24 އޯގަސްޓް 2020 - 22:49

ރާއްޖެ އިން އަލަށް ކޮވިޑް ޖެހުނު މީހުންގެ އަދަދު އެހެން ދުވަސްތަކެކޭ އެއްގޮތަށް މިއަދު ވެސް 100 އިން މައްޗަށް އަރައިފި އެވެ.
އެޗްޕީއޭ އިން މިރޭ ކުރި ޓުވީޓެއްގައި ބުނީ، އިއްޔެ ހަވީރު 6 އިން މިއަދުގެ ހަވީރު އާ ހަމައަށް 133 މީހަކު އަލަށް ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ.
އެ އިދާރާ އިން ބުނީ، މިދިޔަ 24 ގަޑިއިރުގެ ތެރޭގައި އަލަށް ކޮވިޑަށް ޕޮޒިޓިވްވި 133 މީހުންގެ ތެރެއިން 103 މީހުންނަކީ ދިވެހިން ކަމަށެވެ. އެހެން މީހުންގެ ތެރޭގައި ދެން ތިބީ ބަންގްލަދޭޝްގެ 15 މީހަކާއި އިންޑިއާގެ އަށް މީހަކާއި ޔޫއޭއީގެ ދެ މީހަކާއި އިނގިރޭސި ވިލާތުގެ ދެ މީހަކާއި ސްރީ ލަންކާގެ ދެ މީހެއް އަދި ނޭޕާލްގެ މީހެކެވެ.
ކޮވިޑް-19 ރާއްޖޭގައި ފެތުރޭ ވަރު މި އޮގަސްޓް މަހު ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. މި މަހު ކޮންމެ ދުވަހަކު ހެން 100 އަށް ވުރެ ގިނަ މީހުން އެ ބައްޔަށް ޕޮޒިޓިވް ވަމުން ދާއިރު އޭގެ ތެރޭގައި ގިނައީ ދިވެހިންނެވެ. ކޮވިޑްގެ ކޭސްތައް މިހާ ބޮޑަށް އިތުރުވާ ނަމަ މެނޭޖް ނުކުރެވިދާނެ ކަމުގެ ކަންބޮޑުވުން ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް) އިން ރޭ ފާޅުކުރި އެވެ.
ރާއްޖޭގައި މިހާތަނަށް ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 6،700 އަށް ވުރެ މަތިވެފަ އެވެ. މިއީ ރާއްޖެއާ އަޅައި ބަލާއިރު މާ އާބާދީ ބޮޑެތި ގައުމުތަކާ ގާތްކުރާ އަދަދެކެވެ.