25 އޯގަސްޓް 2020 - 11:38

ސޯލް (އޮގަސްޓް 25) - ކޮވިޑް-19 ކޮންޓްރޯލްކުރި ގޮތުން ރޯލް މޮޑަލެއްގެ ގޮތުގައި ބެލި ސައުތު ކޮރެއާގައި ވައިރަސްގެ ކޭސްތައް ކަންބޮޑުވާން ޖެހޭ މިންވަރަށް އިތުރުވާ ކަމަށް އޮފިޝަލުން ބުނެފި އެވެ.

ދާދި ފަހުން ކޭސްތައް އިތުރުވުމުގެ އަސްލު ގުޅިފައި ވަނީ ފައްޅިއަކާ އެވެ. މިހާރު ވަނީ އެ ގައުމުގެ 17 ޕްރޮވިންސަށް ފުރަތަމަ ފަހަރަށް ބަލި ފެތުރިފަ އެވެ. ޕޮޒިޓިވްވާ މީހުންގެ އަދަދު ކޮންމެ ދުވަހަކު ވެސް އުޅެނީ ތިން އަކުރުން މަތީގަ އެވެ.
ވެރިރަށް ސޯލްގައި މާސްކް އެޅުން މިހާރު މަޖްބޫރެވެ. އިޖްތިމާއީ ގައިދުރުކަން ބެހެއްޓުން ވަނީ ހަރުކަށިކޮށްފަ އެވެ. ސަރުކާރުން މިހާރު އުޅެނީ ސްކޫލްތަކާއި ވިޔަފާރިތައް ބަންދު ކުރުމާ މެދު ގޮތެއް ނިންމުމުގަ އެވެ. ސޯލްގެ ހުރިހާ ސްކޫލެއް ބަންދުކޮށް އޮންލައިންކޮށް ކިޔަވައިދޭން ވަނީ ނިންމައިފަ އެވެ.
ގައިންގަޔަށް އަރާ ބަލިތަކާ ބެހޭ ސަައުތު ކޮރެއާގެ ތަޖްރިބާކާރަކު ބުނީ ހޮސްޕިޓަލްތަކުގެ އެނދުތައް މިހާރު ފުރެމުންދާ ކަމަށާއި ސިއްހީ ނިޒާމަށް އޮބިނޯންނަ ވަރަށް ކޭސްތައް މިހާރު އިތުރުވާ ކަމަށެވެ.
ކޮރެއަން ސެންޓަ ފޯ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން އިން ބުނެފައި ވަނީ އަލަށް ފެންނަ ކޭސްތަކުގެ 20 ޕަސެންޓަކީ އެއްވެސް ކްލަސްޓާއަކާ ގުޅިފައިވާ ނުވާ ކޭސްތައް ކަމަށެވެ. ސައުތު ކޮރެއާ އިން ވަނީ ކޮންޓެކްޓް ޓްރޭސިން ވަރުގަދަކޮށްފަ އެވެ. އެ ގައުމުގެ ކޮންޓެކްޓް ޓްރޭސިން ސިސްޓަމުން ގަޑިއަކު 1،000 މީހުން ޓްރޭސް ކުރެވެ އެވެ.
ސައުތު ކޮރެއާގައި ކޮވިޑް-19އާ ދެކޮޅަށް މަސައްކަތް ފެށީ ކްރިސްޓިއަން ފައްޅިއަކަށް ދިޔަ ބައެއްގެ މެދުގައި ބަލި ފެތުރެން ފެށުމުން، މިދިޔަ ފެބްރުއަރީ މަހު އެވެ.
ސައުތު ކޮރެއާ އިން މިހާތަނަށް ވަނީ 17,665 މީހުން ޕޮޒިޓިވްވެ 309 މީހުން މަރުވެފަ އެވެ. އިއްޔެ އެކަނިވެސް ވަނީ 266 މީހުން ޕޮޒިޓިވްވެފަ އެވެ.