިޓަލް (ތ. ވޭމަންޑޫ).
- ގަން ރީޖަނަލް ހޮސްޕިޓަލް.
- ގއ. އަތޮޅު ހޮސްޕިޓަލް (ގއ. ވިލިނގިލި).
ބީއެމްއެލް އިން ވަނީ ކޮވިޑް-19 އާ ގުޅިގެން އެ ބޭންކްގެ ކަސްޓަމަރުންގެ ރައްކާތެރިކަމަށް ގިނަ ފިޔަވަޅުތަކެއް ވެސް އަޅައިފަ އެވެ. އެގޮތުން ބޭންކުގެ ގިނަ ހިދުމަތްތަކެއް އޮންލައިން ކުރުމާއި އެޕޮއިންޓްމަންޓް އުސޫލުން ހިދުމަތް ދިނުން ހިމެނެ އެވެ. އަދި ކޮވިޑް-19ގެ އިގުތިސާދީ ވެއްޓުމުގައި އެހީތެރިވުމުގެ ގޮތުން ލޯނުތައް ދެއްކުން ވެސް ވަނީ ފަސްކޮށްދީފަ އެވެ.