25 އޯގަސްޓް 2020 - 09:57

ހޮންގް ކޮންގުގައި މީގެ ހަތަރު މަސް ކުރިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހަކަށް އަލުން އެ ބަލި ޖެހިފައިވާ ކަމަށާއި ދެ ފަހަރު ފެނިފައިވަނީ ޖެނެޓިކް ގޮތުން ތަފާތު ހުރި ދެ ވައިރަހެއް ކަމަށް އެ ގައުމުގެ ސައިންސްވެރިން ބުނެފި އެވެ.
މި ހޯދުމަށް ބަލާއިރު މިއީ މީހަކަށް ދެ ފަހަރު ކޮވިޑް ޖެހުނުކަން ކަށަވަރުވި ފުރަތަމަ ފަހަރެވެ.
ހޮންގް ކޮންގުން މިކަން ރިޕޯޓްކުރުމާ އެކު ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔު.އެޗް.އޯ) އިން ވަނީ އެންމެ މީހެއްގެ ކިބައިން މިފަދަ ކަމެއް ފެނުމުން މިކަމުގައި ވަކި ގޮތެއް ކަނޑައަޅައި ގަބޫލުކުރަން އަދި މާ އަވަސް ކަމަށް ބުނެފަ އެވެ.
ތަޖުރިބާކާރުން ވެސް ވަނީ ނާދިރު ހާލަތެއްގައި މީހަކަށް ދެ ފަހަރު ކޮވިޑް ޖެހުން އެކަށީގެންވާ ކަމަށާއި އެކަމަކު މިއީ ކޮންމެ ފަހަރަކު ސީރިއަސް ކަމެއް ނޫން ކަމަށް ބުނެފަ އެވެ.
ކުރިން ކޮވިޑް ޖެހުނު މީހަކަށް އަލުން އެ ބަލި ޖެހުނުކަން އެނގިފައި މި ވަނީ މިހާތަނަށް މުޅި ދުނިޔެ އިން 23 މިލިއަނަށް ވުރެ ގިނަ މީހުންނަށް އެ ބަލި ޖެހުނު ފަހުންނެވެ.
މި ބަލި ޖެހުމުން ބައްޔާ ދެކޮޅަށް ހަށިގަނޑުގައި އިމިއުން ރެސްޕޮންސެއް އުފެދެ އެވެ. އަދި އަލުން އެ ބަލި ޖެހުމާ ދެކޮޅަށް މަސައްކަތްކުރެ އެވެ. ބަލީގައި ބޮޑުވަރުވާ މީހުންގެ ހަށިގަނޑުން ދިފާއީ ބާރު ނުވަތަ އިމިއުން ރެސްޕޮންސް ބޮޑަށް ފެނެ އެވެ.
ނަމަވެސް މި އިމިއުން ރެސްޕޮންސްގެ ބާރަކީ ކޮބައިކަމާއި އެ ބާރު ދެމި ހުންނަނީ ކިހާ ދުވަހަކަށް ކަމެއް މިހާތަނަށް އަދި ކަށަވަރެއް ނުވެ އެވެ. ޑަބްލިޔު.އެޗް.އޯ އިން ބުނެފައިވަނީ މިކަން ކަށަވަރުކުރުމަށް، ބަލި ޖެހި ރަނގަޅުވެފައިވާ ގިނަ ބަޔަކު ބޭނުންކޮށްގެން ފުޅާ ދާއިރާއެއްގައި ދިރާސާކުރަންޖެހޭ ކަމަށެވެ.