އިންޑިއާގެ އެންމެ ބޮޑު ފިލްމު ސްޓޫޑިއޯ ޔާޝްރާޖްގެ ލޯގޯ ބަދަލުކުރަނީ
އިންޑިއާގެ އެންމެ ބޮޑު ފިލްމު ސްޓޫޑިއޯ ޔާޝްރާޖްގެ ލޯގޯ ބަދަލުކުރަނީ

އިންޑިއާގެ އެންމެ ބޮޑު ފިލްމު ކުންފުނި ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ ލޯގޯ ބަދަލުކުރަން ނިންމާފައިވާތީ އަންނަ މަހު އާ ލޯގޯ ދައްކައިލާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އިންޑިއާގެ އެންމެ ބޮޑު ފިލްމު ސްޓޫޑިއޯ ޔާޝްރާޖްގެ ލޯގޯ ބަދަލުކުރަނީ
އިންޑިއާގެ އެންމެ ބޮޑު ފިލްމު ސްޓޫޑިއޯ ޔާޝްރާޖްގެ ލޯގޯ ބަދަލުކުރަނީ

ކުރީގެ މަޝްހޫރު ޑައިރެކްޓަރު/ޕްރޮޑިއުސަރު ޔާޝް ޗޯޕްޅާގެ ފިލްމު ކުންފުނީގެ ލޯގޯ މިހާރު އިންނަނީ ހުދު ކުލައިގެ ބެކްގްރައުންޑަކުން ރަތް ކުލައިގެ ވައި އަކުރު ރަމްޒުކޮށްދޭ ގޮތަށެވެ. ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނީ އެ ސްޓޫޑިއޯ އަށް މި އަހަރު 50 އަހަރު ފުރިފައިވާތީ އެކަން ފާހަގަކުރަން އަންނަ މަހުގެ 27 ގައި ގިނަ ޕްރޮޖެކްޓްތަކެއް އިއުލާންކުރަން ތައްޔާރުވަމުން އަންނަ އިރު، އެ ދުވަހުގެ އެންމެ ހާއްސަ އެއް ކަމަކީ ވައިއާރްއެފްގެ އާ ލޯގޯ ދައްކައިލުން ކަމަށެވެ.

އަންނަ މަހުގެ 27 ވަނަ ދުވަހަކީ ޔާޝްގެ 88 ވަނަ އުފަން ދުވަހެވެ. ހިންދީ ސިނަމާގައި "ކިންގް އޮފް ރޮމޭންސް" ގެ ނަމުން މަޝްހޫރުވި ޔާޝް މަރުވީ 2012 ގަ އެވެ. އޭނާގެ އެންމެ ފަހުގެ ފިލްމަކީ އެ އަހަރު ގެނެސްދިން "ޖަބް ތަކް ހެ ޖާން" އެވެ.

ވައިއާރްއެފް ހިންގުމުގެ ޒިންމާ މިހާރު ނަގަމުން އަންނަނީ ޔާޝްގެ ދޮށީ ފިރިހެން ދަރިފުޅު އަދިތިޔާ ޗޯޕްޅާ އެވެ. އޭނާ އަކީ ބަތަލާ ރާނީ މުކަރްޖީގެ ފިރިމީހާ އެވެ. އަދިތިޔާ އަކީ ހިންދީ ސިނަމާގެ އެންމެ ކާމިޔާބު އެއް ފިލްމު ކަމަށްވާ ދިލްވާލޭ ދުލްހަނިޔާ ލޭޖާއޭގޭ (ޑީޑީއެލްޖޭ) ގެ އިތުރުން "މޮހައްބަތޭން" އާއި "ރަބް ނެ ބަނާދީ ޖޯޅީ" ފަދަ ފިލްމުތައް ގެނެސްދިން ޑައިރެކްޓަރެވެ.

އިންޑިއާގެ އެންމެ ކާމިޔާބު ސްޓޫޑިއޯތަކުގެ ތެރޭގައި ހިމެނޭ ވައިއާރްއެފަކީ އައިކޮނިކް އެތައް ފިލްމެއް ގެނެސްދީފައިވާ ތަނެކެވެ. އޭގެ ތެރޭގައި "ދާގް" އާއި "ޗާންދުނީ" އާއި "ކަބީ ކަބީ" އާއި "ސިލްސިލާ" އާއި "ދިލް ތޯ ޕާގަލް ހޭ" އާއި "ޑަރް" އާއި "ވީރު-ޒާރާ" އާއި "ލަމްހޭ" އާއި "ހަމް ތުމް" އަދި "ދޫމް" ފްރެންޗައިޒް ފަދަ އެތައް ފިލްމެއް ހިމެނެ އެވެ.

މީޑިއާތަކުން ބުނާގޮތުގައި އަންނަ މަހުގެ 27 ގައި ވައިއާރްއެފުން ބޮޑެތި ގިނަ ފިލްމުތަކެއް އިއުލާންކުރާނެ އެވެ. އޭގެ ތެރޭގައި ޝާހްރުކް ޚާނާއި ސަލްމާން ޚާނާއި އަޖޭ ދޭވްގަން ފަދަ ތަރިން ކުޅޭ ފިލްމުތަކެއް ހިމެނެ އެވެ.