24 އޯގަސްޓް 2020 - 13:14

ނ. ލަންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް އެމްޓީސީސީން މިއަދު ފަށައިފި އެވެ.
މި މަޝްރޫއުގެ ދަށުން 25،000 އަކަ މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 256 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށި ލާނެ އެވެ. އަދި 401 މީޓަރު ސަރަހައްދެއްގެ ބޭރުތޮށިލުމާއި 60 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް ވެސް ކުރާނެ އެވެ.
މީގެ އިތުރުން ބަނދަރުގެ 1,280 އަކަމީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެފުމާއި ބަނދަރު ބައްތި އާއި ނެރު ބައްތި ޖެހުމުގެ މަސައްކަތް ވެސް މި މަޝްރޫއުގެ ދަށުން އެމްޓީސީސީން ކުރާނެ އެވެ.
ޕްލޭނިން މިނިސްޓްރީން އެމްޓީސީސީއާ ހަވާލުކޮށްފައިވާ މި މަޝްރޫއަށް 35.6 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް އެ ކުންފުނިން ލަފާ ކުރެ އެވެ.
މި މަސައްކަތް އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ. މަސައްކަތް ހަވާލު ކުރާތާ 420 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމުމަށް ޕްލޭނިން މިނިސްޓްރީ އާއި އެމްޓީސީސީއާ ދެމެދު ވަނީ އެއްބަސްވެފަ އެވެ.