25 އޯގަސްޓް 2020 - 11:45

އަންނަ އަހަރުގެ ދިރާސީ އާ އަހަރު ފެށުން އޮގަސްޓް މަހަށް ފަސްކޮށްފައިވާތީ، ގްރޭޑު އެކަކުން ދަރިވަރުންނަށް ޖާގަ ދިނުމުގައި ބަލާނެ އުމުރު ކަނޑައެޅުމުގެ މަޝްވަރާކުރަމުން އަންނަ އެޑިއުކޭޝަން މިނިސްޓްރީން އިއްޔެ ބުނެފި އެވެ.
އެ މިނިސްޓްރީގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، ދިރާސީ އާ އަހަރު ފަށާ ދުވަސްވަރު ބަދަލުކުރުމުން އަންނަ އަހަރު ގްރޭޑު އެކަކަށް ދަރިވަރުން ވައްދާއިރު، ބަލާނެ އުމުރު އަދި ކަނޑަނާޅާ ކަމަށެވެ. އެކަމާ ބެހޭ މަޝްވަރާތައް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
ރާއްޖޭގައި މިހާތަނަށް ދިރާސީ އަހަރުގެ ކިޔެވުން ފަށަމުން އައީ ޖެނުއަރީ މަހު އެވެ. ނަމަވެސް އަންނަ އަހަރުގެ ދިރާސީ އާ އަހަރުގެ ކިޔެވުން ފަށާ ދުވަސްވަރު ބަދަލުކުރަން ނިންމީ، ކޮވިޑް-19 އާ ގުޅިގެން އޯ ލެވެލް އަދި އޭ ލެވެލް އިމްތިހާނު ފަސްކުރުމުން ސްކޫލުތަކަށް ދިމާވާނެ ޖާގައިގެ ދަތިތައް ހައްލުކުރުމަށެވެ. ގްރޭޑު 10 އަދި 12 ގައި ކިޔަވަމުން އަންނަ ދަރިވަރުންގެ ފައިނަލް އިމްތިހާނު ނިމުމާ ހަމައަށް، އެ ދަރިވަރުން ކިޔަވަމުން އަންނަ ސްކޫލުގައި ދެމިތިބޭނެ އެވެ.
އޯ ލެވެލް އިމްތިހާނު، އަންނަ އަހަރުގެ މެއި/ޖޫން އަށް އަދި އޭ ލެވެލް އިމްތިހާނު ފަސްކޮށްފައި ވަނީ އަންނަ އޮކްޓޯބަރު/ނޮވެމްބަރު މަހަށެވެ.
ގްރޭޑު އެކަކުން ޖާގަ ދިނުމުގައި މިހާތަނަށް ބަލަމުން އައީ، އެ އަހަރެއްގެ ޖެނުއަރީ 1 އަށް ހަ އަހަރު ފުރި ހަތް އަހަރު ނުފުރޭ ކުދިންނަށެވެ. ޕްރީ ސްކޫލު ސަރުކާރުގެ ރަސްމީ ތައުލީމީ ނިޒާމުގައި ހިމެނޭތީ މުޅިން އަލަށް ދަރިވަރުން ވައްދާނީ އެލްކޭޖީއަށެވެ. އެލްކޭޖީ އަށް ވައްދާއިރު ބަލާނީ އެ އަހަރެއްގެ ޖެނުއަރީ 1 އަށް ހަތަރު އަހަރު ފަސް އަހަރު ނުފުރޭ ކުދިންނަށެވެ.
ގްރޭޑު އެކަކުން ޖާގަ ދޭއިރު ބަލަނީ އެ އަހަރެއްގެ ޖެނުއަރީ 1 އަށް ހަ އަހަރު ފުރި ހަތް އަހަރު ނުފުރޭ ކުދިންނަށެވެ.