އަހަންނަކީ ޖިންނިއެއް
އަހަންނަކީ ޖިންނިއެއް

(އާދިއްތަ ދުވަހުގެ ނޫހާ ގުޅޭ)

"އަރިޔަސިރީ." ޒަރުމިން ބުންޏެވެ.

ޖިންނިޝައިތާނުންގެ ތެރޭގައި، އެ އެއްޗެއްގެ ހުނަރަށް މަގުފަހިވާ ގޮތަށް ގުނަވަންތައް އުފެދިފައިވާ ޝައިތާނުން ތިބެއެވެ. ޒަރުމިންއަކީ އެހުމުން ވައްކަންކުރާ ޖިންނިއެކެވެ. ކަންފަތް ބޮޑީ އެހެންވެއެވެ. އެއްގަމުގައި ހަލުވިކޮށް ދުވުމުގެ ކުޅަދާނަކަން ލިބިފައިވާ ޝައިތާނުންގެ ދެ ފައި ހުންނަނީ އަހެއްގެ މޮށްގަނޑުހެންނެވެ.

"މިހާރު ދެން ސިހުރުލާން ޖިންނި ފޮނުވުން ހުއްޓާލީތަ؟" ހާދީ އެހިއެވެ.

"ފޮނުވޭތަ؟" ހިތްހަމަނުޖެހިފައި ޒަރުމިން ބުންޏެވެ. "ފޮނުވާއިރަށް ކަލޭ އެބަ އިސްލާމް ކުރޭ. އެހެންނޫނީ މަރާލާ. އެންމެ ފަހުން ކުރި ހަނގުރާމައިގަ އެކަނި ވެސް ފަންސާސް ފަސް ހާސް ހަނގުރާމަވެރިން މަރުވި. ކަލޭދެކެ ބިރުން އެއްވެސް ޒުވާނެއް ބޭނުމެއް ނުވޭ މި ތަނަށް އަންނާކަށް. ދެން އަހަރެން ކަހަލަ މުސްކުޅިން އަންނަން މި ޖެހެނީ. މީ ދެން ކިހާ ބޮޑު އުނދަގުލެއް."

ހާދީއާ ދިމާއަށް ޒަރުމިން އެއްޗެހި ކިޔަން ފެށިއެވެ. ވާހަކަދައްކައިގެން ޒަރުމިން މައިތިރި ނުކުރެވުމުން ހާދީ އަދަބުދިނެވެ. ފެންޖެހިއެވެ. ޖެހުމާއެކު ޒަރުމިންގެ އަތް ގިރެން ފެށިއެވެ. މަރަށް ތެޅޭ މަހެއް ފަދައިން އޭނަ ތެޅެން ފެށިއެވެ. އެ ހުރިހާ ލޮޅުމެއް އަންނަނީ އަހަރެންގެ ހަށިގަނޑަށެވެ. ޒަރުމިންގެ އަތުގައި އަޅާ ވޭން ވެސް އަހަންނަށް އިހުސާސް ކުރެވުނެވެ.

"ތިހާ މުސްކުޅިވީމަ ދެން ކަލޭ ވެއްޖެއްނު ތި ޖާހިލުކަން ދޫކޮށްލަން،" ވިސްނައިދޭ ކަހަލަ ރާގެއްގައި ހާދީ ބުންޏެވެ. "ކަލެއަށް މިހާރު ކިތައް އަހަރު؟"

"އެއް ހާސް ހަ ސަތޭކަ އަހަރު." ވޭނަށް ކެތްކުރަމުން ޒަރުމިން ޖަވާބުދިނެވެ.

"އެހެންތަ؟" ހާދީ ވިސްނައިލައިފައި ބުންޏެވެ. "އެހެންވިއްޔާ އަހަރުމެންގެ މާތް ރަސޫލާގެ ދުނިޔޭގަ ވެސް ކަލޭ ދުނިޔޭގަ ހުރީމެއްނު. ތީ ކިހާ ނުވިސްނޭ، ގަމާރު މަޚްލޫޤެއް. އޭރުއްސުރެންނޭ ކަލޭ ތި ހުންނަނީ އިސްލާމް ނުވެ."

"އާނ!" އަޑަށް ބާރުލައިފައި ޒަރުމިން ބުންޏެވެ. "އަހަރެން ދަންނަން ކަލޭމެންގެ ނަބިއްޔާ. ކިޔަނީ މުހަންމަދެއްނު."

މާތް ނަބިއްޔާގެ ނަންފުޅު އެހާ އަދަބު ކުޑަކޮށް ކިޔުމުން ހާދީ ގާތަށް ވަރަށް ރުޅިއައެވެ. ޖިންނީގެ ކަރުގައި ކަނޑި ޖެއްސިއެވެ. ބިރުން ޖިންނި ތެޅިފޮޅިގަތެވެ.

"އާއާ ކަލޭމެންގެ މާތް ރަސޫލާ،" ޒަރުމިން މަޑުމައިތިރިކަމާ އެކުގައި ބުންޏެވެ. "އާނ އަހަރެން އޭރު ދުނިޔޭގަ ހުރިން. އެކަމަކު ޤުރުއާން ބާއްވާލެއްވީމަ އެ އަޑު އިވިދާނެތީ އަހަރެން އޮތީ ކަނޑުގެ އެންމެ އަޑީގަ. އަހަރެން ބޭނުމެއް ނޫން ކަންފަތަށް އެ އަޑު އިއްވާކަށް."

"ބަލަ ކަލޭ ޤުރުއާންދެކެ ތިހާ ބިރުގަންނަންޏާ އެ އަށް އީމާންވާންވީކީ ނޫންތަ؟" ހާދީ ސުވާލުކުރިއެވެ.

"އޭރު ވެސް މަށަކީ އިބިލީހުގެ އަޅެއް. ސިހުރުވެރިއެއް،" ޒަރުމިން ފަސްޖެހުމެއް ނެތި ކިޔައިދިނެވެ. "އޭރު މަ އޮތީ ކަސްތަޅުއަޅުވާފަ. މަށަކަށް ނުދެވޭ އެއްވެސް ތާކަށް. އެ ކަލޭގެފާނު ދުނިޔެ ދޫކުރެއްވި ފަހުން މަށަށް މިނިވަންކަން ލިބުނީ."

"އެހެވީމަ މިހާރު ދެން ކަލޭ އިސްލާމް ވާންވީނު. ރަނުގެ ފުރުޞަތެއް މި ލިބުނީ،" ހާދީ ވިސްނައިދިނެވެ. "އޭރުން ކުރެވުނު ހުރިހާ ފާފައެއް ފުހެވުނީ. ސުވަރުގެއަށް ދެވުމުގެ ފުރުޞަތު ބޮޑުވީ."

ހާދީ ވަރަށް ނަސޭހަތް ދިނެވެ. ކުއްލިއަކަށް އަހަރެންގެ މޫނުމައްޗަށް އަނދިރިވާން ފެށިއެވެ. ތަންތަން ފުސްވާން ފެށިއެވެ. އަހަންނަށް ފެންނަމުންދިޔައީ ޒަރުމިންއަށް ތަންތަން ފެންނަ ގޮތެވެ.

"އަހަރެން މަރުވަނީކަންނޭނގެ. ފާޑެއްގެ ގޮތްތަކެއް އެބަ ވޭ،" ޒަރުމިން ރޮއިގެންފައި ބުންޏެވެ. "މަ ބޭނުން އިސްލާމް ވާން."

ހާދީ ޝަހާދަތް ކިޔައިދިނެވެ. އަޑުދަށުން ޒަރުމިން ވެސް ޝަހާދަތް ކިއެވެ. އެއްކޮށް ކިޔާ ނިމުނުއިރު އޭނަގެ ނޭވާ ހުސްވަމުންދާކަމުގެ އިހުސާސް އަހަންނަށް ކުރެވެން ފެށިއެވެ. އެންމެ ފަހުން ނޭވާ ހުއްޓި އޭނަ މަރުވިއެވެ. ބުނާނެ އެއްޗެއް ނޭނގިފައި، އިރުކޮޅެއް ވާންދެން އަހަންނަށް އޮވެވުނެވެ. އެ ފަދަ ބޮޑު ނަސީބެއް ލިބޭނީ މަދު ފަހަރަކުއޭ ހިތަށްއެރިއެވެ. ސުވަރުގެ ލިބޭނެކަން ނުވަތަ ނޫންކަން އެއީ އަހަންނަށް އެނގޭ އެއްޗެއް ނޫނެވެ. އެކަމަކު، ސުވަރުގޭގެ މަތިވެރި ނިޢުމަތް ޒަރުމިނަށް ދެއްވުމަށް އަހަންނަށް ހިތާހިތުން އެދެވުނެވެ.

ރުޤްޔާ ދަސްކުރުމުގެ މަސައްކަތް ފެށިތާ ދެވަނަ ރެއެވެ. ކަން ކުރާނެ އެންމެ ހެޔޮ ގޮތް ނޭނގުނު ނަމަވެސް، ތަޖުރިބާތަކެއް ދިޔައީ ލިބެމުންނެވެ. އޭރު ޖިންނިޝައިތާނުންގެ އުނދަގޫ ނުވާ ރޭތައް ވެސް އަންނަން ފަށައިފިއެވެ. އަހަންނަށް އެނގެއެވެ. އަހަރެންގެ މިސްރާބު ރަނގަޅެވެ. ނަތީޖާ ވެސް ރަނގަޅެވެ. ސަލާމަތް ވެވޭނެކަމުގެ ކޮޅުމަތި ފެންނަން ފެށިއެވެ. އެކުއެކުގައި، ރުޤްޔާ ކުރުމުގެ ހުނަރު އިތުރުވަމުންދިޔައެވެ. އެހެން ރާޤީންނާއި އަހަރެންނާ ދެމެދުގައި ހުރި ތަފާތަކީ، އަހަރެން ރުޤްޔާ ކިޔަވާއިރު އަހަންނަށް ޖިންނިޝައިތާނުންގެ ދުނިޔެ ފެންނަކަމެވެ. އެހެންވެ، އެ ކަން އެނގޭ މީހުން އޭގެ ފައިދާ ނަގަން މަސައްކަތް ކުރިއެވެ. ރުޤްޔާ ކިޔެވުމުގައި ކުރުން ހުއްދަ ނޫން ކަންކަން އަހަރެންލައްވާ ކުރުވިއެވެ. އެ ފަދަ ދުވަސްތަކުގެ ތެރެއިން ދުވަހެކެވެ.

"ހުމޭރަށް އެ މަންޒަރު ފެނެއެއްނުދޯ؟" އެ ކަމުގައި ވެސް އިސްކޮށް އުޅުނު ހާދީ ބުންޏެވެ. "ތުލުސްދޫގަ އުޅޭ މުންތަސިރު ކިޔާ މީހެއްގެ ގެ ބަލައިލަން ބޭނުންވެގެން މި އުޅެނީ. ބަލައިލަބަލަ ސިހުރު ހަދާފަ ހުރީ އެ ގޭގެ ކޮންތާކަށްތޯ؟ އެބަޖެހޭ އެ ބާތިލުކުރަން."

ފުރަތަމަ އަހަރެން "ދިޔައީ" މުންތަސިރުގެ ގޭދޮށަށެވެ. އެ ގެ ކައިރީގައި ވަޅުތަކެއް ކޮނެފައި ހުއްޓެވެ. އެ ވަޅުގައި ހުރީ ނަޖިހާއި، މުޅަވެފައިވާ އެކި ކަހަލަ ޖަނަވާރެވެ. ދުވާ ވަހުން ނޭވާލާން އުނދަގުލެވެ. ސިހުރުވެރިންގެ ވަށައިގެންވާ މާޙައުލު މުޑުދާރުކޮށްގެން ނޫނީ ސިހުރުގެ ބާރުތަކެއް ޝައިތާނާ ނުދެއެވެ. އެ ކަން އަހަންނަށް އެނގެއެވެ. ދެން އަހަންނަށް ފެނުނީ އެ ބުނި ގެއެއްގެ އެތެރެއެވެ. ފެންނަ ހުރިހާ އެއްޗެއް ހާދީއަށް އަހަރެން ކިޔަދިނީމެވެ. މުންތަސިރު ބުނި ގޮތުގައި އަހަރެން ކިޔައިދިނީ ހަމަ ސީދާ އެ ގެ ހުރި ގޮތަށެވެ. ކުޑަ ވެސް ތަފާތެއް ނެތެވެ. ގެއަކީ ކުރީ ޒަމާނުގެ ގެއެކެވެ. ފާރުތައް ރާނާފައި ހުރީ ތެޅިގަލުންނެވެ. އެ ގޭގައި ލޫވަދޮރުތަކެއް ހުއްޓެވެ. ލޫވަތައް ހުރީ ނަގައިފައެވެ. ބަދަލުގައި ހުރީ ކަޅު ފޮތި ދަމައިފައެވެ. އެ ހިސާބުން ހާދީ ކިޔާ އަޑު އިވުނީ ފަރުދާ ކަޝްފު ކުރުމަށްޓަކައި ކިޔާ އާޔަތްތަކެވެ. ކިޔައިލުމާއެކު ކުރިން ނުފެންނަ އެއްޗެހިތަކެއް އަހަރެންގެ ލޮލަށް ހާމަވިއެވެ. މުޅި ތަނުގައި ހަރުފަތައް އުތުރިއަރަން ފެށިއެވެ. އެ ތަނަށް އައި ޖިންނިއަކީ އެހާ ތަނަށް އަހަރެން ދުށް އެންމެ ބިރުވެރި މަޚްލޫޤެވެ. ވައްތަރީ މުސްކުޅި ދައިތައަކާއެވެ. އޭނަ ލައިގެން ހުރީ ރަތްކުލައިގެ ލިބާހެކެވެ. ހަންގަނޑު ވެސް ހުރީ ރަތްކުލައިގައެވެ. ތޫނު ދަތްތަކެއް ހުއްޓެވެ. ނިތްކުރިމަތީގައި، ކޮޅު ތޫނު ދަޅެއް ފަޅައިފައި ހުއްޓެވެ. އޭނަގެ ބުރިކަށިން ފަޅައިފައި ހުރީ، މަހުގެ ފަޅައިފައި ހުންނަ ކަހަލަ ކޮތަރިބައެކެވެ. އޭގެ ކަށިތައް ހެދުމުން ބޭރަށް ނުކުމެފައި ހުއްޓެވެ. ކޮންމެވެސް ބާވަތެއްގެ ދިޔަތަކެއް އެ ކަށިތަކުގެ ބުޑުން ފައިބައިފައި ހުއްޓެވެ. އޭނަގެ ގާތުގައި ބޮޑެތި ޖިންނިޝައިތާނުންތަކެއް ތިއްބެވެ. ކަޅުކަމުން ހީވަނީ ދެލިގަނޑެއްހެންނެވެ. އޭނަގެ ކުރިމަތީގައި ބޮޑު ހުޅުގަނޑެއް ރޯވެ އަނދަން ފެށިއެވެ. އެ ޝައިތާނާ ކިޔާ ބަނދިވަރުތަކަށް ހުޅުގަނޑު ނަށާ ކަހަލައެވެ. ބޮޑުވެ ކުޑަ ވެސް ވިއެވެ. ޝައިތާނާގެ މޫނު ހުރީ ހުޅުގަނޑުގެ އަލިން ދިއްލިފައެވެ. އިރުކޮޅެއް ނުވެ އެ ޝައިތާނާއަށް އަހަރެން ފެނުނެވެ.

"ކަލޭ!" ބަރު އަޑަކުން ޝައިތާނާ ހޭރިގަތެވެ. "މަ އަންނާނަން ކަލޭ ކައިރިއަށް. ހާދީ ދާއިރަށް މަ އަންނާނަން."

އަހަރެން ވަރަށް ބިރުގަތެވެ. ފައި ތުރުތުރުއަޅަން ފެށިއެވެ.

"އޭނަދެކެ އެއްވެސް ބިރެއް ގަންނާނެކަމެއް ނެތް،" ހާދީ ބުނެލި އަޑު އިވުނެވެ. "ބާރު އޮތީ އަހަރުމެންގެ އަތުގަ."

ހާދީ ނިކަން އަޑު ހަރުކޮށް ކިޔަވަން ފެށިއެވެ. ކުއްލިއަކަށް ޝައިތާނާ ގެއްލުނެވެ. އަހަރެން އެ ތަނުން ނުކުތީމެވެ. ކުރިމަތީގައި ހުރީ ވަރަށް ބޮޑު ގަހެކެވެ. ގަހުގައި ބިޔަ މީހަކު އިނެވެ. އެ މީހާ ހުރީ ބަނދެފައެވެ. އަހަންނަށް އެނގުނު ގޮތުގައި އެ މީހާއަށް ހުރީ ސިހުރުހަދައިފައެވެ. އެ ސިހުރު ބާތިލު ކުރެވުނެވެ. ހިކި ކިރު ބަންދުކޮށްފައި ހުންނަ ދަޅުދަޅަށް ލައިފައި ވެސް ސިހުރު ވަޅުލައިފައި ހުއްޓެވެ. އޭގައި ހުރި އެއްޗެއްސަކީ އެ ތަކެތި ފާވާ ވަރަކަށް މީހާއަށް ބޮޑުވަރު ވާ ގޮތަށް ހަދައިފައި ހުރި ސިހުރެވެ. އެ ރަށުގެ ތުނޑިޔާ ދިމާ ފަރުގައި ހުރި ހޮހަޅައެއްގައި ދިރިއުޅޭ ވެނަކަށް ވެސް ސިހުރު ހަދައިފައި ހުއްޓެވެ. ސިހުރު ހަދައިފައި ހުރީ މަސް، ކޮންމެވެސް ގޮތަކުން ވެނަށް ކާންދީގެންނެވެ. ވެނުގެ ގޮހޮރުގައި އެ މަސް އޮވެގެން ހަޖަމުވާ ވަރަކަށް، ސިހުރު އަމާޒުވާ މީހާގެ ހާލުދެރަވާ ގޮތަށެވެ. މަރާލާކަށް އެއްވެސް ސިހުރެއް ހަދައިފައެއް ނެތެވެ. ހުރިހާ އެއްޗެއް ވެސް ހަދައިފައި ހުރީ އަނިޔާ ދިނުމަށްޓަކައެވެ. މަރު ނުވެ ވޭނުގައި ގިނަ ދުވަހު ތެޅުވުމަށްޓަކައެވެ. ހުރިހާ ސިހުރެއް ބާތިލު ކުރެވުމުން އެ ދުވަހުގެ ކިޔެވެލި ނިންމައިލިއެވެ. ހާދީ ގެއަށް ދިޔައެވެ.

އަހަންނަށް ސިހުރުހަދާ މީހުން އެ ކަން ހުއްޓައެއް ނުލިއެވެ. އަހަރެން ސަލާމަތްކޮށްދޭން އުޅޭ މީހުންގެ މަސައްކަތަށް ހުރަސް ވެސް އެޅިއެވެ. ކެނޑިނޭޅި އެ މީހުން އެ މަސައްކަތް ކުރިއެވެ. ސިހުރުން ސަލާމަތްވުމަށް ޓަކައި، ކިރިޔާ ވެސް ވެގެންވާ ނަމަ، އަމިއްލައަށް ރުޤްޔާ ކިޔަވަންޖެހޭ ސަބަބަކީ އެއީއެވެ. އަހަންނަށް އެ ކަން ދަސްކޮށްދިން ދުވަސްވަރު، ކުޑަކުޑަ ފޮތެއް ހާދީ ދިނެވެ. އެ ބަލައިގެން ދަސްކުރުމަށްޓަކައެވެ. އަހަރެން އެ ފޮތް ބާއްވަނީ އަހަރެންގެ ޖީބުގައެވެ. އެހެން އުޅެނިކޮށް އެ ފޮތް އަހަންނަށް ގެއްލުވައިލިއެވެ. އެ ފޮތެއް ދެނެއް ނުފެނުނެވެ. ޖިންނިޝައިތާނުންނަކީ އެއްޗެހި ގެއްލުވައިލަން ކުޅަދާނަ ބަޔެކެވެ. ހަމަ އެހެންމެ، ރައްކާތެރިކަމުގެ ފަރުދާގައި ކިތަންމެ ކުޑަ ލޯވަޅެއް އެޅުނަސް، އޭގެތެރެއިން ޝައިތާނުން ދެމިގަނެއެވެ. ހަލުވިކަމާއި ހުސިޔާރުކަމާ އެކުގައެވެ. ހާދީގެ ލޭގެ ތެރެއަށް ޝައިތާނާ ދެމިގަތީ، ދުއާ ކިޔަން ހަނދާން ނެތި ފާޚާނާއަށް ވަދެވުނު ވަގުތަކުއެވެ.

ނުނިމޭ