ހިލަރީ އަށް ވެރިކަން ލިބިއްޖެ ނަމަ ތިން ވަނަ ބޮޑު ހަނގުރާމަ ފެށޭނެ: ޓްރަމްޕް
ހިލަރީ އަށް ވެރިކަން ލިބިއްޖެ ނަމަ ތިން ވަނަ ބޮޑު ހަނގުރާމަ ފެށޭނެ: ޓްރަމްޕް

ފްލޮރިޑާ (އޮކްޓޯބަރު 26) - ސީރިއާއާ މެދު ހިލަރީ ކްލިންޓަން ގެންގުޅުއްވާ ސިޔާސަތުގެ ސަބަބުން ތިން ވަނަ ބޮޑު ހަނގުރާމަ ފެށިގެންދާނެ ކަމަށް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

ޓްރަމްޕް ވިދާޅުވީ އެމެރިކާ އިން ސަމާލުކަން ދޭން ޖެހޭނީ ރައީސް ބައްޝާރުލް އަސަދު މަގާމުން ދުރު ކުރުމަށް ވުރެ ބޮޑަށް އިސްލާމިކް ސްޓޭޓް (އައިއެސް) ބަލިކޮށްލުމަށް ކަމަށެވެ. އޭގެ ބަދަލުގައި ހިލަރީ ސަމާލުކަން ދެއްވަނީ ސީރިއާގައި އުދުހުން މަނާ ސަރަހައްދެއް ގާއިމް ކުރުން ކަމަށާއި އޭގެ ސަބަބުން ރަޝިޔާގެ ޖެޓްތަކާ ޖެހި ހަނގުރާމައަކަށް މަގު ފަހިވެގެންދާނެ ކަމަށެވެ.

"ހިލަރީ ކްލިންޓަންގެ ވާހަކަތައް އަޑު އަހައިގެން ވޯޓުދީފި ނަމަ ތިން ވަނަ ބޮޑު ހަނގުރާމައެއް ފެށޭނެ. ހަނގުރާމަ ކުރަނީ ހަމައެކަނި ސީރިއާއަކާ ނޫން، އޭގެ ބަދަލުގައި ހަނގުރާމަ ކުރަނީ ރަޝިޔާ އާއި އީރާނާ،" މިއާމާގައި ހުންނަ ޓްރަމްޕުގެ ރިސޯޓުގައި ރޮއިޓާސް އަށް ދެއްވި އިންޓަވިއުއްގައި ރިޕަބްލިކަން ކެންޑިޑޭޓް ވިދާޅުވި އެވެ.

ޓްރަމްޕް އަދި ވިދާޅުވީ ހިލަރީ ކްލިންޓަން ހުންނެވީ ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިންއާ މަޝްވަރާ ކުރެވޭ ފަދަ ހާލަތެއްގައި ނޫން ކަމަށެވެ.

ޓްރަމްޕުގެ ވާހަކަތަކަށް ހިލަރީގެ ކެމްޕޭން ޓީމުން ރައްދު ދެމުން ބުނެފައި ވަނީ ރިޕަބްލިކަން އަދި ޑިމޮކްރެޓިކް ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރުން ގަބޫލް ކުރާ ގޮތުގައި ޓްރަމްޕަކީ ކޮމާންޑަ-އިން-ޗީފްގެ މަގާމަށް ފިޓް މީހެއް ނޫން ކަމަށެވެ.

ޓްރަމްޕް ވަނީ ރިޕަބްލިކަން ޕާޓީގެ މެންބަރުން ޕާޓީގެ ކެންޑިޑޭޓުގެ ފަހަތުގައި ނުތިބޭ މައްސަލާގައި ވެސް ފާޑު ވިދާޅުވެފަ އެވެ.

"ޕާޓީގެ އެއްބައިވަންތަކަން އޮވެއްޖެ ނަމަ މި އިންތިޚާބުން އަޅުގަނޑުމެން ބައްޔެއް ނުވާނެ،" ޓްރަމްޕް ވިދާޅުވި އެވެ.