ކޭސްތައް މަދު ނުވާނަމަ ސިއްހީ ހިދުމަތްތެރިން ބަލިވެދާނެ: މުރާދު
ކޭސްތައް މަދު ނުވާނަމަ ސިއްހީ ހިދުމަތްތެރިން ބަލިވެދާނެ: މުރާދު

ކޮވިޑް-19 ގެ ކޭސްތައް ކޮންޓްރޯލް ނުވެ އިތުުރުވަމުން ދާ ނަމަ ސިއްހީ ޚިދުމަތްތެރިން ވަރުބަލިވެ، ފަަރުވާދޭން ތިބޭ މީހުންގެ އަދަދު މަދުވެދާނެ ކަމަށް ބުނެ، އައިޖީއެމްއެޗުގެ ކްލިނިކަލް މެނޭޖްމަންޓް އެޑްވައިޒަރީ ޓީމް (ސީމެޓް) އިން މިރޭ ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެެންޓަރުގައި މިރޭ ބޭއްވި މީޑިއާ ބްރީފިންގައި އައިޖީއެމްއެޗްގެ ސީމެޓުގެ މެމްބަރު ޑރ. މޫސާ މުރާދު ވިދާޅުވީ ކޭސްތައް ގިނަ ވާނަމަ މިހާރު ތިބި ސިއްހީ ޚިދުމަތްތެރިންނަށް އެކަމުގެ ބުރަ ބޮޑުވެ، ވަރުބަލިވާނެ ކަމަށެވެ. އެގޮތަށް ވަރުބަލިވެގެން ދިއުމުން އޭގެ ބަދަލުގައި ނުކުމެ ފަރުވާދޭން ތިބޭ މީހުން މަދުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކޮވިޑްގެ ބަލިމީހުންނަށް ފަރުވާދޭ ސިއްހީ ހިދުމަތްތެރިންނަށް ބުރަ ބޮޑުވާނެ ވަރު ސިފަކޮށްދެއްވުމަށް ޓަކައި އެމީހުންގެ މަސައްކަތުގެ މާހައުލު އޮންނަ ގޮތުގެ ބައެއް ތަފްސީލުތައް ވެސް އޭނާ ދެއްވި އެވެ. މުރާދު ވިދާޅުވީ އާއްމު ހާލަތުގައި ބަލި މީހަކު ބަލަހައްޓާހެން ކޮވިޑްގެ ބަލިމީހުން ބެލެހެއްޓެން ނޯންނަ ކަމަށާއި ސިއްހީ އެހީތެރިން ވެސް ވަކި ކަންތައްތަކަށް ފުރިހަމަ ކުރަން ޖެހޭ ކަމަށެވެ.

"އެ މަސައްކަތަކީ ޕީޕީއީ އަޅައިގެން ކުރަން ޖެހޭ މަސައްކަތަކަށްް ވާތީވެ ސިއްހީ އެހީތެރިންނަށް ވެސް ވަރަށް އުނދަގޫ ކަމަކަށްވޭ އެ އެއްޗިހިތައް ލައިގެން ތިބެ ބަލި މީހުންނަށް ހިދުމަތް ކުރުމުގައި ގިނަ ވަގުތުތަކެއް ހޭދަކުރަން. ޑިއުޓީގައި އުޅޭ އިރު އެމީހުން ވެސް ވަރަށް ފަސޭހައިން ވަރުބަލިވޭ. ޕީޕީއީ އަޅައިގެން ހުންނަ އިރުގައި އެއްވެސް އެއްޗެއް ނުކެވި ނުވަތަ ފެން ފޮދެއް ވެސް ނުބޮވި، [ތިބޭއިރު]، " މުރާދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި މަސައްކަތްކޮށް ވަރުބަލިވުމުގެ އިތުރުން ސިއްހީ ހިދުމަތްތެރިން ކޮވިޑަށް ޕޮޒިޓިވްވަމުން ވެސް އެބަދެ އެވެ. އެގޮތުން މިހާތަނަށް 121 ސިއްހީ އޮފިޝަލުން އެ ބައްޔަށް ޕޮޒިޓިވްވެފައިވާ ކަމަށާއި އެގޮތަށް ދިމާވުމުން އެ ތަން ފޫބައްދަން އެހެން ބަޔަކު ގެންނަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. ވަސީލަތްތައް އިތުރުކުރުމުގެ މަސައްކަތް ފުރަތަމަ ދުވަހުން ފެށިގެން ވެސް ކުރަމުން އަންނަ ކަމަށާއި އެކަމަކު އިންސާނީ ވަސީލަތް މާ މުހިއްމު ކަމަށް އޭނާ ވިދާޅުވި އެވެ.

"އެއީ އަޅުގަނޑމެންނަށް އެނދެއް ހުއްޓަސް، އެހެން އާލާތްތަކެއް އެނދު ކައިރީގައި ހުރިކަމުގައި ވިޔަސް، އެ އެއްޗިހި ބޭނުންކުރަން ނުވަތަ ބަލިމީހާއަށް އެ ފަރުވާދޭން ބޭނުންވާ ސިއްހީ އެހީތެރިން ނުވަތަ އިންސާނީ ވަސީލަތް ނެތް ކަމަށް ވަންޏާ އެ އެއްޗިހިން ބޭނުމެއް ނުއެއް ފުދޭނެ،" މުރާދު ވިދާޅުވި އެވެ.

ރާއްޖޭގައި ކޮވިޑް-19 ފެތުރޭ ވަރު މި އޮގަސްޓް މަހު ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. މި މަހު ކޮންމެ ދުވަހަކު ހެން 100 އަށް ވުރެ ގިނަ މީހުން އެ ބައްޔަށް ޕޮޒިޓިވް ވަމުން ދާއިރު އޭގެ ތެރޭގައި ގިނައީ ދިވެހިންނެވެ. ކޮވިޑްގެ ކޭސްތައް މިހާ ބޮޑަށް އިތުރުވާ ނަމަ މެނޭޖް ނުކުރެވިދާނެ ކަމުގެ ކަންބޮޑުވުން ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް) އިން ރޭ ފާޅުކުރި އެވެ.

ރާއްޖޭގައި މިހާތަނަށް ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 6،700 އަށް ވުރެ މަތިވެފަ އެވެ. މިއީ އާބާދީގެ ނިސްބަތުން ބޮޑު އިތުރުވުމެކެވެ.