ބެންގަލޫރުގެ ކުރީގެ ކޯޗަށް ބާސެލޯނާގެ ހުށަހެޅުމެއް
ބެންގަލޫރުގެ ކުރީގެ ކޯޗަށް ބާސެލޯނާގެ ހުށަހެޅުމެއް

ހައިދަރުއާބާދު (އޮގަސްޓް 25) - ބެންގަލޫރުގެ ކުރީގެ ކޯޗު އަލްބާޓް ރޮކާ އަށް ބާސެލޯނާގެ އާ ކޯޗު ރޮނާލްޑް ކޫމަންގެ ކޯޗިން ޓީމާ ގުޅުމުގެ ފުރުސަތު ލިބިއްޖެ އެވެ.

ބެންގަލޫރުގެ ކުރީގެ ކޯޗަށް ބާސެލޯނާގެ ހުށަހެޅުމެއް
ބެންގަލޫރުގެ ކުރީގެ ކޯޗަށް ބާސެލޯނާގެ ހުށަހެޅުމެއް

މިހާރު ހައިދަރުއާބާދު ޓީމުގެ ކޯޗަކަށް ހުރި ރޮކާ އަކީ މީގެ ކުރިން ބާސެލޯނާގައި އެސިސްޓަންޓް ކޯޗެއްގެ ގޮތުގައި މަސައްކަތްކޮށްފައިވާ މީހެކެވެ. ލެޖެންޑް ޔޯހަން ކްރައިފުގެ ޒަމާނަށް ފަހު ބާސެލޯނާގެ މަޝްހޫރު ޕާސިން ގޭމް އަލުން އެ ޓީމަށް ގެނެސްދިން ފްރޭންކް ރައިކާޑުގެ އެސިސްޓަންޓް ކޯޗުގެ ގޮތުގައި ރޮކާ ވަނީ 2003 އިން 2008 އަށް މަސައްކަތްކޮށްފަ އެވެ. އެ ދުވަސްވަރު އޭނާ ހިމެނިގެން ބާސެލޯނާ އިން ވަނީ ސްޕެނިޝް ލީގު ދެ ފަހަރު އަދި ޗެމްޕިއަންސް ލީގު އެއް ފަހަރު އުފުލާލައިފަ އެވެ.

ބާސެލޯނާ ކޯޗަކަށް ދެ އަހަރު އެއްބަސްވުމެއްގެ ދަށުން ހަވާލުވެ ކޫމަން ވަނީ އޭނާގެ އެސިސްޓަންޓަކަށް ކުރީގެ ފޯވާޑް ހެންރިކް ލާސަން ގެނެސްފަ އެވެ. ދެން ކޯޗިން ޓީމަށް ގެންނަން ކޫމަން ބޭނުންވަނީ ރޮކާ އެވެ. ހައިދަރުއާބާދުގެ އޮފިޝަލަކު އިންޑިއާ ނޫހަކަށް ބުނީ ބާސެލޯނާގެ ހުށަހެޅުމެއް ލިބިފައިވާ ކަމަށާއި އޭގެ ގޮތެއް ނިންމުމުގެ މަޝްވަރާތައް މިހާރު ކުރަމުން އަންނަ ކަމަށެވެ. ހައިދަރުއާބާދާ އެކު ރޮކާ ހަދާފައިވާ ކޮންޓްރެކްޓް ހަމަވާނީ 2022 ވަނަ އަހަރު އެވެ.

"މިއީ ރޮކާ އަށް ވަރަށް ރަނގަޅު ފުރުސަތެއް. އެކަމަކު މީގައި ދެ ޓީމަށް ވެސް އެންމެ ރަނގަޅު ހައްލެއް ހޯދުން މުހިއްމީ. މި ވަގުތު ވަކި ގޮތެއް ނުނިމޭ. ރޮކާއާ އެކު މި ދަނީ މަޝްވަރާކުރަމުން،" ހައިދަރުއާބާދުގެ އޮފިޝަލަކު ބުނެފައިވެ އެވެ.

ބާސެލޯނާގެ ޔޫތު ޓީމުގެ ކޯޗަކަށް ޕެޕް ގާޑިއޯލާ އަދި ފަހުން ލުއިސް އެންރިކޭ މަސައްކަތްކުރި އިރު ވެސް ރޮކާ ވަނީ އެހީތެރިވެދީފަ އެވެ. މި ދެ ކޯޗުން ކޯޗިންގެ މުހިއްމު ތަޖުރިބާތައް ހޯދިއިރު ރޮކާގެ ވަނީ ވަރަށް ކައިރިން މަސައްކަތްކޮށްފަ އެވެ. އެ ދުވަސްވަރު ބާސެލޯނާގެ ޔޫތު ޓީމުން ނުކުތް ކުޅުންތެރިންގެ ތެރޭގައި ސާޖިއޯ ބުސްކެޓްސް އާއި ތިއާގޯ އަލްކަންޓްރާ އާއި ބޮޔާން ކާކިޗް އަދި ޕެޑްރޯ ރޮޑްރިގޭޒް ހިމެނެ އެވެ.

ބާސެލޯނާގެ ކޯޗުކަމުން 2008 ގައި ރައިކާޑް ވަކިވުމަށް ފަހު އޭނާ ތުރުކީގެ ގަދަބާރު ގަލަތަސަރާއީ އަށް އަދި ފަހުން ސައުދީ އަރަބިއާގެ ގައުމީ ޓީމަށް ކޯޗުކޮށްދިން އިރު ވެސް ރޮކާ ވަނީ އޭނާގެ އެސިސްޓަންޓަކަށް މަސައްކަތްކޮށްފަ އެވެ. ރައިކާޑުގެ އެސިސްޓަންޓްކަމުން ވަކިވެ ރޮކާ ރަސްމީކޮށް ކޯޗިން ކެރިއަރު ފެށީ 2014 ވަނަ އަހަރު އެލް ސަލްވާޑޯ ގައުމީ ޓީމާ ހަވާލުވުމަށް ފަހު އެވެ. އެ ޓީމުގައި އެއް އަހަރު ހޭދަކުރުމަށް ފަހު 2016 ވަނަ އަހަރު ބެންގަލޫރަށް ސޮއިކުރި އެވެ. އެ ޓީމުގައި ހޭދަކުރި ދެ އަހަރު ބޮޑެތި ކާމިޔާބީތަކެއް ހޯދައި 2018 ވަަނަ އަހަރު އެ ޓީމުން ވަކިވިއިރު ބެންގަލޫރު ވަނީ އޭއެފްސީ ކަޕްގެ ފައިނަލުގައި ކުޅެފަ އެވެ. އޭނާ ހައިދަރުއާބާދާ މި އަހަރު ޖެނުއަރީގައި ހަވާލުވީ ރަނގަޅު ޕްލޭނަކާ އެކު ޓީމެއް ބިނާކުރުމުގެ ވިސްނުމުގަ އެވެ. ރޮކާގެ އެދުމުގެ މަތިން ހައިދަރުއާބާދުން އަންނަނީ ކުރިން ބާސެލޯނާ އަށް ކުޅުނު ޕޯޗުގީސް ވިންގް ރިކާޑޯ ކުއަރެސްމާ ހޯދަން މަޝްވަރާކުރަމުންނެވެ.