އިމްރާން ހާޝިމީ އަށް އަލަށް ކޮމެޑީއެއް
އިމްރާން ހާޝިމީ އަށް އަލަށް ކޮމެޑީއެއް

އެކްޓަރު އިމްރާން ހާޝިމީ "ސަބް ފަސްޓް ކްލާސް" ކިޔާ ކޮމެޑީ ފިލްމަކަށް ސޮއިކޮށްފި އެވެ.

މި ފިލްމު ވާނީ "މާޑާ" އާއި "ރާޒް 3ޑީ" އަދި "ޖަންނަތު" ފަދަ ފިލްމުތައް ކުޅުނު އިމްރާން ފުލް ފްލެޖް ކޮމެޑީ ރޯލެއް ކުޅޭ ފުރަތަމަ ފަހަރަށެވެ. އޭނާ ކުރިން ވަނީ ބްލެކް ކޮމެޑީ ޑްރާމާއެއްގައި މަސައްކަތްކޮށްފަ އެވެ. އެއީ 2013 ގައި ވިދިޔާ ބާލަންއާ އެކު ކުޅުނު ޑައިރެކްޓަރު ރާޖްކުމާރު ގުޕްތާގެ "ގަންޗައްކަރް" އެވެ.

"ސަބް ފަސްޓް ކްލާސް" އަކީ ދީޕަކް މުކުތާއި ޝިވަންޝޫ ޕާންޑޭގެ އިތުރުން އަބްސޭ ސިންގް ޕްރޮޑިއުސްކޮށް، ބަލްވިންދަރު ސިންގް ޖަނޫޖާ ޑައިރެކްޓްކުރާ ފިލްމެކެވެ.

މި ފިލްމާ ބެހޭ ގޮތުން އިމްރާން ބުނީ އޭނާ ފިލްމަށް އެއްބަސްވީ އޭގެ ސްކްރިޕްޓް މަޖާވީމާ ކަމަށެވެ. އަދި އެ ކިޔައިލުމާ އެކު ވަގުތުން ފިލްމަށް އެއްބަސްވާން ނިންމި ކަމަށާއި މިއީ ބެލުންތެރިން ވަރަށް ގަޔާވާނެ ފިލްމަކަށްވާނެކަން ޔަގީން ކަމަށް ބުންޏެވެ.

"މިއީ މިހާތަނަށް އަހަރެން ނުކުޅޭ ޒާތުގެ ވަރަށް ތަފާތު ފިލްމަކަށްވާނެ. ވަރަށް ވެސް ހިތްހަމަޖެހޭ ސްކްރިޕްޓެއް. މިއީ އާދައިގެ މީހެއްގެ ވާހަކަ ވަރަށް ޝައުގުވެރި ގޮތަކަށް ފެންނާނެ ފިލްމެއް،" އިމްރާން ބުންޏެވެ.

ކޮވިޑް-19 ފެތުރޭތީ އިންޑިއާގައި އިއުލާންކޮށްފައި ލޮކްޑައުން އަށް އެއްކޮށް ލުއި ލިބުމުން ފިލްމުގެ ޝޫޓިން ފަށަން ނިންމާފައިވާ އިރު، މަންޒަރުތައް ނަގާނެ ލޮކޭޝަންތައް ހޯދުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.

އިމްރާންގެ ދެ ފިލްމެއް މިހާރު ވެސް ބެލުންތެރިންނަށް ގެނެސްދޭން ތައްޔާރުވެފައި އެބައޮތެވެ. އެއީ މިސްޓްރީ ތުރިލާ "ޗެހެރޭ" އާއި ގޭންގްސްޓާ ފިލްމު "މުމްބާއީ ސާގާ" އެވެ.

މިދިޔަ އަހަރު "ދަ ބޮޑީ" އިން ފެނިގެން ދިޔަ 41 އަހަރުގެ އެކްޓަރުގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ގަންގްބާއީ ކަތިއަވާޅީ" އާއި "އެޒްރާ" ވެސް ހިމެނެ އެވެ.